ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބްރިޖަށް އަރަން ދިޔަ ޓެކްސީއަކުން ޓްރެފިކް ފުލުހެއްގެ ގައިގައި ކާރުން ޖެހުނީ ގަސްތުގައި ނޫން ކަމަށް ކާރު ދުއްވަން އިން 37 އަހަރުގެ ޑްރައިވަރު ބުނެފިއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު ހިނގި މި ހާދިސާގައި ޓެކްސީ ދުއްވަން އިނީ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް އިއްޔެ ކޯޓަށް ގެއްދިއުމުން ބުނީ އެއީ ގަސްތުގައި ކުރި ކަމެއް ނޫން ކަމަށެވެ. އަދި ވަގުތުން ކާރު ހުއްޓައި ފުލުހުސް މީހާ ކައިރިއަށް ގޮސް މާފަށް އެދުނު ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

ކޯޓު އަމުރުގައިވާ ގޮތުން އެ ހާދިސާގެ ރިޕޯޓަށް ބަލާއިރު ޓެކްސީ ދުއްވާފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށް ނުބެލެވެއެވެ. ކުށުގެ އެއްވެސް ރެކޯޑެއް މީގެ ކުރިން ނެތް އެ ޑްރައިވަރު ކޯޓުގައި ބުނީ ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށެވެ.

ފުލުސް މީހާއަށް ސީރިއަސް އަނިޔާތަކެއް ވެފައިނުވާ ކަމަށާއި، އެ އޮފިސަރުގެ އަތުގެ މުލައްދަނޑިއާއި އަތްތިލައިން ހަންމަށައުގެން ގޮސްފައިވާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ލައިސެންސް ހިފަހައްޓައި ފުލުހުން ވަނީ ކާރު ޓޯ ކޮށްފައެވެ.

މި ހާދިސާ ހިނގި ވަގުތުގެ ވީޑީއޯ ފޫޓޭޖް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު ވީޑިއޯއިން ފެންނަ ގޮތުގައި ވެލާނާ އެއާޕޯޓުން ބްރިޖަށް އަރަން ދުއްވަމުންދިޔަ ޓެކްސީ މަސައްކަތް ކުރީ އެވަގުތު ސައިރެން އަޅަމުން ދިޔަ ފުލުހުންގެ ކާރަކުން ނެއްޓުމަށެވެ. ނަމަވެސް ކާރުގެ ކޮންޓްރޯލް ދޫވެ ޓްރެފިކް ބަލަހައްޓަން ހުރި ފުލުސް މީހެއްގެ ގައިގައި ކާރުން ޖެހުނު މަންޒަރު ވީޑިއޯއިން ފެނެއެވެ.