ބޮލީވުޑްގެ ކުޅަދާނަ ތަރިން ކަމަށްވާ ޖާންވީ ކަޕޫރާއި ރާޖްކުމާރު ރާއޯ ލީޑު ރޯލުން ފެނިގެންދާ ފިލްމު "މިސްޓާ އެންޑް މިސިޒް މާހީ" ގެ ޓްރެއިލާ ދައްކާލައިފިއެވެ.

މި މަހު 31 ގައި ތިއޭޓާތަކުގައި އަޅުވަން ހަމަޖެހިފައިވާ މި ފިލްމަކީ ކާމިޔާބު ކްރިކެޓް ކުޅުންތެރިންނަށް ވުމަށް ދެމީހުން ކުރާ މަސައްކަތެވެ. ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނުން ޕްރޮޑިއުސްކުރާ މި ފިލްމަކީ ރޮމޭންޓިކް ސްޕޯޓްސް ޑްރާމާއެކެވެ. ޝަރަން ޝަރުމާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ޖާންވީ އާއި ރާޖްކުމާރު އެކުގައި ކުޅޭ ފުރަތަމަ ފިލްމުވެސްމެއެވެ. ދެމީހުން އެކުގައި ފުރަތަމަ ކުޅުނީ "ރޫހީ" އެވެ. ބަތަލާ ޖާންވީ ވަނީ މީގެ ކުރިން ވެސް ޝަރަން އާއެކު މަސައްކަތްކޮށްފައެވެ. އެއީ "ގުންޖަން ސަކްސޭނާ : ދަ ކަރްގިލް ގާލް" އެވެ.

https://youtu.be/TtMjcP9cHIA

ރާޖް އެންމެ ފަހުން ފެނިގެންދިޔައީ މިހާރުވެސް ސިނަމާތަކުގައި އަޅުވާފައި އޮތް ފިލްމު "ސްރީކާންތު" އެވެ. މި ފިލްމަކީ ބައޮގްރަފިކަލް ޑްރާމާއެކެވެ. ޖާންވީ މިހާރު މަސައްކަތްކުރަމުން އަންނަނީ އެކްޓަރު ވަރުން އާއެކުގައެވެ. "ސަނީ ސަންސްކާރީ ކި ތުލްސީ ކުމާރީ" ނަންދީފައިވާ މި ފިލްމުގެ ޝޫޓިން ޖާންވީ ފަށާފައިވާއިރު މި ފިލްމަކީ އަންނަ އަހަރުގެ އޭޕްރިލް މަހު ސިނަމާގައި ދައްކަން ހަމަޖެހިފައިވާ ފިލްމެކެވެ.