ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އަދިތްޔާ ރޯއީ ކަޕޫރާއި އޭނާގެ ލޯބިވެރިޔާ ބަތަލާ އަނަންޔާ ޕާންޑޭ ދެ އަހަރުގެ މުއްދަތަކަށް ޑޭޓްކުރުމަށްފަހު ރުޅިވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ދެތަރިން އެންގޭޖްވާން އުޅޭކަމުގެ އަޑުތަކެއް އަރާފައި ވަނިކޮށް އިއްޔެ މީޑިއާތަކުން ދެމީހުންގެ ގާތް ރަހުމަތްތެރިޔަކާ ހަވާލާދީ ބުނީ ދެމީހުން ރުޅިވިތާ މަހެއް ވަރުވެއްޖެ ކަމަށެވެ. ދެމީހުންގެ ވަކިވުން ގާތް މީހުންނަށްވެސް ޝޮކެއް ލިބުނު ކަމަށާއި ދެމީހުން ވަކިވިއިރުވެސް އެ ގުޅުން ވަރުގަދަ ކަމަށެވެ. އަދި އަނަންޔާ އާއި އަދިތްޔާ އާ ވަކިވީ ކީއްވެކަމެއް ނޭނގޭ ކަމަށްވެސް ރަހުމަތްތެރިޔާ އާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ. އަދިތްޔާ އާއި އަނަންޔާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ ވާހަކަ ދެކެވެން ފެށީ 2022 ވަނަ އަހަރުގައެވެ. ދެމީހުން ގުޅުން ރަސްމީކޮށް އިއުލާންކޮށްފައި ނުވިނަމަވެސް ދެމީހުން އެކުގައި ޗުއްޓީ ހޭދަކުރަން އެކި ގައުމުތަކަށް ދެއެވެ. އަދި މުމްބާއީ މަގުމަތިން ދެމީހުން ވަރަށް ގިނައިން އެއްކޮށްވެސް ފެނެއެވެ. މީގެ ކުރިން ކޮފީ ވިތު ކަރަންގެ ހަތް ވަނަ ސީޒަނުގައި އަނަންޔާ ބުނީ އަދިތްޔާ އަކީ އޭނާ އަށް ވަރަށް ރީތި މީހެއް ކަމަށެވެ. ނިމިދިޔަ ކޮފީ ވިތު ކަރަން ސީޒަނުގައި އަނަންޔާ ވަނީ ނުސީދާކޮށް އަދިތްޔާ އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ބުނެފައެވެ.
އަނަންޔާ އަށްވުރެ 13 އަހަރު ދޮށީ އަދިތްޔާގެ ގުޅުމާ މެދު ދެމީހުންގެ ފޭނުން ހިތްހަމައެއް ނުޖެހެއެވެ. ގިނަ ބަޔަކު ބުނީ އެދެމީހުން ނުގުޅޭ ކަމަށެވެ. ދެހާސް ނަވާރަ ވަނަ އަހަރު ނުކުތް ފިލްމު "ސްޓޫޑަންޓް އޮފް ދަ އިޔާ 2" އިން ބޮލީވުޑަށް ތައާރަފްވި އަނަންޔާ މީގެ ކުރިން ލޯބީގެ ގޮތުން ގުޅުނީ ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ކައްތުރާ އާއެވެ. މިދެމީހުން އެކުގައި ވަރަށް ލޯބިން އުޅެފައި ކުއްލިއަކަށް ވަކިވީ ދެމީހުންގެ ކެމިސްޓްރީ ދިމާނުވާތީ ކަމަށް ބުނެއެވެ.
ކުރީގެ އެކްޓަރު ޗަންކީ ޕާންޑޭގެ ދަރި އަނަންޔާ އާއި އަދިތްޔާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ އަޑުފެތުރުނު ނަމަވެސް ދެމީހުންވެސް މިކަމާ މެދު އެއްޗެކޭ ބުނަފައެއްނުވެއެވެ. އެކްޓަރު އަދިތްޔާ މީގެ ކުރިން ލޯބީގެ ގޮތުން ގުޅުނީ ބަތަލާ ޝްރައްދާ ކަޕޫރާއެވެ. އެދެމީހުން ލޯބީގެ ގޮތުން ގުޅުނީ "އާޝިގީ 2" ގެ ސެޓުން ދިމާވެގެންނެވެ.