ބަލީގެ އަލާމާތްތައް ކިޔައިދިނުމުން ސީމާގެ ލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ. ހަރިއްޔާއަށް ދިމާވި ކަންތައް މަތިން ހަނދާންވިއެވެ. އަދި އެބަލީގައި ހަރިއްޔާ މަރުވިގޮތްވެސް ހަނދާންވިއެވެ. ސީމާއަށް ކުރަމުން ދިޔަ އަސަރު ރިޒާއަށް ފާހަގަވިއެވެ. އެހެންކަމުން ރިޒާ ސީމާގެ އަތުގައި ހިފާ ބާރުކޮށްލިއެވެ.
ޑރ.ފިރްދައުސް ދެއްކި ވާހަކައަށް ތާއީދު ކުރާގޮތަށް ބޯޖަހަމުން ރިޒާ ވާހަކަ ދެއްކިއެވެ. "އާދެ އަލީނާގެ މާމަ... އަޅުގަނޑުގެ މަންމަ މޮޔަވި... މުޅިން ހަމަނުޖެހޭ ވާހަކަ ދައްކާނީ... މަންމަ ރަނގަޅު ކުރަން އަޅުގަނޑުގެ ބައްޕަ އެކިކަހަލަ ފަންޑިތަވެރިން ގެނެސްގެން މަސައްކަތްކުރި.... އެކަމަކު....." ރިޒާގެ އަރުތެރެ ބެދުމުގެ ސަބަބުން އިތުރަށް ވާހައެއް ނުދެއްކުނެވެ. ސީމާ ގެ އަތުތެރޭގައިވާ ރިޒާގެ އަތުގައި ސީމާއަށް ފިރުމާލެވުނީ ރިޒާއަށް ހިތްވަރު ދިނުމަށެވެ.
ޑރ.ފިރްދައުސް ގެ މޭޒުމަތީގައި ހުރި ފެންފުޅި ރިޒާއަށް ދިއްކޮށްލިއެވެ. އަދި ރިޒާ ފެންބޮއި ނިމުމުުން ޑރ.ފިރްދައުސް ވާހަކަ ދެއްކަން ފެއްޓިއެވެ. "އެހެންވީއިރު މިހާރު މަންމަ ކޮބާ؟... ރަަނގަޅުތަ؟..." ދެއަތަށް ބޯ ހޫރާލަމުން ސީމާ ބުނެލިއެވެ. "މަންމަ އެއްކޮށް ރަނގަޅު ނުވަނީސް ނިޔާވީ..." ހިތްވަރު ދިނުމުގެ ގޮތުން ޑރ.ފިރްދައުސް ސީމާގެ ކޮނޑުގައި ހިފާލުމަށްފަހު ވާހަކަ ދައްކަން ފެއްޓިއެވެ. "މިބައްޔަކީ ފަސޭހަ ކުރަން ވަރަށް އުނދަގޫ ބައްޔެއް..."
ޑރ. ފިރްދައުސްގެ ޖުމްލަތަކުން ހައިރާންވެ ހުރެ ރިޒާ އަހާލިއެވެ. "ދެން ކިހިނެއް ހަދައިގެންތޯ ރަނގަޅު ކުރެވޭނީ؟...އަޅުގަނޑުމެން އަލީނާ ރަނގަޅު ކުރަން ބޭނުން.... ހުރިހާ ކަމެއް ކުރަން މި ތިބީ ތައްޔާރަށް...."
ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ޑރ.ފިރްދައުސް ސީމާމެންގެ ގާތުގައި ހުރި ހުސް ގޮނޑިއެއްގައި އިށީނެވެ. ސީމާމެންނާ ދިމާލަށް ގުދުވެލުމަށްފަހު ދެއަތް ޖޯޑުކޮށްގެން ވާހަކަ ދައްކަން ފެށިއެވެ. "ފަރުވާ ނުދީ ހުރެއްޖެނަމަ މި ބަލީގެ ސަބަބުން ބަލި މީހާއަށް ފެންނަ ޚިޔާލީ މަންޒަރުތަކަށް ލެނބި އެ ދުނިޔޭގައި އުޅެން ފަށާނެ... އެހިސާބުން އަތުން ފައިން ގޯސްހެދި ގިނަ މީހުން މަރާ ކުރިމަތި ލާ ހިސާބަށްދޭ... މިބުނީ އަމިއްލައަށް މަރުވާ ވާހަކަ.... ލޮލަށް ފެންނަ ޚިޔާލީ މަންޒަރުތަކުން ބަލިމީހާއަށް އުނދަގޫވެ އެކަންތަކުން ސަލާމަތްވާން އޮންނަ އެންމެ ފަހު ކަމެއްގެ ގޮތުގައި މަރުވުން އިޚްތިޔާރު ކުރެވެނީ...."
ޑރ.ފިރްދައުސްގެ ވާހަކަ އެހިސާބުން މެދުކަނޑާލަމުން ގޮނޑިން ތެދުވެ ސްމާރޓް ބޯޑު ކައިރިއަށް ގޮސް ހުއްޓުނެވެ. "މިކަމަށް އޮންނަ ހަމައެކަނި ފަރުވާއަކީ 'އިލެކްޓްރޯ ކޮނވާރސިވް ތެރަޕީ' ނޫނީ އީ.ސީ.ޓީ އޭވެސް މީހުން ކިޔައި...." ޑޮކްޓަރ އެބުނަނީ ކޮންކަހަލަ ތެރަޕީއެއް ކަން މިޝްކާގެ ސިކުނޑިއަށް ނަގައި ގަނެވުނީ އަލީނާގެ ހަށިގަނޑުގައި ރަތްވެފައި ހުރި ތަންތަން މަތިން ހަނދާންވުމުންނެވެ.
"އެއީ ކޮންޓްރޯލްޑް އިލެކްޓްރޯނިކް ސްޓިމުލޭޝަން.... މީގެ ސަބަބުން ސިކުނޑިތެރޭ އުފެދެމުން އަންނަ ޚިޔާލީ ދުނިޔެއިން މީހާ ވަކިކޮށްދޭ..." ސްމާރޓް ބޯޑުން ފޮޓޯތަކެއް ހުޅުވާލަމުން ޑޮކްޓަރ ވާހަކަ ދެއްކިއެވެ.
އެ ފޮޓޯތަކުން ފެންނަމުން ދިޔައީ އެނދުމަތި ކުރެވިފައިވާ ބަލިމީހާގެ އަތާއި ފައި އައްސާފައިވާ މަންޒަރެވެ. އަދި ބޮލުގެ ވަށާ ދަގަނޑު ފާޑުގެ ހެލްމަޓެއް އަޅުވާފައިިވާ ތަނެވެ. އެ ހެލްމެޓްގެ އިތުރުން ނިތްކުރިިމަތިން މަރުވަޅު ކައިރީގައި ޕްލާސްޓިކް ދެ ފޮތި ތަތް ކޮށްފައިވާ މަންޒަރެވެ.
"މީތޯ ކޮންޓްރޯލްޑް އިލެކްޓްރޯނިކް ސްޓިމުލޭޝަން ދޭ ގޮތަކީ؟... އަލީނާއަށް ވަނީ މިފަަރުވާ ދޭން ފަށާފައި ދެއްތޯ؟....." މިޝްކާއަށް އެ ފެންނަމުން ދިޔަ ފޮޓޯތަކުގެ ސަބަބުން ހިމޭނަކުން ނުހުރެވުނެވެ. ހިތުގައި ފެންމަތިވަމުން އައި ސުވާލުތައް ބަންޑުން ކޮށްލިއެވެ.
މިޝްކާއާއި ހަތަރުކަޅި ހަމަކުރަމުން ޑޮކްޓަރ ވާހަކަ ދައްކަން ފެއްޓިއެވެ. "އާދެ... އަލީނާއަށް މިވަނީ މިފަރުވާ ދެވެން ފައްޓާފައި.... އާންމު ގޮތެއްގައި މި ފަރުވާ ދީ ހަދަނީ މެޑިކޭޝަން ފަރުވާއިން އެއްވެސް އަސަަރެއް ކުރަން ނުފެށުމުން... މަސްތަކެއްގެ ފަރުވާއަށް ފަހު ބަލިމީހާއަށް އެކަށީގެންވާ ކުރިއެރުމެއް ނާންނަކަމަށް ވަންޏާ މި ފަރުވާ އަޅުގަނޑުމެން ދޭން ފައްޓަނީ... ނަމަވެސް އަލީނާ މިތަނަށް ގެނައި އިރުވެސް ހިފަހައްޓަން ވަރަށް އުނދަގޫވި.... އޭނާގެ ގަޔަށް އަރުވަމުން ދިޔަ އާދަޔާ ޚިލާފް ބާރާއި، ވައްތަރުތަކާއި، ވާހަކަތައް މެދުނުކެނޑޭ... ކޮންމެ ފަހަރަކު ނިދާ އިންޖެކްޝަން ޖަހަން ޖެހެނީ.... އެހެން ކަމުން ރޭގަ އަޅުގަނޑުމެން އެންމެ ފުރަތަމަ ފަހަރަށް އީ.ސީ.ޓީ ދޭން ނިންމީ.... އަލީނާ މިކޮޅަށް ގެނައި ފަހުން ކާއެއްޗެއްވެސް ނުކައި... ބޭސްވެސް ނުދެވޭ... އެހެންވެ އޭނާގެ ސިކުނޑި ހަމައަކަށް އަޅުވަން އަޅުގަނޑަށް އެ ޑިޒިޝަން ނަގަން ޖެހުނީ...."
ޑޮކްޓަރު ދެން އަޅުވާލީ ވީޑިއޯ ކްލިޕެކެވެ. އޭގެން ފެންނަމުން ދިޔައީ އަލީނާ ހުރި ކޮޓަރީގައި އޭނާ ޖައްސަމުން ދިޔަ ވައްތަރުތަކެވެ. ކާން އެއްޗިހި ގެނައުމުން އެ ހުރިހާ އެއްޗެސް ކޮޓަރި ތެރެއަށް އުކާލައެވެ. ފެން ފޮދެއްހާ ހިސާބުވެސް ނުބޮއެވެ. ދެން އޭނާ ގޮވަމުން ދިޔައީ ރަނާއަށެވެ. "ރަނާ އަހަރެން ސަލާމަތް ކޮށްދީ... ރަނާ އާދޭ... މި މީހުން އަހަރެން މަރާލާނެ...." އަލީނާގެ ބަސްތަކުން ރިޒާއަށާއި ސީމާއަށް ފުން އަސަރުތަކެއް ކުރިއެވެ.
ނުކައި ނުބޮއި އަލީނާ ހުންނަތާ ދެވަނަ ދުވަހުގެ ވީޑިއޯ އެޅުވިއެވެ. އެ ވީޑިއޯގައި އަލީނާގެ އިސްތަށިގަނޑު ވަނީ ކަންފަތު ފޫޅާ ހަމައަށް ކޮށާލާފައެވެ. އެ ދުވަހު ކޮޓަރިއަށް ވެއްދި ފެނާއި ކާއެއްޗެތި އުކާލުމަށްފަހު އަލީނާ ފާހާނާ ތަށިން ފެންނަގައިގެން ބޯން ފަށައެވެ. މި މަންޒަރު ފެނި މިޝްކާއަށް އޯކަށް ދެމެވުނެވެ. ދެން ފެނުނީ ހުދުކުލައިގެ ޔުނީފޯމުގައި ތިބި ބަޔަކު ކޮޓަރިއަށް ވަދެ އަލީނާ ގަދަކަމުން އެ ކޮޓަރިން ބޭރަށް ގެންދިޔަ މަންޒަރެވެ.
ދެން ޑރ.ފިރްދައުސް އެޅުވީ އަލީނާއަށް އީ.ސީ.ޓީ ދިނުމަށް އެކަމަށް ހާއްސަ ކުރެވިފައިވާ ކޮޓަރިއަށް ގެނައި ތަނެވެ. އަލީނާގެ ގަދަ ދައްކަން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އޭނާގެ ހަށިގަނޑުގައި އެހާބާރެއް ނެތްކަން އެނގެއެވެ. ކަރުގެ ބުޑުން ހަޅޭއްލަވާ އޭނާގެ އަޑުވަނީ ހަލާކުވެފައެވެ. އެނދުގައި އޭނާ ބޭއްވުމަށްފަހު ހަތަރު މީހުން އޭނަ ހިފެހެއްޓުމަށްފަހު އަތާއި ފައި ޕްލާސްޓިކް އަތްގަނޑެއް ލައްވާ ތަޅުއަޅުވައެވެ. އަލީނާ އަަތަށާއި ފަޔަށް ކިތެންމެ ބާރެއް ގެނައެއް ކަމަކު ގުޑާވެސް ނުލެވުނެވެ. ދެން އޭނާގެ ބޮލުގައި އެ ހެލްމެޓް އަޅުވާ ޝޮކް ޖައްސަން ފަށައެވެ. ދެދަތްޕިލަ ދެމެދަށް ޕްލަސްޓިކް އެއްޗެއް ލައްވައެވެ. ދެން ޝޮކް ޖެއްސުމުން އަލީނާ ގަޔަށް ބާރު އަރައެވެ. ފަސްވަރަކަށް ސިކުންތު މަޑުކޮށްލުމަށްފަހު ޝޮކް ދޫކޮށްލައެވެ. މިގޮތަށް ތިން ފަހަރު ޝޮކް ޖެއްސުމަށް ފަހު ބޮލުގައިވާ ހެލްމެޓް ވަކިކޮށްލުމަށްފަހު އަލީނާ ބޭއްވިއެވެ. އޭރު އޭނާއަށް ވަނީ ނިދިފައެވެ. ދެލޯ ވަނީ މެރިފައެވެ.
އޭގެ ފަނަރަވަރަކަށް މިނިޓު ފަހެވެ. ހަޅޭއް ލަވަމުން ރޯ މަހެއްހެން ތެޅެން ފަށައެވެ. ދެއަތާއި ދެފައި ހައްޔަރުވެފައި ވުމުގެ ސަބަބުން މާ ބޮޑުގުޑުމެއް ނުގެނެވެއެވެ. އަލީނާ ލޯ ބޮޑުކޮށްގެން އޮވެ ތެޅެމުން ދާ މަންޒަރު ފެނުނެވެ. ދެން އެނާ ނޭވާލާން އުނދަގޫވެގެން އުޅޭހެން ހީވުމުން ހުދު ޔުނީފޯމުގައި ތިބި މީހުންތައް އައިސް އޭނާގެ އަތާއި ފައި މިނިވަން ކޮށްލިއެވެ. އަދި ކައިރީ ހުރި ފެން އެއްޗެއްގެ ތެރެއަށް އަލީނާގެ ކަރުގައި ހިފާ ގަންބާލިއެވެ. ފެންގަނޑު ތެރޭގައި ހަރަކާތް ހުއްޓިފައި އިރުކޮޅަކު އޮތުމަށްފަހު އަލީނާގެ ދެއަތް ސަލާމަތްވުމަށް ތަޅުވަން ފެށިއެވެ. ހާސްވެގެން ތެޅެން ފެށުމުން އެމީހުން އަލީނާ ނަގާ އެނދުމަތީގައި ބޭންދިއެވެ.
އިސްތަށިގަނޑުއެކީ ވަނީ ތެމި ފޯވެފައެވެ. މޫނުމަތީގައި އަތްކާއްތަމުން ފެންތައް ފޮހެމުން އަލީނާ ރޮމުން ވާހަކަ ދެއްކިއެވެ. މިހާރު ކުރިން އަރުވަމުން ދިޔަ ވަރުގަނޑުވަނީ މައިތިރިވެފައެވެ. "މަންމަ... މަންމަ ކައިރިޔަށް ދާން ބޭނުމީ.... މިޝްކާ ގެނެސްދީބަލަ... ޕްލީޒް...."
ޤަވާއިދުން ކައިގެން ބޭސް ކާނަމަ މިޝްކާމެން ގެނެސްދިނުމަށް ޑޮކްޓަރ އެއްބަސް ވިއެވެ. އެހިސާބުން އަލީނާއަށް ގެނެސްދިން ރޭގަނޑުގެ ކެއުން ކެއުމައިގެން އަވަސްވެގަތެވެ. ކާންގެނައި ތަށީގައި އޮތީ ޕާން ފޮއްޗަކާއި، މަސްކޮޅަކާއި، އާފަލެކެވެ. އެ އެކީ ކައި ހުސްކޮށްލިއެވެ. އަދި އެއަށްފަހު އެމީހުން ގެނެސްދިން ބޭސްވެސް ފެންފޮދަކާއި އެކު އަލީނާ ދިރުވާލިއެވެ.
ވީޑިއޯ ކްލިޕް ނިއްވާލިއިރު މިޝްކާއަށް އަލީނާ ކިޔައިދިން ވާހަކަ ހަނދާންވިއެވެ. އަލީނާ ކޮޓަރީގައި ހުރެ އެ ދެއްކީ މި ކަންތައްތަކުގެ ވާހަކައެވެ. އަލީނާގެ ވީޑިއޯއަށް ބަލަމުން ދިޔަ ސީމާއަށް ކެތްނުކުރެވިގެން ރޮނީއެވެ. ރިޒާއަށްވެސް ވަނީ އެކަމުން ވަރަށް އަސަރުކޮށްފައެވެ. އެމީހުން އެންމެ ބޮޑަށް އަޖައިބުވަނީ އަލީނާ ރަނާގެ ނަމުން ގޮވާތީއެވެ. އަލީނާއަށް ރަނާއެއް ނޭނގޭނެއެވެ. އެހެންްވީއިރު ރަނާ ގާތުގައި ސަލާމަތަށް އެދި އާދޭސްކުރަނީ ކީއްވެގެންކަން އެއީ އެމީހުންނަށް ނުވިސްނުނު ކަމެކެވެ. ރިޒާ ހަމަޖެހިލަން މަސައްކަތް ކުރަމުން އޭނާގެ ނިންމުން ހާމަކުރިއެވެ. "އަހަރެން ބޭނުންވަނީ އަލީނާ ސްޓޭބަލް ވީމާ މެލޭޝިޔާއަށް ގެންދަން... އެކޮޅުގައި ހުންނާނެ މިކަމަށް ވަރަށް މޮޅު ޑޮކްޓަރެއް... ޑޮކްޓަރ އާރިޝް... އެއީ އަޅުގަނޑުގެ ވަރަށް ގާތް ރައްޓެއްސެއް...."
ކަމެއް ހަނދާންވެގެން އަހާ ފަދައަކުން ޑރ.ފިރްދައުސް އަހާލިއެވެ. "ތިބުނުއްވަނީ ޑރ.އާރިޝް ފިޒާމްގެ ވާހަކަތޯ؟..." ޖަވާބުގައި ރިޒާ ބޯ ޖަހާލަމުން އާއެކޭ ބުނެލިއެވެ. އަނެއްކާވެސް ވާހަކަ ދެއްކީ ޑރ.ފިރްދައުސެވެ. "އެއީ އަޅުގަނޑާ އެކީ ކިޔެވި ޑޮކްޓަރެއް... ވަރަށް މޮޅު ބޭފުޅެއް އެއީ... މައްސަލައެއް ނެތް ކުރިއަށް އޮތް ހަފްތާ ތެރޭގައި އަލީނާގެ ބިހޭވިއަރ އެއްވަރެއްގައި ހިފަހައްޓާ ލެވިއްޖިއްޔާ ޑިސްޗާރޖް ކުރެވިދާނެ...."
ޑޮކްޓަރާއި ވާހަކަ ދައްކާ ނިމުމަށްފަހު ތިންމީހުން ޑރ. ފިރްދައުސާއި ސަލާމް ކުރުމަށްފަހު އެ ކޮޓަރިން ނުކުތީ ގެއަށް ދިޔުމަށް އަޒުމް ކަނޑައަޅައިގެންނެވެ. މިޝްކާގެ ހިތުތެރޭގައި ގޮތްނޭނގޭ ބިރުވެރިކަމެއް އުފެދެމުން ދިޔައެވެ. އަލީނާއަށް މިވަމުން ދިޔަ ކަންތައްގަނޑުގެ ތެރޭގައި ރަނާގެ ނަން ބޭނުން ކުރެވުނީ ކީއްވެގެން ހެއްޔެވެ. ރަނާ އާއި އަލީނާއާއި އޮތީ ކޮން ގުޅުމެއް ހެއްޔެވެ.
*** *** *** *** ***
މިޝްކާ ދައްކަމުން އައި ވާހަކައަށް ހުއްޓުމެއް އައީ ވެއިޓަރު ގެނެސްދިން ބިލަށް ފައިސާ ދެއްކުމަށް ކަޔާން މަޑުޖެހިލުމުންނެވެ. ފޯނުން ގަޑި ބަލާލިއިރު އޭރު ހެނދުނު އެގާރަ ޖަހަނީއެވެ. އުޑުމަތި ވަނީ ބޯ ވިލާތަކުން ބަނަ ކޮށްލާފައެވެ. އެހެން ކަމުން ކަޔާން އަވަހަށް ބިލަށް ފައިސާ ދައްކާލުމަށްފަހު އެ ކެފޭއިން ނުކުތުމަށް ހިނގައިގަތެވެ. މިޝްކާގެ އަތް ދަބަސް ކޮނޑުގައި އަޅުވާލައިގެން ކަޔާންގެ ފަހަތުން ނުކުމެ އާޓިފިޝަލް ބީޗާ ދިމާލަށް ހިނގައިގަތެވެ.
އެ ދެމެދުގައިވާ ހަމަހިމޭންކަން ނަގާލަން ކަޔާން ވާހަކަ ދައްކަން ފެއްޓިއެވެ. "އެއީ ދޯ އަލީނާ މެލޭޝިޔާއަށް ދިޔަ ގޮތަކީ.... އެކަމަކު އަހަރެން ކައިރީ ބުނި ކެރިއަރއަށް ހުރަސް އެޅޭ ކަހަލަ ކަމެއް ކުރާކަށް ބޭނުމެއް ނޫނޭ.... އަސްލު ކަޔާން ހީކުރީ އަލީނާ ދިޔައީ ކިޔަވަން ކަމަށް...."
ކަޔާން އެ ސުވާލުތައް ކުރާނެކަން މިޝްކާއަށް މާކުރިން އެނގެއެވެ. "އަލީނާ ކިޔަވަމުން ދިޔަ ކޯސް އެހިސާބުން ޖެހުނީ މެދުކަނޑާލަން.... ސީމައްތަ ބޭނުމެއް ނުވި އެކަންތައް އެއްވެސް މީހަކަށް އަންގާކަށް.... އޭރުވެސް ރަށުތެރޭގައި އަލީނާ މޮޔަވީއޭ ކިޔައިގެން ފާޑުފާޑުގެ ވާހަކަ ދައްކަމުން ދިޔައީ... އެހެންވެ އަހަރެން އެ ވާހަކަތައް ސިއްރުކުރީ... ސީމައްތަ ބުނިބުނުމަކަށް... އަސްލު ކަޔާން އުޅުނު ގޮތް ފެނިފަ މިޝްވެސް ވަރަށް ދެރަވި.... އެކަމު އެ ވާހަކަ އޭރު ކިޔައި ނުދިނީ އެ ސަބަބަށްޓަކައި... އައިމް ސޯ ސޮރީ ކަޔާން..." ކަޔާނަށް އެ ދުވަހު ދޮގު ހަދައިގެން ވާހަކަ ދައްކަން ޖެހުނު ސަބަބު މިޝްކާ އޮޅުން ފިލުވައި ދިނެވެ.
ކަޔާން ހުރީ އިންތިހާއަށް ދެރަވެފައެވެ. އެވަރުގެ ބޮޑު ކަންތައް ގަނޑަކާއި އަލީނާ ހަނގުރާމަ ކުރިއިރު އެކަމުގައި އަލީނާއަށް އެހީތެރިވެ ދިނުމަށް ކަޔާނަށް ނުހުރެވުނީމައެވެ. "ފަހުން ހިތަށް އެރި ކީއްވެހޭ ފޭސްބުކް ޑީ އެކްޓިވޭޓް ކުރީ.... ދެން ހިތަށް އެރި ރަނގަަޅަށް ވިއްޔާ އަލީނާ އާ އައިޑީއެއް ހެދީއްޔޭ... އަލީނާއަށް ކޮންމެވެސް އެހެންމީހަކު ފެނުނީއްޔޭ..." ކަޔާންގެ ވާހަކަ މެދުކަނޑާލުމުން މިޝްކާ ސުވާލުކޮށްލިއެވެ. "މަޒީން.... ކޮބާ ވާހަކަ ސަޅިތަ؟...."
ކަޔާނަށް ސިހުންވިއެއް ކަމަކު މިޝްކާ އެ މުޚާތަބު ކުރީ އޭނަައަށް ކަން އެނގުނެވެ. "އޯ... ވާހަކަ ވަރަށް ސަޅިއޭ ތޫބާ.... ބައިދަވޭ ވިޝާލާ ތި ދެމީހުން ބްރޭކް އަޕްވުން އެއީ ކިހިނެއް ވީކަމެއްތަ؟... މިހާރު ކޮން ބިޓެއް ނަގައިގެން ތި އުޅެނީ...."
ލުއި ހިނިތުންވުމަކާއި އެކީ ތުންފަތަށް ވައްތަރެއް ޖައްސަމުން މިޝްްކާ ވާހަކަ ދެއްކިއެވެ. "އަސްލު ނޭނގެ ކީއްވެކަމެއް އެ ރިލޭޝަން ވޯކެއް ނުކުރި.... ޚިޔާލު ތަފާތީ.... ސޯ އެހިސާބުން ނިންމާލީ.... ބަޓް އަދިވެސް ވީއާ ގުޑް ފްރެންޑްސް...." މިޝްކާގެ ޖަވާބަށް ރައްދުދެމުން ކަޔާން ހިނިގަނޑެއް ޖަހާލިއެވެ. "އޯ.... ކަޔާނަކަށް ގެޓެއް ނުވޭ... ކިހިނެއް ފްރެންޑްސް ހެން އުޅޭނީ.... ހެހެހެ.... ޖަސްޓް ކިޑިންގް އިނގޭ..." މަޖީދީ މަގާ ހަމައިން މިޝްކާ ހުއްޓުނެވެ. އަދި އޭނާ އެހިސާބުގައި ހުރި ގެއަަކަށް ދާ ވާހަކަ ބުނެލިއެވެ.
އަލީނާގެ ކަޅު މާޒީ ހިއްސާ ކޮށްދިނީތީ އެކަމާ ފަށްފަށުން މިޝްކާއަށް ޝުކުރު އަދާ ކުރަމުން ކަޔާން މިސްރާބު ޖެހީ ކަޔާންގެ ގެއަށެވެ.
ގޭގެ ދޮރު ހުޅުވާލި އިރު ދުވަމުން ދިޔަ މީރުވަހުން މަންމަ ކޮންމެވެސް ހާއްސަ ކެއުމެއް ތައްޔާރު ކުރަނީ ކަން އެނގުނެވެ. ގޭތެރެއަށް ވަދެގެން އައިސް ކާކޮޓަރި ދޮރުމަތީ ކަޔާން ހުއްޓުނެވެ. އެވަގުތު މަރީޝާ ދޮރާ ދިމާލަށް ބަލާލަމުން ވާހަކަ ދެއްކިއެވެ. "ކަަޔާން.... މަންމަ ކަޔާންގެ ފޯނަށް ވަރަށް ގުޅިން.... މަންމަ ހޭލި އިރު ކަޔާން ނެތް ގެއަކު.... ކޮންތާކުން ތި އައީ؟...."
މަރީޝާ ކޮށަން ހުރި ކެރެޓް ތަށިން ކެރެޓް ކޮޅެއް އަނގަޔަށް ލަމުން ކަޔާން އޭނާގެ މަންމައާއި ވާހަކަ ދެއްކިއެވެ. "މިއައީ މިޝްކާއާއި އެކީ ބްރެކްފާސްޓަކަށް ގޮއްސަ.... ކޯއްޗެއް ތި ކައްކަނީ؟...." ކަޔާންގެ ސުވާލަށް މަރީޝާ މިހަދަނީ ފަރާޓާ އާއި ޑެވިލްޑް ޗިކަން ކަމަށް ބުންޏެވެ.
ކަޔާން އަވަސް ވެގަތީ އޭނާގެ ކޮޓަަރިއަށް ދިޔުމަށެވެ. މާގިނަ އިރުތަކެއްް ނުވެއެވެ. ވަރަށް ބޯކޮށް ވާރޭ ވެހެން ފަށައިފިއެވެ. ކޮޓަރީގެ ކުޑަދޮރުން ބޭރުބަލަން ހުރިއިރު ކަޔާންގެ ސިކުނޑިއަށް އާވަމުން ދިޔައީ އެ ދަތުރުގެ ހަނދާންތަކެކެވެ. ދަތުރުގައި ދިމާވި ހާދިޘާއެވެ. ވައިގަދަވެ ވިއްސާރަވެ އަލީނާ ގެނބެން ފެށި މަންޒަރެވެ. އަލީނާ އެ ތޫފާނީ ރޭގައި ސަލާމަތް ކުރެވުނީ ހަމަ ކިރިޔާއެވެ. ނަމަވެސް އެރެއަކީ އެހެން މީހެއްގެ ފުރާނަ މިދުނިޔެއާއި އަލްވަދާއު ކީ ރެއެކެވެ.
ފުން ހިޔާލުތަކަށް ގެއްލިފައި ވަނިކޮށް އެ ހަނދާންތަކުން ވަކިކޮށްލީ ބާރު ގުގުރީގެ އަޑުފައްގަނޑުންނެވެ. ވާހަކަ ފޮތް ހިފައިގެން އެނދުގައި ހަމަޖެހިލިއެވެ. އެންމެ ފަހުން ކިޔާފައިވާ ސަފްހާ އަށް ހުޅުވާލިއެވެ.
- ނުނިމޭ -