ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދާ ގޮތް ބެއްލެވުމަށް މިއަދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްލަވައިލައްވައިފިއެވެ.

މިއަދު ހުޅުމާލެ 3 ވަނަ ފިޔަވައްސަށް ޒިޔާރަތްކޮށް މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ފަހު ރައީސް ވިދާޅުވީ ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ ތިން ބަޔަކަށް ބަހާލައިގެންކަމަށާ ކުރިއަށް އޮތް ހަތަރު މަސްތެރޭ މި މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށެވެ. އަދި މި މަސައްކަތް ނިމުމާއެކު ހުޅުމާލެ 3 ވަނަ ފިޔަވަހިން ދޫކުރުމަށް ހަމަޖެހިފައިވާ 700 ގޯތި، ބިން ލިބެމުންދާ މިންވަރުން މި ސަރުކާރުން ވައުދުވެފައިވާ ގޮތަށް ހަވާލުކުރާނެކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އެޗްޑީސީ އިން މިހާރު ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ފެނާއި، ނަރުދަމާ އާއި ކަރަންޓާ އަދި މަގު ހެދުމުގެ މަސައްކަތްވެސް ބަޔަކާ ހަވާލުކޮށްފައިވާކަމަށެވެ. އަދި ގޯތި ލިބޭ ފަރާތްތަކަށް އިމާރާތް ޑިޒައިންކޮށް، ވަގުތުން އިމާރާތްކުރުމުގެ ހުއްދަވެސް ދެމުން ގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. ހުޅުމާލެ 3 ވަނަ ފިޔަވަހީގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ދާކަން ފާހަގަކުރައްވަމުން ރައީސް ވަނީ މި ސަރުކާރުން ވައުދުވި ގޮތަށް އެ މަސައްކަތް ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލުހޯދުމަށް ކުރިއަށް ގެންދާ މަޝްރޫއެކެވެ.

އެގޮތުން ފުރަތަމަ ބައިގޮތުގައި ހިއްކުމަށް ކަނޑައަޅާފައިވަ ސަރަހައްދުގެ 10 ހެކްޓަރު ބިން މިހާރު ވަނީ ހިއްކާ ނިމިފައެވެ. އަދި މިހާރު ކުރިއަށް ދަނީ ދެވަނަ ބައިގެ ނުނިމި އޮތްބައި ހިއްކުމުގެ މަސައްކަތެވެ. އެގޮތުން ހުޅުމަލޭގެ 3 ވަނަ ފިޔަވަހީގެ ގޮތުގައި މުޅި ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފައެވެ.