ލ. ގަމުން 2019 ވަނަ އަހަރު ދޫކޮށްފަައިވާ ގޯތިތަކުގެ ޖާގަ ކުޑަވުމަކީ އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުމަކަށް ވާއިރު އެގޯތިތައް އިތުރަށް ބޮޑުކޮށް ރައްޔިތުން ބޭނުންވާ ބަދަލު ގެނެސްދެއްވާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު މަތިމަރަދޫގައި ހުންނަ ހަމަދު ބިން ހަލީފާ އަލްޘާނީ ސްކޫލުގައި ގަމު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީގައި މުޅި ރާއްޖެ ތަރައްގީކުރައްވާއިރު ހަންދުންމައްޗަކީ މުހިއްމު އަތޮޅެއްކަމަށެވެ. އަދި މާޒީގައި ލ.އަތޮޅުގައި ނިސްބަތުން ގިނަ ކަންތައްތައް ނުކުރެވިފައި ހުރުމުގެ ސަބަބުން ފަހަތަށް ގޮސްފައިވާ ދިއުން ނިމުމަކަށް ގެންނަވާނެކަމުގައި ރައީސް ވިދާޅުވިއެވެ.
ލ.އަތޮޅާއި ގަމުގެ ތަރައްގީއަށް ގިނަ ވައުދުތަކެއް ވެވަޑައިގެންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ގަމުގެ ތަރައްގީއަށްޓަކައި ފަށަން ހުރި މަޝްރޫއުތަކުގެ މަސައްކަތް އެކި މަރުހަލާގައި މިހާރު ފެށިފައިވާ ކަމަށެވެ.
ގަމުގައި މިހާރު ފެށިފައިވާ 100 ހައުސިން ޔުނިޓުގެ މަޝްރޫއު ފުޅާކުރަން ނިންމަވާފައިވާކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ މިހާރު ގަމުގައި ހިންގަމުންދާ 100 ހައުސިން ޔުނިޓަށްވުރެ ގިނަ ހައުސިން ޔުނިޓް ރަށުގައި ތަރައްގީ ކުރައްވާނެކަމަށެވެ. ގަމަށްވެސް އެންމެ މުހިންމީ ގެދޮރުވެރިކަން ކަމުގައި ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ މަޝްރޫއިން ނުފުދޭނެ ކަމަށާއި އެ ރަށުގައި އިތުރު ގެތަށް އަޅާނެ ކަމަށެވެ. އަދި މި ހައުސިން މަޝްރޫއު ވެގެންދާނީ ރާއްޖޭގައި އެންމެ ގިނަ ގެދޮރު އެޅިގެންދާނެ މަޝްރޫއަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި ދިޔަ ސަރުކާރުން ލ. ގަމުގެ ތިން އަވަށެއްގެ ހުސްބިންތަކުން 2،000 އަކަފޫޓުގެ 400 ގޯތި ދޫކޮށްފައިވާއިރު އެ ގޯތީގެ ސައިޒުކުޑަވުމުން ގިނަބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މި ގޯތި ބޮޑުކޮށްދިނުމަށް އެދި ޕްލޭނިން މިނިސްޓްރީއަށް ހުށަހަޅާފައިވީ ނަމަވެސް، އެ މިނިސްޓްރީގެ ހުއްދަ ކައުންސިލަށް ލިބިފައެއް ނުވެއެވެ. މިކަމާއި ގުޅިގެން އެ ރަށުގައި މިދިޔަ އަހަރު ސެޕްޓެމްބަރު މަހު މުޒާހަރާވެސް ކޮށްފައިވާއިރު ރައީސް ވަނީ ރައްޔިތުންގެ މިކަންބޮޑުވުން ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.