އިދިކޮޅު ފަރާތްތަކުން ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ސަރުކާރާ ގުޅުވާ ދޮގުވާހަކަ ފަތުރަމުންދަނީ ސަރުކާރުން ކުރަމުންދާ ކަންކަމަށް ދޭނެ ޖަވާބެއް ނެތުމުން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ކުރިއަށް ގެންދާ ރައީސްގެ "ސުވާލާ ޖަވާބު" ޕްރޮގްރާމްގައި ހުޅުމާލެ ލޮޓް ނަންބަރު 10471، ހުސައިން ރަޝީދު، ވަނީ ވާދަވެރި ފަރާތްތަކުން އެކި ތުހުމަތުތައްކޮށް ފަތުރަމުންދާ ވާހަކަތަކުގެ ހަގީގަތް އޮޅުންފިލުވުމަށް ރައީސްގެ އަރިހުން އެދިފައެވެ.

މިކަމާ ގުޅިގެން ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މި ސަރުކާރުން ކުރިއަށް ގެންދާ ކަންކަމަށް ދޭނެ ޖަވާބު ނެތުމުން އަމިއްލައަށް ދޮގު ހަދަނީ ކަމަށެވެ. ކެމްޕެއިން ތެރޭގައި ދެއްކެވި ހުރިހާ ވާހަކަފުޅުތައް ހިމެނޭ ފޮތެއް އެކުލަވާލާފައިވާނެކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެއްވެސް ކަމެއް އޮޅުވާލުމަށް މަސައްކަތް ނުކުރައްވާ ކަމަށެވެ.

ވަކި ރަށަކަށް ނުވަތަ މުޅި ރާއްޖެއަށް ޝާމިލްވާ ގޮތަށް ދެއްކެވި ވާހަކަފުޅެއްގެ ވިޔަސް ކިތާބީ ހެކި ފެންނަން ހުންނާނެ ކަމަށާއި މިހާރު ދައްކަވާ ހުރިހާ ވާހަކައެއްގެ ވެސް އެއީ މި ގޮތަށް (ސުވާލަކަށް ދެއްވާ ޖަވާބު، އަހާ ފޯރަމްގަ ދެއްކެވި ވާހަކަތައް، ހުރިހާ ޕްރެސް ކޮންފަރެންސްތަކުގައި ދެއްވާ ޖަވާބުތައް) ލިޔުމަކުން ރެކޯޑް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހުރިހާ ވާހަކަފުޅެއް ދައްކަވަނީ އިހްލާސްތެރިކަމާއެކު ހިތުގެ އަޑިން، މާތް ﷲ ދެކެ ދެނެވޮޑިގެންވާނެ ހަނދާނުގައި ބަހައްޓައިގެން ކަމަށެވެ. އަދި އެމަނިކުފާނުގެ ލަޔާގަތާއި ގާބިލިއްޔަތުކަން ތަންދިން އެންމެ ފުރިހަމައަށް ސަރުކާރުން އެ މަސައްކަތްތައް ކުރުމުގެ ނިޔަތުގައި ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ވާހަކަތައް އޮޅުވާލި ނަމަވެސް ކޮންމެ މައުޟޫއެއް ނަގައިގެން ބެލިނަމަވެސް ހަގީގަތް ފެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކަން ހިނގާ ގޮތަކީ އިދިކޮޅު ފަރާތްތަކުން އެކަންކަމަށް އަމިއްލަ ވާހަކަތަކެއް ގެންނަނީ ކަމަށާއި ނުވަތަ އެމަނިކުފާނު ދެއްކެވި ވާހަކަފުޅެއެއް ވަކި ގޮތަކަށް ބަދަލުކޮށްފިކަމަށް ދެއްކުމަށް މަސައްކަތް ކުރަނީ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ އެމަނުކުފާނަކީ އެއްވެސް ކަމެއް އޮޅުވާލާ، ދޮގު ހަދައިގެން ރައްޔިތުންނަށް ދެރަ ދޭނެ މީހެއް ނޫން ކަމަށެވެ. އަދި މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް އިހްލާސްތެރިކަމާ ތެދުވެރިކަމާއެކީ އަމާނާތްތެރިކަމާއެކު މަސައްކަތްތައް ކޮށްދިނުމަށް ކަމަށެވެ.

ތަނަކުން ވާހަކައެއް އަޑު އިވުނަސް އެކަމެއްގެ ތެދު ދޮގު ބެލުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ. އަދި އެއީ ދީނުގައި ވެސް އެކަން އޮތް ގޮތް ކަމަށާއި އެންމެންނަކީ ވެސް ތެދުބަހުން ވާހަކަ ދައްކާ، ތެދުބަސް ގަބޫލު ކުރާ މީހުންނަށް ވުމަށް ރައީސް އިރުޝާދު ދެއްވިއެވެ.