ހދ. ކުޅުދުއްފުށީ އުތުރު ދާއިރާއަށް ޕީއެންސީން ކުރިމަތިލި މުހައްމަދު ދާއުދުގެ ކެމްޕެއިން ޖަގަހައިގައި ރޯކުރި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

މި މައްސަލައިގައި ހައްޔަރުކުރީ ހދ.ކުޅުދުއްފުށީ، ހީނާމާގެ، އަންވަރު މުހައްމަދު (31އ)އެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ނެރުނު ބަންދު އަމުރުގައިވަނީ އަންވަރުގެ މައްޗަށް ކުރަނީ ގަސްދުގައި އަލިފާން ރޯކޮށް މުދަލަށް ބޮޑެތި ގެއްލުން ދިނުމުގެ ކުށުގެ ތުހުމަތުކަމަށެވެ. އޭނާގެ ބަންދުގެ އަމުރުގައިވާ ގޮތުން އަންވަރަށް ލިބިފައިވާ ޒަހަމްތަކަށް ފަރުވާ ހޯދުމަށް ކުޅުދުއްފުށީގައި ރަނގަޅު ފެންވަރެއްގެ ހޮސްޕިޓަލެއް ހުރިއިރު އެހެން ރަށަކަށް ގޮސް ފަރުވާ ހޯދާފައިވާކަމަށް ވަނީ ބުނެފައެވެ. އަދި ކޯޓަށް ހާޒިރުވުމަށް އަންގާ ޗިޓް ފޮނުވުމުންވެސް ކޯޓަށް ހާޒިރުނުވެ މައްސަލައަށް ފިލައިގެން ރާއްޖެއިން ބޭރަށް ދާން މަސައްކަތްކޮށްފައިވާކަމަށް އައިއޯ އާއި ހަވާލާދީ އެ އަމުރުގައި ވަނީ ބުނެފައެވެ.

މި ތުހުމަތުތަކަށް އިންކާރުކޮށް އަންވަރު ކޯޓުގައި ބުނެފައިވަނީ، އޭނާ މަސައްކަތް ކުރީ ރާއްޖެއިން ފިލައިގެން ދާން ނޫން ކަމަށާއި ރާއްޖެއިން ބޭރަށް ދާން އުޅުނީ ދަރިފުޅު ޑޮކްޓަރަށް ދެއްކުމަށް ކަމަށެވެ. އަދި ފުލުހަށް ހާޒިރުވުމަށް އަންގާ ފޮނުވި ޗިޓާ އޭނާ ހަވާލުވެފައިނުވާ ކަމަށާއި ޗިޓާ ހަވާލުވީ އޭނާގެ ކޮއްކޮ ކަމަށްވެސް އަންވަރު ވަނީ ބުނެފައެވެ.

އެހެންނަމަވެސް މި މައްސަލައިގައި އޭނާ އާއި ދެކޮޅަށް ފުލުހުން ހުށަހަޅާފައިވާ ހެއްކަށް ރިއާޔަތްކޮށް އޭނާގެ ބަންދަށް ކޯޓުން ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ.