ބޮލީވުޑްގެ ބަތަލާ ޔަމީ ގޯތަމް އަށް ފިރިހެން ކުއްޖެއް ލިބިއްޖެއެވެ.

މި އަހަރު ފެބްރުއަރީ މަހު ބަލިވެއިންކަން ހާމަކުރި ބަތަލާ ޔަމީ އަށް ފިރިހެން ކުއްޖެއް ލިބުނު ކަން ހާމަކުރަމުން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ ދަރިފުޅަށް ދިން ނަމަކީ ވެދާވީދު ކަމަށެވެ. ޔަމީ އާއި އޭނާގެ ފިރިމީހާ ޑައިރެކްޓަރު އަދިތިޔާ ދާރް ގެ އަލަތު ދަރިފުޅާއެކު ދެމީހުން ވެސް ވަނީ ފިލްމީ މަސައްކަތުން ކުޑަދުވަސްކޮޅަކަށް ދުރުވެފައެވެ.

"އާޓިކަލް 370"އިން ބެލުންތެރިންނަށް ފެނުނު ބަތަލާ ބަލިވެއިންކަން އިއުލާނުކުރީ މި ފިލްމުގެ މަސައްކަތް އެއްކޮށް ނިމި ފިލްމުގެ ޓްރެއިލާ ރިލީޒްކުރި ހަފްލާގެ ތެރޭގައެވެ. އެ އިވެންޓުގައި ވާހަކަ ދައްކަމުން ޔަމީ ބުނީ ފިލްމު ޝޫޓްކުރަން ފެށިއިރު މާގިނަ ކާސްޓުންނަށްވެސް އޭނާ ބަނޑުބޮޑުކަން ނޭނގޭ ކަމަށާއި އޭނާ ބަނޑުބޮޑުކަން އޭރު ގިނަ މީހުންނަށް އަންގަން ބޭނުންނުވީ ކަމަށްވެސް ބަތަލާ ބުންޏެވެ. އަދި ޝޫޓިން ތެރެއިން ސިއްރިއްޔާތުގައި ޑަކްޓަރުން އޭނާ އަށް ބެލިކަމަށްވެސް ޔަމީ ވަނީ ބުނެފައެވެ. ބަތަލާ ޔަމީ ބުނީ ފިލްމުގެ ޓްރެއިނިންތަކާއި ފިލްމުގައި ޝޫޓްކުރަންޖެހުނު ސްޓަންޓުތައް ވެސް ހަދާފައި ހުންނާނީ ބަނޑުބޮޑު އިރު ކަމަށެވެ.

ޔަމީ އާއި އަދިތިޔާ އެންމެ ފުރަތަމަ ދިމާވީ 2019 ވަނަ އަހަރު ޝޫޓްކުރި ފިލްމު "އުރީ: ދަ ސާކިލަލް ސްޓްރައިކް" ގެ ޝޫޓިން ތެރެއިންނެވެ. އޭރު އެ ފިލްމުގެ ބަތަލާ އަކީ ޔަމީއެވެ. އެ ފިލްމުގެ ޑައިރެކްޓަރަކީ އަދިތިޔާއެވެ. ފިލްމުގެ ސެޓުން ދެމީހުން ދިމާވެ ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ދެތަރިން ކައިވެނިކުރީ 2021 ވަނަ އަހަރުގައެވެ.