ރާއްޖޭގެ ދެކުނަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީގެ ފޭދޫ ގެ 40 އަށްވުރެ ގިނަ ގޭގެއަށް އަސަރުކޮށްފައިވާ ކަމަށް ނޭޝަނަލަ ޑިޒާސްޓާ މެނޭޖްމެންޓް (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭ އިން ބުނީ ފޭދޫގައި ފެންބޮޑުވުމާ ގުޅިގެން ޖުމްލަ 5 ގެއަކުން މީހުން ހުސްކުރަންޖެހުނު ކަމަށެވެ. އެ ގޮތުންް 2 ގެއެއްގެ މީހުން ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކުރަން ޖެހުނު ކަމަށާއި އެހެން ގެތަކުން ބަދަލުވީ އާއިލީ ގޭގެއަށް ކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ.

އެންޑީއެމްއޭ އާއި ފޭދޫ އަވަށު އޮފީސް ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމުގެ މަސައްކަތް ކުރަމުން އަންނައިރު، ރޭ ކުރި ވިއްސާރައިގައި ލިބުނު ގެއްލުން ބެލުމުގެ މަސައްކަތްވެސް ފޭދޫ އަވަށު އޮފީހުން އަންނަނީ ކުރަމުންނެވެ.

ރޭ ކުރި ވިއްސާރައާއި ގުޅިގެން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އައްޑޫ ސިޓީ އަށް ކުރަމުންދާ ވިއްސާރާގައި 30 އަށްވުރެ ގިނަ ގެއަށް ފެން ވަދެފައިވާ ކަމަށެވެ.އަދި ރަށުތެރޭ ފެންބޮޑުވުމާ ގުޅިގެން މަގު ހެދުމުގެ ޕްރޮޖެކްޓުގެ ތެރެއިން ކޮނެފައިވާ ވަޅުތަކާއި ލިންކް ރޯޑުގައި ހެދިފައިވާ ވަޅުތަކަށް ސަމާލުވުމަށް އެ ސިޓީގެ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.