ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ޝިޔާޒު، ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރައްވައިފިއެވެ.

ޝިޔާޒު އައްޔަންކޮށްފައިވަނީ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށެވެ. މީގެ ކުރިން ޔާމީންގެ ސަރުކާރުގައި ވެސް އެ މިނިސްޓްރީގެ ކޯޑިނޭޓަރުކަމާ، ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި ޝިޔާޒު މި މަގާމަށް އައްޔަންކޮށްފައިވާކަން ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ޝިޔާޒު ސްޓޭޓް މިނިސްޓަރަކަށް ހަމަޖައްސާފައިވާއިރު، އޭނާ ވަނީ ރިޝްވަތު ހިފުމާއި މަނީ ލޯންޑްރިންގެ ކުށުގެ ތުހުމަތުގައި ޔާމީންގެ މައްޗަށް ކުރި ދައުވާތަކުގެ އަޑުއެހުންތަކުގައި ބައިވެރިވެ ވަޑައިގެންފައެވެ. އަދި ހައިކޯޓުން މިމަހުގެ 18 ވަނަ ދުވަހު ކުރިއަށް ދިޔަ އެ މަނިކުފާނުގެ އިސްތިއުނާފީ މައްސަލައިގެ ހުކުމް އިއްވުމުގެ ޝަރީއަތުގެ މަޖިލީހުގައިވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.