ނިލަންދެ އަތޮޅު އުތުރުބުރީ (ފ. އަތޮޅު)ގެ ބައެއް ރަށްރަށަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ފ. އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން، އެ އަތޮޅުގެ އެކި ރަށްރަށުގެ ރައްޔިތުންނާއި ހުރިހާ ކައުންސިލްތަކެއްގެ އިތުރުން އެ ރަށްރަށުގެ އަންހެނުން ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ނިލެންދެއަތޮޅު އުތުރުބުރީގެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށްވެއެވެ.

ރާއްޖޭގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިއަހަރު ފެށްޓެވި ސިލްސިލާ ދަތުރުފުޅުތަކުގައި، މިހާތަނަށް ވަނީ ޖުމްލަ 162 ކައުންސިލަކާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ.

އެގޮތުން ދާދިފަހުން ރައީސް ވަނީ ހައްދުންމަތީގެ ބައެއް ރަށްތަކަށްވެސް ޒިޔާރަތް ކުރައްވާފައެވެ. ހައްދުންމައްޗަށް އެމަނިކުފާނު މި ކުރެއްވި ރަސްމީ ދަތުފުޅު ނިންމަވާލެއްވުމަށްފަހު، ނުރަސްމީ ދަތުރުފުޅެއްގައި އައްޑޫސިޓީއަށްވެސް ވަނީ ވަޑައިގެންފައެވެ. އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެމަނިކުފާނު މާލެ ވަޑައިގެންނެވީ އިއްޔެގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ އަމާޒަކީ ފަސް އަހަރުގެ މި ރިޔާސީ ދައުރުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށްވެސް މަދުވެގެން ދެ ފަހަރު ޒިޔާރަތްކުރެއްވުންކަމުގައެވެ.