ދުވަހަކުވެސް ޕްލާސްޓިކް ސާޖަރީ އެއް ނުހަދާނެ ކަމަށާއި މުސްތަގްބަލުގައިވެސް އެކަން ކުރުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށް ބޮލީވުޑްގެ އެކްޓަރު ރާޖްކުމާރު ރާއޯ ބުނެފިއެވެ.

އެކްޓަރު މިހެން ބުނީ މީޑިއާތަކުގެ އިތުރުން ބައެއް އާންމުން އޭނާ ޕްލާސްޓިކް ސާޖަރީއެއް ހެދިކަމަށް ބުނި ދަނޑިވަޅުގައެވެ. އެކްޓަރު ސާޖަރީ ހެދި ކަމުގެ ވާހަކަ އަޑުއިވެން ފެށީ ދާދިފަހުން ބޭއްވި އިވެންޓެއްގެ ތެރެއިން ބައެއް މީޑިއާތަކުން ނެގި އޭނަގެ ފޮޓޯތަކެއް އާންމު ކުރުމާއެކުގައެވެ. އެ ފޮޓޯތަކުގައި އޭނާގެ މޫނު ތަފާތުކަމަށް ފާހަގަކުރެވި ސޯޝަލް މީޑިއާގައިވެސް އެ ވާހަކަ ދެކެވުނެވެ. އެކްޓަރު ބުނީ މީގެ އަހަރުތަކެއްކުރިން ޗިން ފިލާއެއް ހެދި ކަމަށާއި އޭގެ އިތުރުން އަމިއްލަ ހަށިގަނޑަށް ބަދަލު ގެންނަން މަސައްކަތް ނުކުރާކަމަށެވެ.

އެކްޓަރު ދެން އެންމެ އަވަހަށް ފެނިގެންދާނީ ފިލްމު "ސްޓްރީ 2" އިންނެވެ. އެ ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ. ސްޓްރީ އަކީ ޝްރައްދާ އާއި ރާޖްކުމާރު އެކުގައި މަސައްކަތް ކުރި ފުރަތަމަ ފިލްމުވެސްމެއެވެ. ފިލްމުގައި ދެތަރިންގެ ކެމިސްޓްރީ ގިނަ ބަޔަކަށް ކަމުދިޔައެވެ. އިންޑިއާގެ ބޯޕާލްގެ އަވަށެއް ކަމުގައިވާ ޗަންދޭރީގެ މީހުން ގަބޫލު ކުރާ ގަބޫލުކުރުމެއްގެ މައްޗަށް އުފައްދައިފައިވާ "ސްޓްރީ" ޑައިރެކްޓް ކޮށްފައި ވަނީ އަމަރު ކޯޝިކް އެވެ. އަދި އެ ފިލްމު ޕްރޮޑިއުސް ކޮށްފައި ވަނީ ދިނޭޝް ވިޖާން، ރާޖް އަދި ޑީކޭ އެވެ. މި ފިލްމަކީ ބޮކްސް އޮފީހުގައި 100 ކުރޯޑަށް ވުރެ ގިނަ އާމްދަނީ ހޯދި ފިލްމެކެވެ.