2012 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު "ސްޓޫޑަންޓް އޮފް ދަ އިޔާ" ގެ ތިން ވަނަ ބައެއް އަންނާނެކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ.
ފިލްމުގެ ޑައިރެކްޓަރު ކަރަން ޖޯހަރު ބުނީ މި ފަހަރުގެ ފިލްމު ޑައިރެކްޓްކުރާނީ އޭނާ ނޫން ކަމަށާއި މި ފަހަރު ފިލްމު ގެނެސްދޭނީ ރީމާ މާޔާ ކަމަށެވެ. އަދި މި ފަހަރު ގެނެސްދޭނީ ފިލްމެއްގެ ގޮތުގައި ނޫންކަމަށާއި މި ފްރެންޗައިޒް ފިލްމުގެ ތިން ވަނަ ބައި ގެނެސްދޭނީ ވެބް ސީރީޒެއްގެ ގޮތުގައި ކަމަށްވެސް ކަރަން ވަނީ ބުނެފައެވެ. ސީރީޒް ގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށާއި މި އަހަރު ތެރޭ ޝޫޓިން ފަށާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
އަދި ސީރީޒްގެ ސްކްރިޕްޓް މަސައްކަތް މިހާރު ނިމި، މިއަހަރު ޕްރޮޑަކްޝަން މަަސައްކަތްވެސް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ކަރަން ބުންޏެވެ. މަޝްހޫރު ކަޕޫރު އާއިލާގެ އެކްޓަރު ސަންޖޭ ކަޕޫރުގެ އަންހެން ދަރިފުޅު ޝަނާޔާ ކަޕޫރު ބޮލީވުޑަށް ތައާރަފްވާ މި ސީރީޒަކީ ހުރިހާ ގޮތަކުންވެސް ކަމުދާނެ ސީރީޒެއް ކަމަށް ކަރަން ވަނީ ބުނެފައެވެ. ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ސްޓްރީމްކުރުމަށް ހަމަޖެހިފައިވާ މި ސީރީޒްގެ ޝޫޓިން މިއަހަރު ފަހުކޮޅު ފަށާނެއެވެ. މިއީ ދަރުމާ ޕްރޮޑަކްޝަންގެ ފުރާޅުގެ ދަށުން ގެނެސްދޭ ސީރީޒްއެވެ.
ދެހާސް ނަވާރަ ވަނަ އަހަރު މި ފިލްމުގެ ދެވަނަ ބައެއް ގެނެސްދިން އިރު އެ ފިލްމުން ފެނިގެންދިޔައީ ތާރާ ސުތައިރާ، ޓައިގާ ޝްރޮފް އަދި އަނަންޔާ ޕާންޑޭއެވެ. މި ފިލްމުގެ ފުރަތަމަ ބައިން ފެނިގެންދިޔައީ ވަރުން ދަވަން، އާލިއާ ބަޓް އަދި ސިދާތް މަލްހަތްރާއެވެ.