ބޮލީވުޑްގައި އުފެދުނު އެންމެ މޮޅު އެކްޓަރު ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޝާހްރުކް ހާނަށް ހީޓް ސްޓްރޯކެއްޖެހި ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.
މިދިޔަ އަންގާރަ ދުވަހު އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) މެޗުތައް ބެލުމަށް އަހްމަދުއާބާދަށް ގޮސް އުޅެނިކޮށް އިއްޔެ އެކްޓަރަށް ހީޓް ސްޓްރޯކެއް ޖެހިގެން އަހުމަދުއާބާދުގައި ހުންނަ ކޭޑީ ހޮސްޕިޓަލަށް ވަގުތުން ގެންދިޔައެވެ. އަދިވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ޝާހުއަށް ފަރުވާދެމުން އަންނައިރު ޝާހު ގެ ޓީމު ކޮލްކަތާ ނައިޓް ރައިޑާސް މެޗް ކުޅުނު ސްޓޭޑިއަމްވައި ހޫނުމިން 45 ޑިވްރީއަށް ވުރެ މަތިކަމަށް ހަބަރުތައް ބުނެއެވެ.
ޝާހު އެޑްމިޓް ކުރި ހަބަރާއެކު ބޮލީވުޑްގެ ބަތަލާ ޖޫހީ ޗައުލާ އާއި ގޯރީ ހާން ހޮސްޕިޓަލަށް ޒިޔާރަތް ކޮށް ޝާހުއާ ބައްދަލުކޮށްފައި ކަމަށް ހަބަރުތައް ބުނެއެވެ. ޝާހުއަށް ޖެހުނު ސްޓްރޯކާ ގުޅޭ އިތުރު ތަފްސީލް ހޮސްޕިޓަލުގެ ޑަކްޓަރުން ސްޓޭޓްމަންޓެއްގެ ޒަރިއްޔާ އިން ވަރަށް އަވަހަށް ނެރޭނެކަމަށް ރިޕޯޓްތައް ބުނެއެވެ.
އުމުރުން 26 އަހަރުގައި 1992 ވަނަ އަހަރު ނުކުތް ފިލްމު "ދީވާނާ" އިން ބޮލީވުޑްގައި ފައިތިލަ ސާބިތުކޮށްލި އެކްޓަރު ޝާހްރުކް ވަނީ ގިނަ ބައެއްގެ އިހްތިރާމާއި ލޯބި ހޯދާފައެވެ. ބެލުންތެރިންގެ އިތުބާރު ހޯދާފައިވާ އެކްޓަރުގެ އެންމެ ފާހަގަކޮށްލެވޭ ކުރީގެ ފިލްމުތަކުގެ ތެރޭގައި "ދިލްވާލޭ ދުލްހަނިޔާ ލޭޖާއެގޭ (ޑީޑީއެލްޖޭ)، "ކުޗްކުޗް ހޯތާ ހޭ" އަދި "ކަލްހޯނާ ހޯ" ހިމެނެއެވެ. މިިދިޔަ އަހަރު އޮން ސްކްރީނުން ތިން ފިލްމަކުން ފެނިގެންދިޔައިރު އެންމެ ބޮޑު ކާމިޔާބީއެއް ލިބުނީ އޭނާގެ ފިލްމު "ޖަވާން" އަށެވެ. އުމުރުން 58 އަހަރުގެ އެކްޓަރު ވަނީ އޭނާގެ 30 އަހަރަށްވުރެ ގިނަދުވަސްވީ ކެރިއަރުގައި 107 އަށްވުރެ ގިނަ ފިލްމު ކުޅެދީފައެވެ. މިއަހަރުވެސް އެކްޓަރު ފިލްމެއްގެ މަސައްކަތްކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް އަދި އެ ފިލްމާ ގުޅޭ މާ ބޮޑު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.