ސަލީމާއި އަރާ ހަމަވުމަށް ފަހު މިޝްކާ ހިނތުންވެލިއެވެ. ނަމަވެސް ސަލީމް ރައްދުގައި ހިނތުންވުމެއް ފާޅުނުކުރުމުން މިޝްކާ ވަރަށް ދެރަވިއެވެ. "ސަލީމް... ރުޅިއައިސްފަތަ؟... ކުރިން ދުވަހު ކަންތައް ވީ ގޮތުން ވަރަށް ބޮޑަށް ސޮރީ... އަސްލު ސަލީމްކަން ނޭނގި ހޮސްޕިޓަލުން އެގޮތަށް ވާހަކަ ދެއްކީ..... ސޮރީ އިނގޭ...."
ސަލީމާ މުޚާތަބުކޮށް މިޝްކާ ވާހަކަ ދެއްކުމުން ސަލީމްގެ ހިތަށްވެސް ވަރަށް އަސަަރުކޮށްފިއެވެ. "މިޝްކާ... އަޅުގަނޑު މިޝްކާ ދެކެ ރުޅިއެއް ނާދޭ.... އަޅުގަނޑު މީ ކާކު މިޝްކާ ދެކެ ރުޅިއަންނަން..." ސަލީމްގެ ޖަވާބުގައި ހުރީ މަޑުމައިތިރިކަމެވެ. ވާހަކަ ދައްކަމުން ދިޔ އިރު ހީވީ ނޯކަރަކު އޭނާގެ ޚާދިމާއި ވާހަކަ ދައްކަމުން ދިޔަހެންނެވެ.
"ސަލީމް ކީއްވެތަ އަހަރެންނާ މާތްބަހުން ތި ވާހަކަ ދައްކަނީ...." ސަލީމްގެ ވާހަކަ ދެއްކުން ހުރިގޮތުން މިޝްކާއަށް ވަރަށް އުނދަގޫ ވިއެވެ. މިޝްކާގެ ސުވާލަށް ޖަވާބު ނުދީ ގޭޓުން ބޭރަށް ނުކުތުމަށް ސަލީމް ހިނގައިގަތެވެ.
ސަލީމްގެ އަމަލުތައް ހުރިގޮތުން މިޝްކާ އިންތިހާއަށް ދެރަވިއެވެ. ގެއަށް ވަދެ ސިޓިންގް ރޫމުގެ ސޯފާގައި އިށީނދެ ހަމަޖެހިލަމުން ކަންހިނގައި ދިޔަގޮތާމެދު ފުންކޮށް ވިސްނާލެވުނެވެ. ޓީވީއިން އަޅުވާފައިވާ ޗެނަލްއިން އެވަގުތު ދައްކަމުން ދިޔަ ޕްރޮގްރާމަށް މިޝްކާ ބަލަން އިނެއްކަމަކު މިޝްކާގެ ސިކުނޑިވަނީ މުޅިން އެހެން މާހައުލެއްގައެވެ.
ސޯފީގެ އަޑަށް ސިހިފައި މިޝްކާއަށް ބަލާލެވުނެވެ. މިޝްކާއަކަށް ސޯފީ ކީއެއްޗެއް ރަނގަޅަށް ސާފެއް ނުވިއެވެ. މިޝްކާ އަވަސް އަވަހަށް ސޯފީއަށް ޖަވާބުދެމުން ކާގެއާ ވީ ފަރާތަށް ހިނގައިގަތެވެ. "އާން އަހަރެން ގަންނަން ބޭނުންވި ހުރިހާ އެއްޗެއް ލިބުނު.... މީ ސޯފީއަށް ގެނެސްދިން ހަދިޔާއެއް...." ކުޑަ ސެންޓު ފުޅިއެއް ދަބަހުން ނަގަމުން ސޯފީއަށް ދިއްކޮށްލިއެވެ. ބައްތިރީސް ދަތް އަވީލައިގެން އައިސް ސޯފީ އެ ސެންޓު ފުޅީގައި ހިފަމުން ޝުކުރު އަދާކުރިއެވެ.
ކާ ކޮޓަރިން ދުވި މީރުވަހުން މިޝްކާ ހަށިފުރާ ނޭވާ ދަމާލިއެވެ. "ހޫން.... ހާދަ މީރުވަހެކޭ.... ކޯއްޗެއްތަ ހެދީ.... ވަރަށް ބަޑުހައި ވެއްޖެ..."
ކާމޭޒުމަތީގައި މަތި ޖަހާފައިވާ ތަށިތަކުގެ މަތި ނަގަމުން ރޭގަނޑުގެ ކެއުމަށް ތައްޔާރުކޮށްފައި ހުރި ތަކެތީގެ ލިސްޓު ސޯފީ ކިޔަން ފެށިއެވެ. ސުފުރާމަތި ފެނުމުން މިޝްކާ އަވަހަށް ކާން އިށީނެވެ. އަދި ސީމައްތަ ކޮބައިތޯ އަހާލިއެވެ. ދެބުމަ ގޮށް ޖަަހައިގެން ހުރެ ސޯފީ ވާހަކަ ދެއްކިއެވެ. "މިޝްކާ ދެންމެ ޓީވީ ބަލަންއިންދާ ސީމައްތަ ކައިގެން އެ ދިޔައީ ކޮޓަރިއަށް... މިޝްކާ ކައިރީ ކާން އަންނާށޭވެސް ސީމައްތަ ބުނި...." ސޯފީގެ ވާހަކަތަކުން މިޝްކާއަށް ހައިރާން ކަމެއް ލިބުނެވެ. ސީމައްތަ ފެނުނު ކަމެއް މިޝްކާއަކަށް ނޭނގުނެވެ. ސޯފީ ސަމާސާ ކުރަނީކަމަށް ހީކޮށް ދެވަނަ ފަހަރަށް އެހުމުންވެސް ސޯފީ ދިނީ ހަމަ އެއް ޖަވާބެކެވެ.
ރޭގަނޑުގެ ކެއުމަށްފަހު ކޮޓަރިއަށް ވަދެ ގައި ދޮވެލައިގެން އައިސް އެނދުގައި އޮށޯވެލީ ފޯނު ޗާޖަށް ޖެހުމަށް ފަހުގައެވެ. ކުރިން ރޭ ނުނިދާ ހުރުމުން މިރޭ އެނދުގައި އޮށޯތުމާއި އެކީ މިޝްކާގެ ލޮލުން ނިދި ކުރި ހޯދިއެވެ.
ޖެހިގެން އައި ދުވަހަށް އިރުއެރުމާއި އެކީ މިޝްކާ ރީތިވެ ނަލަހެދިލައިގެން ބެލްކަނިން ބޭރު ބަލާލިއެވެ. އޭރު ސަލީމް ރީތިވެގެން ގަމީހުގެ އަތުކުރި އޮޅަމުން ވަލު ދޮރާށިން ނުކުމެގެން ދިޔަ މަންޒަރު ފެނުނެވެ. ސަލީމްގެ ފަރާތުން ފެންނަމުން ދިޔަ ކަންތައް މަތިން ހިތަށް އެރުމުން މިޝްކާއަށް ލަފާކުރެވުނީ އަލީނާއާއި ތިމާގެ ވާހަކަ ބުނުމުން ސަލީމް އޭނާ ދުރުކޮށްލީ ކަމަށެވެ. އެކަމަކު އެކަމުގެ ސަބަބުން މިޝްކާ ދުރުކޮށްލަން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަކަށް މިޝްކާއަކަށް ޤަބޫލެއް ނުކުރެވުނެވެ. ގަޑިއަށް ބަލާލުމަށްފަަހު ހެނދުނުގެ ސައި ބުއިމަށް ތިރިއަށް ދާން ހިނގައިގަތެވެ. ސިޑި ކައިރިއަށް އައި އިރު ތިރީގައި ބަޔަކު އުޅޭކަން އިހްސާސް ވިއެވެ. މަޑު ފިޔަވަޅުތަކެއްގައި ސިޑިން ފޭބިއިރު ކާ ކޮޓަރި ތެރޭގައި ދެކެވެމުން ދިޔަ ވާހަކަ ވަރަށް ސާފުކޮށް އަޑު އިވުނެވެ.
"ރިޒާ.... އަހަރެންގެ ދަރިފުޅު ފަނާވާން އެތަނަށް ދޫކޮށްލުން އެއީ އެންމެ ރަނގަޅު ގޮތްތަ؟.... އެންމެ ފަހަރަކުވެސް ވިސްނާލިންތަ؟... އޭނާއަށް ކުރާނެއަސަރު.... އަހަރެން ޤަބޫލެއް ނުކުރަން މި ކހަލަ ކަންތަައްތަކަކީ ބޭސް ފަރުވާއިން ރަނގަޅު ކުރެވިދާނެ ކަންތައްތައް ކަމަކަށް.. ރިޒާ އަދި އެއްފަހަރު ވިސްނާލަބަލަ.... އެއީ އަހަރެމެންގެ ހުރި ހަމައެކަނި ދަރިފުޅޭ...." ސީމާ ގެ އާދޭހުގެ އަޑު ކަންފަތުގައި ޖެހުމުން މިޝްކާގެ ފިޔަވަޅު މަޑުކޮށްލިއެވެ.
ކާ ކޮޓަރިތެރޭ ދެކެވެމުން ދިޔަ ވާހަކަތަކަށް ކަންފަތް ދީގެން މިޝްކާ ހުއްޓެވެ. ދެން އިވުނީ ރިޒާބެ ވާހަކަ ދައްކަންފެށި އަޑެވެ. "ސީމާ... އަހަރެން މި ހުރިހާ ކަމެއް މިކުރަނީ އަލީނާ ހަލާކު ކުރާކަށް ނޫނޭ..... އަހަރެން ބޭނުމެއް ނޫން ފަންޑިތަ ހަދާ ފާލުބަލާކަށް.... މަންމައަށް ވީގޮތް ހަނދާން ނެތުނީތަ؟... މި ވާހަކަ މިހެން ދެކެވޭ އިރުވެސް ސީމާއަށް ރަނގަޅަށް އެނގޭނެ އަހަރެން މިކަހަލަ ކަންތައް ކުރުމާ ނުރުހޭ ވަރު.... ދެން އެކޮޅަށް ގެންދިޔައިމަ އެނގިދާނެތާ ވާގޮތެއްވެސް.... އަހަރެން މި އައީ މެލޭޝިޔާގައި ދިރިއުޅޭ ރައްޓެއްސެއް ކައިރިއަށް ގޮއްސަ... އަލީނާ ގޮވައިގެން ޓްރެވަލް ކުރެވޭވަރު ވީމަ އޭނާ ގޮވައިގެން މެލޭޝިޔާއަށް ދާނީ.... ފިޒާމްގެ ދަރިފުޅަކީ ވަރަށް މޮޅު ސައިކްއޭޓްރިސްޓެއް.... އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވަމުން ދާނީ... ދެން..."
ރިޒާގެ ވާހަކަ މެދުކަނޑާލީ ކާ ކޮޓަރި ތެރެއަށް ވަދެގެން އަައި މިޝްކާ ފެނުމުންނެވެ. މޭޒުދޮށުގައި އިށީނދެގެން އިން ސީމާ ގޮނޑިން ތެދުވަމުން މިޝްކާ ގާތު ސައިބޯން އައުމަށް އެދުނެވެ. ރިޒާއާއި ޖެހިގެން ހުރި ހުސް ގޮނޑީގައި މިޝްކާ އިށީނދެ ޕާން ފޮއްޗެއް ނަގައި އޭގައި ބަޓަރާއި ޖޭމް ހާކަން ފެށިއެވެ. ސޯފީ އިނީ ތަރުކާރީތަކެއް ކޮށާށެވެ. އެހެން ކަމުން މިޝްކާއަށް ކޮފީތަށި ތައްޔާރު ކޮށްދިނީ ސީމާއެވެ. ކާ ކޮޓަރި ތެރޭގައި ތިބި އެއްވެސް މީހަކު ވާހަކައެއް ނުދައްކައެވެ. އެ ހަމަހިމޭންކަމުގެ ތެރެއިން އިވެމުން ދިޔައީ ތަށިތަކުގައި ސަމުސާ ކޭތޭ އަޑެވެ. ވަކި ވަކިން އެންމެންގެ މޫނުތަކަށް މިޝްކާ ނަޒަރު ހިންގާލުމަށްފަހު ވާހަކަ ދައްކަން ފެއްޓިއެވެ.
"ރިޒާބޭ.... ކޮންއިރަކުންތަ އަލީނާ ކައިރިއަށް ދާނީ.... އަލީނާ ވަރަށް ދެކިލާ ހިތުން މީނީ... ހިނގާބަލަ ދާން... ނޭނގެ އެ ފަކީރު އެތާ އަހަރެމެންނާ ނުލާ އުޅޭނެ ގޮތެއްވެސް....."
ސައިބޮއި ނިމުމުން މޭޒުމަތީ ހުރި ހުސްތަށިތައް ސީމާ ނަގަން ފެށިއެވެ. އެވަގުތު ދުރުގައި މަންޒަރު ބަލަންއިން ސޯފީ އައިސް ސީމާގެ އަތުގައިވާ ތަށިތައް ހިފައިގެން ސިންކުދޮށަށް ދިޔައެވެ. ފޯނުގެ ޑިސްޕްލޭއަށް ބަލަމުން ރިޒާ މޭޒުދޮށުން ތެދުވިއެވެ. އަދި އަލީނާއާއި ބައްދަލުކުރަން ދިޔުމަށް ތައްޔާރުވެގެން އަންނާށޭ ބުނަމުން ސިޓީންގްރޫމުގެ ސޯފާގައި އިށީނެވެ.
ރިޒާގެ މި ނިންމުމަށް މިޝްކާއާއި ސީމާ ވަރަށް އުފާވިއެވެ. އަވަހަށް ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހީ ރީތިވެގެން އައުމަށެވެ.
މިޝްކާ ކޮޓަރިން ނިކުމެ ތިރިއަށް ފޭބި އިރު ރިޒާމެންގެ ދެމަފިރިން ތިބީ މިޝްކާގެ އިންތިޒާރުގައެވެ. ސިޑިން ފައިބައިގެން އައި މިޝްކާ ފެނުމުން ދެމީހުން އެކީގައި ސޯފާއިން ތެދުވެގެން ދޮރާ ދިމާލަށް ހިނގައިގަތެވެ. ގޭޓު ކުރިމަތީގައި އޮތް ކާރުގައި މަޑުކޮށްލައިގެން ސަލީމް ހުރީ އެމީހުންގެ އިންތިޒާރުގައެވެ. ރިޒާ އެރީ ކުރީ ސީޓަށެވެ. މިޝްކާއާއި ސީމާ އެރީ ކާރުގެ ފަހަތު ސީޓަށެވެ. އެންމެން ކާރަށް އަރާ ހަމަޖެހުމުން ހުޅުމާލޭގެ ބޮޑެތި މަގުތަކުން ދުއްވާފައި މެންޓަލް ހޮސްޕިޓަލާއި ދިމާލަށް ކާރު މިސްރާބު ޖެހިއެވެ.
ދުވަހަކީ އުޑުމަތި ސާފު ދުވަހެކެވެ. ހެނދުނު އެގާރަ ޖެހީއެވެ. ތާރު އަޅާފައިވާ ހުޅުމާލޭގެ މަގުތަކުން އިރުގެ ހޫނުން އާވި އަރަމުން ދިޔަ މަންޒަރު ފެނެއެވެ. ކާރުގެ ކުޑަދޮރުން ބޭރު ބަލަން މިޝްްކާ އިނެވެ. ފްެލެޓްތަކާއި ގެތައް ފަހަނައަޅާ ދިޔުމުން ދެން ފެންނަމުން ދިޔައީ މަގުގެ ދެފަރާތުން ބޯކޮށް ހެދިފައިވާ ގަސްތަކެވެ. "މީ ކޮންތަނެއް؟... މިހިސާބުން ގެއެއްވެސް ފެންނާކަށް ނެތް......"
މިޝްކާގެ ސުވާލަށް ޖަވާބުދެމުން ރިޒާ ފަހަތަށް އެނބުރި މިޝްކާއަށް ބަލާލިއެވެ. "މީއަދި ހުސް ބިންތަކެއް..... މިހާރު މިހުރީ މިތާ ބޯކޮށް ގަސް ހެދިފަ... ހީވަނީ ޖަނގައްޔެއް ހެން ދޯ.... ކިހާ ހިތްފަސޭހަ.... އެކަމަކު ރޭގަނޑުގެ ވަގުތުތަކުގައި މި މަގުތަށް ވަރަށް ބިރުވެރިގޮތަކަށް ހުންނަނީ...." ރިޒާ ބުނި ވާހަކައިން މިޝްކާ ފަސްޖެހޭގޮތް ވިއެވެ. އަނެއްކާވެސް ރިޒާ ވާހަކަ ދައްކަން ފެއްޓިއެވެ. "މީ 2015 ގައި ހިއްކި ބިމެއް.... އަހަރެމެން ދާން މިއުޅޭ މެންޓަލް ހޮސްޕިޓަލް އަޅާފައި އެހެރީ ކުރީގެ ފަރުކޮޅުފުށި އޮތް ތަން...."
މިޝްކާއަށް އެއީކޮންތަނެއް ކަމެއް ނޭނގިގެން ސުވާލުކޮށްލިއެވެ. "ފަރުކޮޅުފުއްޓޭ... އެއީ ކޮންތަނެއް؟..."
މި ފަހަރު މިޝްކާއަށް ޖަވާބުދިނީ ސީމާއެވެ. "އެއީ ކުރީގަ ހުޅުމާލެ ކައިރީގައި އޮތް ރިސޯޓެއް... އެ ރިސޯޓަށް ކިޔަނީ ކްލަބް ފަރު... ހުޅުމާލެ ބޮޑުކުރުމަށް ހިއްކަމުންދިޔަ ދުވަސްވަރު އެއީ.... އެފަހަރު އެ ރިސޯޓާ އެކީ ވަަރަށް ބޮޑު ސަރަހައްދެއް ހިއްކި.... އަލީނާއަށް އޭރު ވާނީ ދިހަ އަހަރު... ސްކޫލް ފަރާތުން އެ ބިމުގައި ގަސް އިނދުމަށް ބައިވެރިވުމުން އަހަރެންވެސް އެތަނަށް ދިޔައިން....."
މަގުގެ ދެފަރާތުގައި ހެދިފައިވާ ބިޔަ ފިތުރޯނު ގަސްތަކަށް ބަލަމުން ދިޔަ މިޝްކާ އިނީ އަނގަ ހުޅުވިފައެވެ. ދިގުކޮށް ފެންނަން ހުރި މަގުގެ ކޮޅާއި ހަމައަށްވެސް ދުއްވާ އެއްޗެއްގެ ނޫނީ މީހެއްގެ ހިލަމެއްވެސް ނުވެއެވެ. ދެފަރާތުން ދުއްވޭ ގޮތަށް ހަދާފައިވާ އެ މަގުގައި މިޝްކާމެން ތިބި ކާރު ފިޔަވާ އިތުރު ވެހިކަލެއް ފެންނާކަށް ނެތެވެ. ހައިރާންވެ އެ މަންޒަރަށް ބަލަންއިން މިޝްކާ އަހާލިއެވެ. "މިހިސާބުން މީހަކުވެ ނުފެނޭ.... ދުއްވާ އެއްޗެއްވެސް ނުފެނޭ... ހާދަ ފަޅޭ..."
މިޝްކާ ދައްކަމުން ދިޔަ ވާހަކަ މެދުކަނޑާލީ ކުރިމަތިން ބޮޑު އިމާރާތެއް ފެންނަން ފެށުމުންނެވެ. އޭރު އެ އިމާރާތުގެ މައި ދޮރާށި ކުރިމަތީގައި ބަހެއް އޮތެވެ. ބަސްފުރާ މީހުން އެރުމުން މީހުން ދިރިއުޅޭ ދިމާލަށް ބަސް ދަތުރު ފެއްޓިއެވެ. "އެއީ މި ހޮސްޕިޓަލްގެ މުވައްޒަފުންނާއި ބަލިމީހުންނަށް ޒިޔާރަތްކުރަން އަންނަ މީހުން ދަތުކުރާ ބަސް......" އެ ބަހަށް އިޝާރާތް ކުރަމުން ރިޒާއަށް ލިބިފައިވާ މަޢުލޫމާތު ހިއްސާކޮށްލިއެވެ.
އިމާރާތުގެ ބޭރުގައިވާ ޕާކިން ޒޯނުގައި ކާރު ޕާކު ކޮށްލިއެވެ. އަދި އެހިސާބުން ރިޒާމެންގެ ދެމަފިރިންނާއި އެކީ މިޝްކާ އެ އިމާރާތުގެ ތެރެއަށް ވަނުމަށް ހިނގައިގަތެވެ. ސަލީމް ކާރުގައި މަޑުކޮށްލައިގެން އިނީއެވެ. އިމާރާތުގެ ތެރެއަށް ވަދެ ސެކިއުރިޓީ ގޭޓާއި ދިމާލުން އެމީހުން މަޑު ކުރުވިއެވެ. އަތުގައިވާ ފޯނާއި ދަބަހާއި ވޮލެޓާއި ހުރިހާ ސާމާނެއް ބެހެއްޓުމަށް ލޮކަރެއް ދައްކާލިއެވެ. އެލޮކަރަށް އަތުގައިވާ ހުރިހާ ސާމާނެއް ލުމުން އެ ސެކިއުރިޓީ މީހުން ގަނޑުކޮޅެއް ދިއްކޮށްލިއެވެ. އެ ގަނޑުކޮޅުގައި ވަނީ އެ ލޮކަރު ހުޅުވުމަށް ބޭނުންކުރާ ކޯޑެވެ.
ދެން އެމީހުން ގާތަށް އައީ ހުދުކުލައިގެ ޔުނީފޯމުގައި ތިބި ދެ ޒުވާނުންނެވެ. އަންހެނަކާއި ފިރިހެނެކެވެ. އެމީހުން އައިސް ތިން މީހުންގެ ހަށިގަނޑުގައި މެޓަލް ޑިޓެކްޓަރ ހާކާލަމުން ސްކޭން ކޮށްލިއެވެ. އަދި އެއަށް ފަހު މިޝްކާގެ ކަންފަތުގައި އަޅުވާފައިވާ ބޮޑު ބޮޅު ނެގުމަށް އެންގިއެވެ. އަދި ސީމާގެ ބުރުގަލާއި އެކީ ޖަހާފައިވާ ބޮޑު ދަތިވެސް ނެގުމަށް އެދުނެވެ. އެތަކެތި ހަވާލުކުރުމާއެކީ ދެން އެންމެ ރަނގަޅުކަމަށް ބުނުމުން ތިން މީހުން އެކީގައި ކުރިމަތިން ފެންނަންހުރި ކައުންޓަރާ ދިމާލަށް ހިނގައިގަތެވެ.
ކައުންޓަރުގައި އިނީ އަންހެން މުވައްޒަފެއްކެވެ. އޭނާވެސް ލާފައިވަނީ ހުދު ކުލައިގެ ޔުނީފޯމެކެވެ. އެ ހޮސްޕިޓަލަށް އެމީހުން އައި ބޭނުން ބަޔާން ކުރިއެވެ. ހޮސްޕިޓަލުގެ ގަވާއިދާއި އެއްގޮތަށް ފޯމެއް ފުރުމަށް ފަހު ކައުންޓަރު މަތީގައި އިނގިލީގެ ނިޝާން ސްކޭން ކުރާ މެޝިނެއް ބެހެއްޓިއެވެ. ތިން މީހުންގެ ދެއަތުގެ ފަސް އިނގިލީގެ ނިޝާން ޖެހުމަށްފަހު ޒީޔާރަތް ކުރާ މީހުންނަށް ދޭ ކާޑް އެމީހުންނަށް ހަވާލުކުރިއެވެ. ކާޑުގައި ބޮޑުއަކުރުން 'ވިޒިޓަރސް' ޖަހާފައި އޮތެވެ. ކައުންޓަރުގައި ހުރި ކުއްޖާގެ އިރުޝާދާއި އެއްގޮތަށް ދެން އެމީހުން މިސްރާބު ޖެހީ އެ ކައުންޓަރުގެ ކަނާތް ފަރާތުގައި ހުރި ލިފްޓާއި ދިމާލަށެވެ.
ތިން މީހުންނަށްވެސް ހިމޭނުން ބަހެއް ނުބުނެ ތިބެވުނީ މިފެންނަ އާދަޔާ ޚިލާފް މަންޒަރު ތަކުންނެވެ. އެއީ ވަރަށް ބޮޑު ހޮސްޕިޓަލެކެވެ. މުޅި ހޮސްޕިޓަލުގައި ވަނީ މަޑު ނޫކުލަ ލާފައެވެ. ހޮސްޕިޓަލުގައި އުޅޭ ގިނަ މުވައްޒަފުން ލާފައި ހުންނަނީ ހުދު ކުލައިގެ ޔުނީފޯމެވެ. ތަން ފޮޅާ ސާފުކޮށް މަސައްކަތް ކުރަމުން ދިޔަ މީހުން ލާފައި ހުރީ މަޑު ނޫކުލައިގެ ޔުނީފޯމެވެ.
އެ ހޮސްޕިޓަލުގެ ލިފްޓު ހުރީ ބޭރު ފެންނަގޮތަށް ވަށައިގެން ބިއްލޫރި ޖަހާފައެވެ. އެ ލިފްޓަށް އެރުމަށް ފަހު ދާންޖެހެނީ ހަތަރުވަނަ ބުރިއަށް ކަމަށްވާތީ ނަންބަރު ހަތަރަކަށް އޮބާލިއެވެ. ލިފްޓު މައްޗަށް ދާން ފެށިއެވެ. އެއްވަަނަ ބުރީގައި ތިބިމީހުން ފެނި ހައިރާންވެ މިޝްކާއަށް ސީމާއާއި ދިމާލަށް ބަލާލެވުނެވެ. އުމުރުން ދުވަސްވެފައި ތިބި ނުކުޅެދޭ މީހުންނެވެ. ގިނަމީހުން ތިބީ ވީލްޗެއާރ ގައެވެ. އެ ބައިގައި ހޮސްޕިޓަލުގެ ވަރަށް ގިނަ މުވައްޒަފުން ހަރަކާތްތެރިވާ މަންޒަރު ފެނުނެވެ. ކޮންމެ ބަލި ދެމީހަކަށް މުވައްޒަފެއް ހުއްޓެވެ. ދެވަނަ ބުރިން ފެންނަމުން ދިޔައީ ކޮޓަރިތަކެކެވެ. ތިންވަނަ ބުރިން ފެންނަމުން ދިޔައީ ކުޅިވަރު ކުޅުމަށް ހާއްސަކޮށް ހަދާފައިވާ ތަނެއް ގޮތަށެވެ. ދިމަ ދިމާލުގައި މޭޒު ޖާހާފައިވާއިރު އެކި މޭޒުތަކުގައި އެކި ކަހަލަ ކުޅިވަރުތައް ކުޅެވެން ހުއްޓެވެ. އޮށްވަޅު ގޮނޑިއާއި، ކެރަމްއާއި، ތާސްބަޔާއި، ރާޒުވާއާއި، ސްކްރޭބަލްއާއި، މޮނޮޕޮލީއެވެ. އޭރުވެސް ބައެއް ބަލިމީހުން ކުޅެން ތިބިތަން ފެނުނެވެ. ހަތަރުވަނަ ބުރިއަށް ލިފްޓް އައިސް ހުޅުވުމުން މިޝްކާމެން އަވަހަށް ލިފްޓުން ފޭބިއެވެ.
އެބައިގައި ފެންނަންހުރި ކުޑަ ކައުންޓަރ ކައިރިއަށް ތިންމީހުން ދިޔައީ ތެޅިތެޅި އޮތް ހިތަކާއި އެކުގައެވެ. ކައުންޓަރު ދޮށުގައި އެއްވެސް މީހަކު ފެންނަން ނެތުމުން ވަރަށް ހައިރާން ވިއެވެ. ކައުންޓަރ މަތީގައިވާ ބެލްއަށް ފިތާލިއެވެ. ބެލްގެ ތޫނު އަޑު މުޅިތަނުގައި ގުގުމާލިއެވެ. ކުޑަ ވަގުތު ކޮޅަކަށް ފަހު ކައުންޓަރު ދޮށަށް ފިރިހެން މުވައްޒަފެއް އަތުވެއްޖެއެވެ. އޭނާވެސް ހުރީ ހުދުކުލައިގެ ޔުނީފޯމެއް ގައެވެ. ބަލިމީހާގެ ނަން ބުނުމުން ސިސްޓަމްގައި އެނަންޖަހާ ސާރޗް ކޮށްލިއެވެ. އަދި ވަކިވަކިން ތިން މީހުންގެ މޫނަށް ބަލާލުމަށްފަަހު މޭމަތީގައި ޖަހާފައިވާ ވިޒިޓަރސް ކާޑަށް އެ މީހާ ނަޒަރު ހިންގާލިއެވެ.
- ނުނިމޭ -