ބޮލީވުޑްގެ ކާމިޔާބު ދެތަރިން ކަމަށްވާ ޝާހިދު ކަޕޫރު އާއި ކްރިތީ ސެނަން ގެ ފިލްމު ކުޅުނު އެންމެ ފަހުގެ ފިލްމު އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރަން ފަށައިފިއެވެ.

"ތޭރީ ބާތޯ މޭ އޭސާ އުލްޖާ ޖިޔާ" ގެ ނަމުން ނަންދީފައިވާ މި ފިލްމަކީ ޝާހިދު އާއި ކްރިތީ އެކުގައި ކުޅުނު ފުރަތަމަ ފިލްމުވެސްމެއެވެ. ބޮޑު ސްކްރީނުގައި މި ފިލްމު އެޅުވުމަށްފަހު މިހާރު ފިލްމު އެމެޒޯން އަށް ވިއްކާލާފައިވާއިރު ގިނަ ބަޔަކު ތިބީ މި ފިލްމު އޮންލައިން ޕްލެޓްފޯމަކަށް ދޫކޮށްލާނެ ދަނޑިވަޅަކަށް ބަލަބަލައެވެ. ބޮކްސް އޮފީހުގައި 133 ކުރޯޑަށްވުރެ ގިނަ އާމްދަނީ މި ފިލްމަށް ލިބިފައިވާއިރު މި ފިލްމަކީ 75 ކުރޯޑުގެ ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ. ފިލްމުގައި ހިމެނޭ ލަވަ "ތޭރީ ބާތޯ މޭ އޭސާ އުލްޖާ ޖިޔާ" ލަވަ ވައިގައި ހިފާފައިވާއިރު އެ ލަވަ ވަނީ ޓިކްޓޮކް ޓްރެންޑަކަށްވެސް ވެގެން ގޮއްސައެވެ.

އަމިތު ޝާހް އާއި އަރާދަނާ ޝާހް ޑައިރެކްޓްކޮށް ގެނެސްދިން މި ފިލްމުގެ ޕްރޮޑިއުސަރަކީ ދިނޭޝް ވިޖަން އެވެ. ކްރިތީ މި ފިލްމުގައި ކުޅޭނީ ރޮބޮޓެއްގެ ރޯލެވެ. އަދި ޝާހިދު މި ފިލްމުން ފެނިގެންދާނީ ރޮބޮޓް ހަދާ މީހެއްގެ ރޯލުންނެވެ.

ބަތަލާ ކްރިތީ ސެނަން އެންމެ ފަހުން ފެނިގެންދިޔައީ ޓައިގާ ޝްރޮފް އާއެކު ފިލްމު "ގަންޕަތު" އިންނެވެ. ޒުވާނުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ޝާހިދު ކަޕޫރު އެންމެފަހުން ފެނިގެންދިޔައީ "ބްލަޑީ ޑެޑީ" އިންނެވެ.