މި އަހަރުގެ އޭޕްރީލް މަހުގެ އުމްރާއަށް ގޮސް އުޅުނު އަންހެނަކު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ ހައްޖު ކޯޕަރޭޝަނުން އުމްރާއަށް ގޮސް އުޅުނު (ދަފްތަރު ނަންބަރު ރސ 9079) ފަރީދާ އާދަމެވެ.

އެކަމާ ގުޅިގެން އެ ކޯޕަރޭޝަނުން ބުނީ އެ ކުންފުނީގެ ހަވާލުގައި އޭޕްރީލް އުމްރާ އަށް ގޮސް އުޅުނު ފަރީދާ އިއްޔެ ހެނދުނުގެ ވަގުތެއްގައި މައްކާގައި ނިޔާވަފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެ ކޯޕަރޭޝަނުން ވަނީ ފަރީދާގެ އާއިލާއަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލާއި ކުންފުނީގެ ހުރިހާ މުވައްޒަފުންގެ ނަމުގައި ތައުޒިޔާ ފޮނުވާފައެވެ.

މިއަދު ހުކުރު ނަމާދަށް ފަހު އަލް މަސްޖިދުލް ހަރަމްގައި ފަރީދާގެ ކަށުނަމާދު ވަނީ ކޮށްފައެވެ.

އުމްރާގެ އަޅުކަމަށް ދިޔަ ދިވެހިން މީގެ ކުރީގެ ބައެއް ދަތުރުތަކުގައި ވެސް ނިޔާވެފައިވާއިރު މިދިޔަ މަހުގެ ތެރޭގައި ރައުޟާ އުމްރާ ގުރޫޕުގެ ފަރާތުން އުމްރާއަށް ދިޔަ ގދ. ނަޑެއްލާ، މޫނިމާގޭ އާއިޝަތު އިބްރާހީމް (އައިސާނިކެއްތަ) ވެސް ވަނީ ނިޔާވެފައެވެ.