ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ސޮނާކްޝީ ސިންހާގެ ފޯރިގަދަ ހުށައެޅުމެއް ހިމެނޭ އާ ލަވަ ރިލީޒްކޮށްފިއެވެ.

ޑައިރެކްޓަރު ސަންޖޭ ބަންސާލީ ގެނެސްދޭން ތައްޔާރުވަމުން އަންނަ ވެބް ސީރީޒް "ހީރާމަންޑީ: ދަ ޑައިމަންޑް ބާޒާރު"ގައި ސޮނާކްޝީގެ ތަފާތު ނެށުމެއް ފެނިގެންދާ ލަވަ "ތިލަސްމީ ބަހޭ" އާންމުކޮށްފައިވާއިރު އެ ލަވައިގެ މިއުޒިކް ތައްޔާރުކޮށްފައިވަނީ ވެސް ބަންސާލީއެވެ. ޝަރުމިސްތާ ޗެޓަޖީގެ ހިތްގައިމު އަޑުން ކިޔާފައިވާ މި ލަވައިގައި ސޮނާކްޝީ އާއެކު ގިނަ ބައެއް ފެނިގެން ގޮސްފައިވެއެވެ.

ލަވަ ރިލީޒްކުރިތާ 14 ގަޑިއިރު ތެރޭ މި ލަވައަށް 1.1 މިލިއަން ވިއުސް ލިބިފައިވާއިރު މި ލަވައަކީ ވެބް ސީރީޒްގައި ހިމެނޭ ލަވައެކެވެ. އަންނަ މެއި މަހުގެ ފުރަތަމަ ދުވަހު ނެޓްފްލިކްސް އިން ސްޓްރީމްކުރަން ހަމަޖެހިފައިވާ މި ސީރީޒްގެ ތަރިންނަކީ މަނީޝާ ކޮއިރަލާ، އަދިތީ ރާއޯ ހައިދަރީ، ރިޗާ ޗައްޑާ، ސަންޖީދާ ޝެއިހް، އަދިޔަޔަން ސުމަން، ފަރުދީން ޚާން އަދި ތާހާ ޝާހްއެވެ.

2010 ވަނަ އަހަރު ނުކުތް ފިލްމު "ދަބަންގް" އިން ބޮލީވުޑަށް ތައާރަފްވި ސޮނާކްޝީ ވަނީ މަޝްހޫރު ގިނަ ފިލްމުތަކެއް އާންމުންނާ ހަމައަށް ގެނެސްދީފައެވެ. އޭގެ ތެރޭގައި "އިއްތިފާގު"، "އަކީރާ" އަދި "ކަލަންކް" ހިމެނެއެވެ.