ކެރިއަރުގައި ފުރަތަމަ ފަހަރަށް ކަރަން ޖޯހަރުގެ ފިލްމެއް ކުޅެން ބޮލީވުޑްގެ އެކްޓަރު އަޔޫޝްމަން ކުރާނާ އަށް ލިބިއްޖެކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ބޮލީވުޑް ހަބަރުތައް ގެނެސްދޭ ނޫސް ޕިންކްވިލާއިން ބުނީ މި ފިލްމުގެ މާބޮޑު ތަފްސީލެއް ހާމަކޮށްފައިނުވި ނަމަވެސް އަޔޫޝްމަން ކުޅޭ ފިލްމު ޑައިރެކްޓްކުރާނީ އާކާޝް ކޯޝިކް ކަމަށެވެ. މި ފިލްމު ޕްރޮޑިއުސް ކުރަނީ ކަރަން އާއި ޕްރޮޑިއުސަރު ގުނީތު މޮންގާއާއެވެ. ސްޕައި ކޮމެޑީ އަކަށް ބިނާކޮށް އުފައްދާ މި ފިލްމުގެ ޝޫޓިން މިއަހަރު ފަށާނެއެވެ. ތަފާތު ލުކެއްގައި އަޔޫޝްމަން މި ފިލްމުން ފެނިގެންދާއިރު މި ފިލްމަކީ ކަރަންގެ ދަރުމާ ޕްރޮޑަކްޝަންގެ ފިލްމެއް އެކްޓަރު ކުޅޭ ފުރަތަމަ ފަހަރުވެސްމެއެވެ. އަޔޫޝްމަން އަކީ އަބަދުވެސް ތަފާތު ރޯލުތަކުން ފެންނަ އެކްޓަރެކެވެ. ރިޕޯޓްތައް ބުނާގޮތުގައި އަޔޫޝްމަން އާއެކު ފިލްމުގެ ލީޑު ރޯލު ސާރާ އަލީ ހާން ކުޅޭނެއެވެ.
2012 ވަނަ އަހަރު ނުކުތް ފިލްމު "ވިކީ ޑޯނާ" އިން ބޮލީވުޑަށް ތައާރަފްވި އަޔޫޝްމަން ވަނީ އޭނާގެ ފިލްމީ ކެރިއަރުގައި ކާމިޔާބު އެތައް ފިލްމެއް އާންމުންނާ ހަމައަށް ގެނެސްދީފައެވެ. އެކްޓަރު އެންމެ ފަހުން ފެނިގެންދިޔައި ބަތަލާ އަނަންޔާ ޕާންޑޭ އާއެކު "ޑްރީމް ގާލް 2" އިންނެވެ. ފިލްމުގައި އަޔޫޝްމަން އާއި އަނަންޔާގެ އިތުރުން ދެން ފެނިގެންދިޔަ ބައެއް ތަރިންނަކީ އެކްޓަރު ޕަރޭޝް ރަވަލަ، ރާޖްޕަލް ޔާދަވް އަދި އައްނޫ ކަޕޫރުއެވެ. މި ފިލްމުގެ ފުރަތަމަ ބައިގައި ބަތަލާގެ ރޯލުން ފެނިގެންދިޔައީ ނުޝްރަތު ބަރޫޗާއެވެ.