އަންހެން ވިޔަފާރިވެރިންނަށް 6.5 މިލިއަން ޑޮލަރުގެ ލޯނު ފެސިލިޓީއެއް ތައާރަފްކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ، ހަތަރުވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ކޮންފަރެންސްގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ. މުއިއްޒު ވިދާޅުވީ، މިފަދަ ފޯރަމްތަކުގެ ސަބަބުން އުންމީދު ލިބިވަޑައިގަންނަވާ ކަމަށާއި ތިން ކަމަކަށް ފިޔަވަޅުއަޅަން ނިންމަވާފައިވާ ކަމަށެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ޒުވާން ވިޔަފާރިވެރިންގެ އިންވެސްޓްމަންޓްތައް އިޝްތިހާރު ކުރުމަށާއި، ލޯކަލް ކޮމިއުނިޓީތައް ބާރުވެރިކުރުވުމާއި، ޕާޓްނާޝިޕްތައް ގާއިމުކޮށް ތަޖުރިބާ ހިއްސާކުރުމަށް ޕްލެޓްފޯމްތައް ފޯރުކޮށްދިނުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މީގެ ތެރެއިން ކޮމިއުނިޓީތައް ބާރުވެރި ކުރުމަށް ކުރަން ނިންމާފައިވާ މަސައްކަތްތަކުގެ ތެރެއިން އަންހެން ވިޔަފާރިވެރިންނަށް 6.5 މިލިއަން ޑޮލަރުގެ ލޯނު ފެސިލިޓީއެއް ތައާރަފްކުރަން ސަރުކާރުން ނިންމާފައިވާ ކަމަށާއި އޭގެތެރެއިން 25 ޕަސެންޓް ލޯން ދިނުމަށް ހަމަޖެހިފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ވިޔަފާރިތައް ބާރުވެރިކުރުމަކީ، މި ސަރުކާރު ހިންގުމުގެ ގާބިލުކަން ބާރުވެރިކުރުވުން ކަމަށާއި އިންކްލޫސިވިޓީއަށް އިސްކަންދީ، ލޯކަލް ކޮމިއުނިޓީތައް ބާރުވެރިކޮށްގެން، ވިޔަފާރިތަކާއި ސަރުކާރުތަކުގެ މެދުގައި ގުޅުން ބަދަހިކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ގުޅުމުގެ ސަބަބުން އުމްރާނީ ތަރައްގީން ފެށިގެން ކާރިސާގެ ނުރައްކާ ކުޑަކުރުމާ ހަމައަށް އެއް އަމާޒެއް ހާސިލްކުރުމަށް މަސައްކަތް ކުރެވޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ދިވެހި މުޖުތަމައުތައް ބާރުވެރި ކުރުވުމުގައި ރާއްޖެއިން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައި ކަން ފާހަގަކުރެއްވިއެވެ. މި ސަރުކާރުން އަންހެން ވިޔަފާރިވެރިންނަށް ލޯން ދޫކުރމަށް ނިންމާފައިވާ އިރު، އިގްތިސޯދީ ގޮތުން އަންހެނުން ބާރުވެރިކުރުވުމަށް އިންވެސްޓްކުރުމަކީ މި ގައުމަށް ލިބިގެން ދާނެ ކުރިއެރުމެއްގެ ގޮތުގައި މުއިއްޒު ސިފަފުޅު ކުރެއްވިއެވެ.