ދުވާފަރު ދާއިރާގެ ވޯޓު އަލުން ގުނުމަށް އެދި ހުށަހެޅި ނަމަވެސް އެ ފޮށި އަލުން ގުނަން ޖެހޭ ހާލަތެއް ނެތްކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ، ރ. ދުވާފަރު ދާއިރާގެ ވޯޓު ފޮށިތައް އަލުން ގުނުމަށް ހުށަހަޅާފައިވަނީ މި އިންތިހާބުގައި އެންމެ 4 ވޯޓުގެ ތަފާތަކުން ބަލިވި އިބްރާހިމް އަބްދުއްރަހްމާންއެވެ.

އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުުރެއްވި އިބްރާހީމް އަބްދުއްރަހްމާންގެ ހުށަހެޅުމާ ގުޅިގެން އީސީ އިން ބުނީ ދުވާފަރު ދާއިރާގައި ވޯޓުގެ ފަރަގު ކުޑަވުމުގެ ސަބަބުން ވޯޓު އަލުން ގުނުމަށް އެދި ހުށަހަޅާފައިވީ ނަމަވެސް މިހާތަނަށް ބެލިބެލުމުން އެ ފޮށި އަލުން ގުނަން ޖެހޭ ހާލަތެއް ފެންނަން ނެތް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދުވާފަރު ދާއިރާއަށް 4 ކެންޑިޑޭޓުން ވާދަކޮށްފައިވާއިރު އެ ދާއިރާ އަށް 3479 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. މި އިންތިހާބުގައި 2841 މީހުން ވަނީ ވޯޓުލާފައިވާއިރު އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ދުވާފަރު ދާއިރާގެ ގޮނޑި ކާމިޔާބުކުރި 1074 ވޯޓާއެކު ޕީއެންސީގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު އަލީއެވެ.

މީގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓް އިބްރާހީމް އަބްދުއް ރަހްމާންއަށް ލިބުނީ 1070 ވޯޓެވެ. މީގެ އިތުރުން އެމްޑީޕީގެ އިން ވާދަކުރި އިސްމާއީލް އަހްމަދު އަށް 579 ވޯޓު ލިބިފައިވާއިރު، ޖޭޕީގެ ކެންޑިޑޭޓް އަޒްލީން އަހްމަދު އަށް ލިބުނީ 77 ވޯޓެވެ.