ކ. ގުޅިފަޅުގެ ބިން ހިއްކުމުގެ މަޝްރޫއު ނިންމާލައިފިއެވެ.

މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ ގުޅިފަޅު ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވަނީ އިއްޔެ ކަމަށާއި، ޖުމްލަ 18 މިލިއަން ކިއުބިކް މީޓަރުގެ ވެލި ގުޅިފަޅު ހިއްކުމަށް ވަނީ އަޅާފައި ކަމަށެވެ. ގުޅިފަޅުން ހިއްކާފައި ވަނީ 192 ހެކްޓަރުގެ ބިމެވެ.

ތިން ބިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް ހަރަދުކޮށްގެން ހިންގި ގުޅިފަޅު މަޝްރޫއަކީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ ވެލި ބޭނުންކޮށްގެން ހިންގުނު ބިން ހިއްކުމުގެ މަޝްރޫއެވެ. މި މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެތީ މި މައްސަލަ އޮތީ ކޯޓަށް ވެސް ހުށަހަޅާފަ އެވެ.

ގުޅިފަޅު ހިއްކުމަށް ކުރާ މަސައްކަތް ވަގުތީ ގޮތުން މަޑުޖައްސާލުމަށް ހައި ކޯޓުން މިދިޔަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ހައިކޯޓުން ވަގުތީ އަމުރެއް ނެރުނު ނަމަވެސް ސްޕްރީމްކޯޓުން ވަނީ އެ އަމުރު ހިފަހައްޓާފައެވެ.

ހައިކޯޓުގެ އަމުރުގައި އެ ކޯޓުން ފައިސަލާ ކުރަނިވި ހުކުމެއް ކުރަން ދެން، ގުޅިފަޅު ޕޯޓް ޑިވެލޮޕްމަންޓް މަޝްރޫގެ ބިން ހިއްކުމާ ގުޅޭ އެންމެހައި މަސައްކަތް ވަގުތީ ގޮތުން ހުއްޓާލުމަށް އަމުރު ކުރިއެވެ. އެ އަމުރު ރައްދުވާ ފަރާތްތަކުގެ ގޮތުގައި ހިމަނާފައި އޮތީ، ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި އެންވާރަމަންޓް މިނިސްޓްރީއެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ގުޅިފަޅު ހިއްކުމުގެ މަޝްރޫއަކީ ޔޫރަޕުގެ ބޭންކުތަކަކުން ލޯނު ނަގައިގެން، ސަރުކާރުގެ ބަޖެޓުން ވެސް ހަރަދުކުރާ ގޮތަށް ނެދަލޭންޑްސްގެ ބޮސްކާލިސްއާ ހަވާލުކޮށްގެން ހިންގި މަޝްރޫއެކެވެ.

ކުރިން ގުޅިފަޅަށް ވިޔަފާރި ބަނދަރު ބަދަލުކުރާ ގޮތަށް އޮތް ނަމަވެސް މި ސަރުކާރުން ވަނީ ޕޯޓު ތިލަފުއްޓަށް ބަދަލުކޮށް ގުޅިފަޅު ދިރިއުޅުމުގެ ބޭނުންތަކަށް ހާއްސަކޮށްފަ އެވެ. އޭގެ އިތުރުން ސަރުކާރުން ވަނީ ގުޅިފަޅަށް 85 ހެކްޓަރުގެ ބިން އިތުރުކުރަންވެސް ނިންމާފައެވެ. މިހާރު ކުރިއަށްދާ މަޝްރޫއު ނިމުމުން ގުޅީފަޅަށް އިތުރުކުރާ 85 ހެކްޓަރުގެ މަސައްކަތް ފެށިގެން ދާނެ ކަމަށް ސަރުކާރުން ވަނީ ކުރިން ބުނެފައެވެ.