ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް ޝަރުތު ހަމަވާ 6 ސިޔާސީ ޕާޓީގެ ތެރެއިން 4 ސިޔާސީ ޕާޓީއަކަށް ފައިސާ ދޫކުރުމަށް އިލެކްޝަންސް ކޮމިޝަނުން ފިނޭންސް މިނިސްޓްރީއަށް ފޮނުވައިފިއެވެ.

އީސީ އިން ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ޕާޓީތަކަކީ ޕީޕީއެމް، އަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީއަށް ފައިސާ ދޫކުރުމަށް އަދި ފޮނުވާފައިނުވަނީ އެ ޕާޓީގެ އަހަރީ ރިޕޯޓް ލިބުން ލަސްވުމާ ގުޅިގެންނެވެ. އިލެކްޝަންސް ކޮމިޝަނުގެ ސެކެރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ އެމްޑީޕީގެ އަހަރީ ރިޕޯޓު އިލެކްޝަންސް ކޮމިޝަނަށް ލިބުނީ މިދިޔަ ހަފްތާގައިކަމަށާ އަންނަ ހަފްތާގެ ތެރޭގައި އެމްޑީޕީއަށް ފައިސާ ދޫކުރަން ފޮނުވޭވަރު ވާނެކަމަށް ލަފާކުރެވޭކަމަށެވެ.

މީގެ އިތުރުން ވެރިކަން ކުރާ ޕާޓީ ޕީއެންސީއަށްވެސް ފައިސާ ދޫކުރަން އަދި ފޮނުވާނުވާއިރު ހަސަން ޒަކަރިއްޔާ ވިދާޅުވީ ޕީއެންސީއަށް ފައިސާ ދޫކުރުމަށް ނުފޮނުވީ، އެ ޕާޓީގެ އެކައުންޓު ނަންބަރު އަދި ހަމަނުޖެހޭތީކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާނީ، ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކުރާ ދުވަހާ ހަމަޔަށް އެ ޕާޓީއެއްގެ މެންބަރުންގެ ދަފްތަރުގައި 10،000 މީހުން ހަމަވާ ޕާޓީތަކަށެވެ. މިގޮތުން މިއަހަރުގެ ބަޖެޓުން ސިޔާސީ 6 ޕާޓީއަށް 44.09 މިލިއަން ރުފިޔާ ދޫކުރުމަށް ނިންމާފައިވާއިރު އީސީ އިން ބުނީ މި ޕާޓީތަކަށް ފައީސާ ކަނޑައަޅާފައިވަނީ ބޮލަކަށް 289.62 ރުފިޔާގެ މަގުންކަމަށެވެ.