ޖިންސީ ފުރައްސާރަ އާއި ކުޑަކުދިންނަށް ބުލީކުރުން ފަދަ ކަންކަން ގިނަވެފައިވާ ކަމަށާއި އެކަންކަން ރަނގަޅުކުރުމަށް މެނިފެސްޓޯގައި ހިމަނާފައިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ފޮނަދޫ ދާއިރާގެ ކެންޑިޑޭޓު އަބްދުއްރަހީމް އަބްދުﷲ ގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ގައުމުގައި ރައްކާތެރިކަން ގާއިމްކުރުމަކީ ސަރުކާރުގެ މައިގަނޑު އެއް ސިޔާސަތުކަަމަށެވެ.

ޖިންސީ ފުރައްސާރަ އާއި ބުލީ އަދި ގެވެށި އަނިޔާގެ މައްސަލަތައް ހައްލުކުރުމަށް މެނިފެސްޓޯގައި ހިމަނާފައިވަނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިކަމަށް މުޅި މުޖްތަމައު އެކު އެކީގައި އެއް ރޫހެއްގައި މަސައްކަތްކުރަން ބޭނުންފުޅުވާ ކަމަށެވެ. އަދި މިކަންކަން ހައްލުކުރުމުގައި ގާނޫނުތައް އިސްލާހުކުރަން ޖެހޭކަމަށާ ގަނޫނުތައް ބަދަލުކުރަން ޖެހޭކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މުޖުތަމައު އެކުއެކީގައި އެއް ރޫހެއްގައި މަސައްކަތްކުރަން ގާނޫނުތައް ހަދަންޖެހޭތީ، އޯގާތެރި މުޖުތަމައުއަކަށް އެއްބާރުލުން ދޭނެ މެންބަރުން ބޭނުންވާކަމަށެވެ. އެހެންކަމުން އެކަންކަން ތަންފީޒުކުރުމަށް ބޭނުންވާ ގާނޫނުތަކަށް ބަދަލު ގެނެވޭނީ މަޖިލީހުގެ އެއްބާރުލުން ލިބިގެން ކަން ފާހަގަކުރައްވަމުން ރައީސް ވަނީ އެކަމަށް އެއްބާރުލުން ދޭނީ ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ 93 ކެންޑިޑޭޓުންކަމަށް ވިދާޅުވެފައެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު، އއ. ރަސްދޫގައި 2 ކުއްޖަކު ވެގެން ކުޑަކުއްޖަކަށް ހަނގާ ކޮށް އަނިޔާ ކުރި މައްސަލަ ފެންމަތިވުމާއި ގުޅިގެން ކުޑަކުދިންގެ އަދުލާ ބެހޭ ގާނޫނުގައި ޖިނާއީ ކުށަށް ޒިންމާ އުފުލަން ޖެހޭ އުމުރު ފުރާ 12 އަހަރަށް ބަދަލުކުރަންޖެހޭ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި ކުށުގެ ވެށިން ނެގޭ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމަކީ މިހާރު ކުރަން ޖެހޭ ކަމަކަށް ވާއިރު ގާނޫނީ އޮނިގަނޑުގެ ތެރެއިން އެކަން ކުރަން ގެންނަން ޖެހޭ އިސްލާހުތައް މިހާރު ވާނީ ބަންޑާރަނައިބަށް ހުށަހަޅުމުގެ މަގުމަތީގައިކަމަށެވެ،