ގުޅިފަޅުގެ އުތުރު ސަރަހައްދުގެ، އެންމެ ފުން ހިސާބުން 5 ހެކްޓަރުގެ ބިން ހިއްކުމަށް އެމްޓީސީސީ އާއި އެކު އެއްބަސްވުމެއް ހަދާފައިވާކަމަށާ އެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، މިއަދު ހުޅުމާލެ ފޭސް 3 ގިރާވަރު ފަޅު އަދި ގުޅިފަޅުގެ މަސައްކަތް ކުރިއަށް ދާ ގޮތް ބެއްލެވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
މިގޮތުން ރައީސް ވިދާޅުވީ ގުޅިފަޅުގެ ބިން ހިއްކުމުގެ މަސައްކަތަކީ ސަރުކާރުން ނިންމާފައިވާ ގޮތަށް އެންމެ ފުން ސަރަހައްދާއެކު ހިއްކާނެ މަޝްރޫއެއް ކަމަށެވެ. މިހާރު ގުޅިފަޅުގައި ހިނގަމުންދާ މަސައްކަތަކީ ހިއްކާފައިވާ ސަރަހައްދު ހިމާޔަތްކުރުމަށް އެއްގަމު ތޮށިލުމުގެ މަސައްކަތް ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ މަސައްކަތްވެސް ބާރު ސްޕީޑުގައި ކުރިއަށް ދާކަމަށެވެ.
މި މަޝްރޫއަށް ބޭނުންވާ ހިލައާއި އެހެނިހެން ސާމުނުތައް މަސައްކަތު ސައިޓަށް ގެނެވިފައިވާއިރު ރައީސް ވިދާޅުވީ އޮގަސްޓް ނުވަތަ ސެޕްޓެމްބަރު މަހާ ހިސާބަށް އެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. އަދި މިހާރު ހިއްކިފައިވާ ސަރަހައްދުން ގޯތި ހަވާލުކުރުމުގެ މަސައްކަތް ވަރަށް އަވަަހަށް ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ގިރާވަރު ފަޅުން އިތުރަށް ދޫކޮށްފައިވާ ގޯތި ތައް ގުޅީފަޅަށް ބަދަލުކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށެވެ. އަދި އެ ފަރާތްތަކަށް ގުޅިފަޅުން ގޯތި ހަވާލުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.
ގިރާވަރުފަޅުގެ މަސައްކަތާ ގުޅ ގޮތުން ރައީސް ވިދާޅުވީ އަމާޒަކީ ގިނަވެގެން 10 މަސް ތެރޭ ގިރާވަރު ފަޅުގެ މަސައްކަތް ނިންމުން ކަމަށާއި ނަމަވެސް އުންމީދަކީ އެއަށްވުރެ އަވަހަށް އެ މަސައްކަތް ނިމިގެން ދިއުން ކަމަށެވެ. ގޯތި ލިބޭނެކަމަށް ސަރުކާރުން އިއުލާންކޮށްފައިވާ ލިސްޓުގައިވާ ހުރިހާ ރައްޔިތުންނަށް ގޯތި ލިބޭނެކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވީ މި ވަގުތު ލިބެން އޮތީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިންތައްކަމުން ރައްޔިތުންނަށް މިހާރު ވެސް ބިން ހަވާލުކުރަމުން އަންނަކަމަށެވެ.