އައްޑޫ ސިޓީގެ ކަންކަމުގައި މަޖިލީހުގައި ބަސް ބުނަން އެއްބަޔަކަށް ދީފައި އޮތުމުން ލިބުނު ތަރައްގީއެއް ނެތް ކަމަށް ރައީސް ޑރ، މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ޕީއެންސީގެ ޓިކެޓުގައި މަރަދޫ ދާއިރާއަށް ވާދަ ކުރައްވާ ކެންޑިޑޭޓް މުހައްމަދު އަމީތުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
ރައީސްއަށް އިތުބާރުކޮށް ޕީއެންސީގެ ކެންޑިޑޭޓްއަށް ވޯޓު ދިނުމަށް އެދިވަޑައިތުމަށްފަހު، ރައީސް ވިދާޅުވީ އެއްބަޔަކަށް އައްޑޫ ސިޓީގެ ކަންކަމުގައި މަޖިލީހުގައި ބަސް ކިޔަން ދީފައި އޮތް އޮތުމުން އެ ސިޓީއަށް ލިބުނު މާނަހުރި ދެމެހެއްޓެނިވި ތަރައްގީއެއް ނެތް ކަމަށެވެ.
އެހެންކަމުން މާނަހުރި ދެމެހެއްޓެނިވި ތަރައްގީގެ ވިސްނުން ހުރި ކެންޑިޑޭޓުނަން މިފަހަރު ހޮވައިދިނުމަށް އެދޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރައީސް ވަނީ ނަތީޖާ ނެރެދޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ރައީސް ވިދާޅުވީ އައްޑޫ ސިޓީގެ އުމްރާނީ ތަރައްގީއަށް ކުރަންޖެހޭ މަސައްކަތްތައް ފެށުމަށް އަދި ފެށިފައި ހުރި މަސައްކަތްތައް ބާރަށް ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް ކުރަމުންދާ ކަމަށެވެ. އަދި ސަރުކާރަށް ކޮންމެހެން ބޭނުންވާ އެއްބާރުލުން ދެވޭ ގޮތަށް ބައްޓަންވެފައި އޮތް ތަނަކީ މަޖިލިސް ކަމަށެވެ.
އެގޮތުން މަޝްރޫއުތައް ހިންގަނީ ބަޖެޓުގައި ޖަހައިގެން ކަމަށްވާއިރު ތަރައްގީގެ ވިސްނުމުގައި ނެތް ބަޔަކު މަޖިލީހުގައި ތިބެގެން، ކުރިމަތި ކުރާނެ ހުރަސްތަކުގެ ސަބަބުން މަސައްކަތްތަކަށް ހުއްޓުން އަންނާނެ ކަން ރައީސް ފާހަގަ ކުރެއްވިއެވެ. ރައީސް ވިދާޅުވީ ޕީއެންސީ ކެންޑިޑޭޓުން ހޮވުމުގެ ނަތީޖާއަކަށް ވާނީ މި އަހަރު ތެރޭގައި ވެސް ގިނަ ކަންތައްތަކެއްގައި ކުލަޖެހޭގޮތްވުން ކަމަށެވެ. އަދި 5 އަހަރު ނިމޭއިރު ވައުދުވިގޮތަށް ހުރިހާ ކަމެއް ވެސް ނިމުން ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ އައްސޭރި ޓޫރިޒަމް 6،000 އެނދުގެ ޕްރޮޖެކްޓްގެ ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް ކުރަމުންދާ ކަމަށެވެ. އަދި އައްޑޫ ބްރިޖްއާއި އެހެނިހެން ވެސް އައްޑޫގެ ތަރައްގީއަށް ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ގިނަ ކަންކަން ކުރެވިގެން އަންނަނީ މަޖިލީހުގެ ތެރެއިންކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ތަރައްގީގެ ޕްލޭން ވެސް ފާސްވާން އޮތީ މަޖިލީހުގެ ތެރެއިން ކަމަށެވެ. އެގޮތުން 20 އަހަރު ދުވަހުގެ ދުރު ރާސްތާ ޕްލޭންއެއް އެކަމަށް ހާއްސަ ގާނޫނެއް ހަދައިގެން، ގާނޫނަކުން ހިމާޔަތާއި ރައްކާތެރިކަން ލިބޭ ގޮތަށް ތަރައްގީގެ މާސްޓާ ޕްލޭންއެކޭ ތަންފީޒު ކުރަން ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ.