ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން ލ. ގަމަކީ އެންމެ ގިނަ ހައުސިން މަޝްރޫއުތައް ހިންގާނެ އެއް ރަށަށް ވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު މަތިމަރަދޫގައި ހުންނަ ހަމަދު ބިން ހަލީފާ އަލްޘާނީ ސްކޫލުގައި ގަމު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ގެދޮރުވެރިކަން ކުރިޔަށް ގެންދިއުމުގައި ވެސް ބިންބޮޑު ޖާގަ އޮތްތަންތަނަށް އިސްކަންދެއްވާނެކަމަށެވެ. އަދި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އާބާދީ އަދި ބިން ބޮޑެތި ރަށްތަކުގައި ހިންގުމަށް އިސްކަންދިނުމުގެ ބޭނުމަކީ ކުދި ރަށްތަކުގެ މީހުން އެ ރަށްރަށަށް ހިޖުރަކުރަން ބާރުއެޅުންކަމުގައި ރައީސް ވިދާޅުވިއެވެ.
ތަރައްގީގައި ހުރިހާ ރައްޔިތުންނަށް ވެސް އެންމެ މުހިންމު ކަމަކީ ގެދޮރުވެރިކަން ކަމުގައި ފާހަގަކުރައްވަމުން ރައީސް ވިދާޅުވ ގަމުގެ ރައްޔިތުން އެދޭ ތަރައްގީގެ ހުރިހާ ކަމެއްވެސް ފުރިހަމަ ކޮށްދެއްވާނެކަމުގައެވެ. ގަމުގައި މިހާރު ފެށިފައިވާ 100 ހައުސިން ޔުނިޓުގެ މަޝްރޫއު ފުޅާކުރަން ނިންމަފާއިވާކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ އެ ރަށުގައި ގިނަ ހައުސިން ޔުނިޓް ރަށުގައި ތަރައްގީ ކުރައްވާނެކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ގަމު ރީޖަނަލް ހޮސްޕިޓަލް އެންމެ މަތީ ފެންވަރުގެ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ހަދައިދެއްވާނެ ކަމަށާއި އެގޮތަށް ބަދަލުކުރުމަށް ކުރަންޖެހޭ ހުރިހާކަމެއް ސަރުކާރުގެ ރަސްމީ ސިޔާސަތުތަކުގެ ތެރޭގައި ހިމެނިފައިވާ ކަމުގައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ގަމުގައި އިންޓަނޭޝަނަލް މެންޓަލް ހޮސްޕިޓަލެއް ގާއިމުކުރައްވާނެ ކަމުގައި ވެސް ވިދާޅުވެފައެވެ.
ހައްދުންމަތީ ގަމަކީ ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ވަޑައިގެންނެވި އެންމެ ފަހު ރަށެވެ.