މި ސަރުކާރުން މަޝްރޫއުތައް ހުއްޓާލިކަމަށް ބުނެ ދައްކަމުން ދާ ވާހަކައަކީ ސަރުކާރުގެ ސިޔާސަތާ، ވިސްނުމާ ދިމާ އިދިކޮޅަށް ދައްކަމުންދާ ހަގީގަތެއްނެތް ވާހަކަތަކެއްކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުއިއްޒު މިހެން ވިދާޅުވީ، ރައީސް އޮފީހުން ސިލްސިލާކޮށް ކުރިއަށް ގެންދާ ރައީސްގެ ސުވާލާ ޖަވާބު ޕްރޮގްރާމްގައި ކުރީން ހިންގަމުން އައި މަޝްރޫއުތައް މި ސަރުކާރުން ހުއްޓާލާފައިވާކަމަށް ވާދަވެރި ފަރާތްތަކުން ދައްކާ ވާހަކަތަކާ މެދު އާމިނަތު ނަޒީރާ ކުރެއްވި ސުވާލަށް ޖަވާބު ދެމުންނެވެ.

އެ ގޮތުން ރައީސް ވިދާޅުވީ މި ވާހަކަތަކަކީ އިދިކޮޅު ސިޔާސީ ފަރާތްތަކުން އެ މަނިކުފާނާ ދެކޮޅަށް ދައްކަމުން ދާ ދޮގު ވާހަކަތަކުގެ ތެރެއިން އެންމެ ބޮޑު ދޮގުކަމަށެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވި އިރުވެސް ރަށްރަށުގައި ފަށާފައިވާ ގިނަ މަޝްރޫއުތައް ހުއްޓިފައި ވާކަމަށާ މިކަމަށް އެ ރަށްރަށުގެ ރައްޔިތުން ހެކިވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރިޔާސީ އިންތިހާބުގެ ކެމްޕޭނު ތެރޭގައި ރަށްރަށަށް ވަޑައިގަތުމުން އެ މަންޒަރު ފެނިވަޑައިގަންނެވިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އޭރު ގިނަ މަޝްރޫއުތައް އެކި ސަބަބުތަކާ ހެދި ހުއްޓިފައިވާކަމަށެވެ.

"އަޅުގަނޑަށް ފެނުނު ރަށްރަށުގަ ފެނާ ނަރުދަމާގެ ހޮޅިތައް މަގުމަތީގަ މަސައްކަތް ކުރާނެ މީހަކު ނެތް. މަގުތައް ހަދަން ފަށާފަ މީހެއްގެ ހިލަމެއް ނެތް. މިހެން ހުރި ބަނދަރުތަކުގެ މައްސަލަ، ސްކޫލްތަކުގެ އިމާރާތް ފަށާފަ އޮނިގަނޑުން ކޮންމެސް ވަރެއް ނިންމާލާފަ އަހާލީމަ ބުނަނީ މީގެ ދެ އަހަރު ކުރިން ހުއްޓިފަ ކަމަށް. ހެލްތް ޕޯސްޓްތަކާ ހެލްތް ސެންޓަރުތައް އެ ގޮތަށް. މި ގޮތަށް ގޮސް އޭރު ހުރިހާ މަޝްރޫއުތަކެއް ހުއްޓިފަވަނީ" ރައީސް ވިދާޅުވިއެވެ.

އޭރު މަޝްރޫއުތައް ހަވާލުކުރުމުގައި ކަން ހިނގިގޮތްކަމަށް ތުހުމަތުކޮށް، އަޑުއިވުނު ވާހަކަތައް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ އޭރު މިފަދަ ގިނަ މަޝްރޫއުތައް ހަވާލުކޮށްފައި ހުރީ ޕާޓީގެ އެކި މީހުންނަށް ކަމަށެވެ. "އޭނައަށް އެޑްވާންސް ޕޭމަންޓް ދެނީ، އޭނައަށް އެ ފައިސާކޮޅު ލިބެނީ، އޭނާ އެ ހިސާބުން ދިޔައީ، ދެން އަނެއްކާވެސް އެ މަޝްރޫއު އެހެން މީހަކާ މި ހަވާލުކުރަނީ ހަމަ ޕާޓީގެ އެހެން މީހަކާ. މީ އަޅުގަނޑުމެންނަށް ކެމްޕެއިންގައި ލިބުނު މައުލޫމާތު. މާނައަކީ މި ގޮތަށް ހުއްޓިފަ ހުރި މަޝްރޫއުތައް ތިން ހަތަރު ފަހަރު އެބަހުއްޓޭ އެކި ފަރާތްތަކަށް ދީފަ." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައިސް މި ގޮތައް ހުއްޓިފައިވާ ވަރަށް ގިނަ މަސައްކަތްތައް މިހާރު ފެށިފައިވާ ކަމަށެވެ. "އަޅުގަނޑުމެން އައިއްސަ މަސައްކަތް ފެއްޓުވީ. އެކަމަކު ވާހަކަ މި ދައްކަނީ ތިމަންނަމެން ފަށާފަ ހުރި މަޝްރޫއުތައް އަޅުގަނޑުމެން ހުއްޓާލީއޭ. މީ ރައްޔިތުން ސަމާލުވާންޖެހޭ ދޮގު ހަދާގޮތަކީ އެ ބޭފުޅުން. މި ގޮތަށް ކަންކަމުގެ ހަގީގަތް އޮޅުވާލަމުން އެދަނީ" ރައީސް ވިދާޅުވިއެވެ.

ކުރީ ސަރުކާރުގެ މަޝްރޫއުތައް ހުއްޓާލާފައިވަނީ ދޯދިޔާކަމުގެ ތެރެއިން އޭގެއިން އެތައް މިލިއަން ރުފިޔާއެއް އަމިއްލަ ބޭނުންތަކަށް ދީގެންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިހާރު ނުފެށި ހުރި މަޝްރޫއުތައްވެސް ނުފެށި ލަސްވަނީ ދޭން ހުރި ފައިސާތައް ނުދެވި ހުރުމުންކަމަށެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ އިންތިހާބަށް ބޯމަތިވުމުން، އިންތިހާބުގެ ވޯޓަށް 'ކަޑަ'ޖަހާ އުސޫލުން ނަމެއްގައި އެތައް ރަށެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި އިންތިހާބުގެ ދެވަނަ ބުރުގައިވެސް މި ގޮތަށް އަމަލުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އިތުރަށް ރައީސް ވިދާޅުވީ މި ސަރުކާރަކީ ތަރައްގީގެ ފިކުރުކަމަށާ، ޕީޕީއެމް/ޕީއެންސީ އިން ވެރިކަމަށް އައި ތަރައްގީގެ ނަތީޖާ ނެރެދިނުމަށްކަމަށެވެ. އަދި ސަރުކާރުގެ ހުރިހާ ސަމާލުކަމެއް އޮތީ ރައްޔިތުންނަށް ތަރައްގީ ގެނެސްދިނުމަށްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން ވައުދުވީ ހުރިހާ ރަށެއްގައި ހުރި ހުރިހާ މަސައްކަތެއް ކޮށްދިނުމަށްކަމަށެވެ.