ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ކެޓްރީނާ ކައިފް އިނީ ބަލިވެ ކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

ކެޓްރީނާ އާއި އޭނާގެ ފިރިމީހާ އެކްޓަރު ވިކީ ކޯޝަލް ލަންޑަނުގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށް މަގުމަތިން ދެމީހުން ހިނގާފައި ދަނިކޮށް ނަގާފައިވާ ވީޑިއޯ އެއް ވައިރަލް ވުމާއެކު ގިނަ ބަޔަކު ބުނަމުން ދަނީ ކެޓްރީނާ ބަނޑުބޮޑު ކަމަށެވެ. އެ ވީޑިއޯގައި ކެޓްރީނާގެ ބަނޑު ކޮންމެވެސް ވަރަކަށް ބޮޑުތަން ފެންނައިރު ބައެއް މީހުން ބުނީ އެ ވީޑިއޯގައި ކެޓްރީނާގެ ހިނގުން ވެސް ހުރީ ތަފާތުކޮށްކަމަށެވެ. އަދި ދީޕިކާގެ ބަނޑަށްވުރެ ކެޓްރީނާގެ ބަނޑުވެސް ބޮޑު ކަމަށް ގިނަ ބަޔަކު ބުންޏެވެ.

ކެޓްރީނާ ބަލިވެއިން ވާހަކަ ފެތުރެމުން ދިޔަނަމަވެސް އެ ވާހަކައަށް ދެތަރިން ކުރެ އެއްވެސް ތަރިއެއް ވާހަކަ ދައްކާފައެއް ނުވެއެވެ. ކެޓްރީނާ އާއި ވިކީ ލޯބީގެ ގޮތުން ގުޅުނީ 2018 ވަނަ އަހަރުގެ ފަހުކޮޅުއެވެ. ނަމަވެސް އެ ވާހަކަ ބޭއްވީ ބޮޑު ސިއްރެއްގެ ގޮތުގައެވެ. މީޑިއާތަކަށްވެސް އެވާހަކަ އޮތީ ސިއްރެއްގެ ގޮތުގައެވެ. ނަމަވެސް އޭގެ ފަހުން ދެމީހުން ބޭރުން ގިނަ ގިނައިން ފެންނަމުން ދާންފެށުމުން ޕަަޕަރާޒީންގެ ލޯތަކަށް ދެމީހުން އަމާޒުވެ މީޑިއާތަކުގައި އެކި ގޮތްގޮތަށް ވާހަކަ ދެކެވުނެވެ. ނަމަވެސް އޭރުވެސް ދެމީހުން އެކަކު އަނެކަކާ ގުޅިގެން އުޅޭކަމަށް އެއްބަހެއް ނުވެއެވެ. އޭގެ ފަހުން 2021 ވަނަ އަހަރު ވަރަށް ޕްރައިވެޓް ހަފްލާއެއްގައި ދެމީހުން ކައިވެނިކޮށް ސޯޝަލް މީޑިއާގައި ކައިވެނީގެ ފޮޓޯތައް ހިއްސާކޮށް އެ ގުޅުން ރަސްމީ ކުރިއެވެ.