މި ސަރުކާރުން ކުރަމުން ދާ މަސައްކަތަކީ ސަރުކާރުގެ ކުންފުނިތަކުން ނަގާފައިވާ ލޯނުތަކާ ދަރަނިތަކަށް ރަނގަޅު ބަދަލެއް ގެނެސް އިގްތިސާދު ރަނގަޅުކުރުމުގެ މަސައްކަތްކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ކުރިއަށް ގެންދާ ރައީސްގެ 'ސުވާލާ ޖަވާބު' ޕްރޮގްރާމްގައި އައްޑޫ ސިޓީ، ހިތަދޫ ޒެޓައިރު، ނައުޝާދު އަބްދުއްރައްޒާގު، މި ސަރުކާރުން ވެރިކަން ހިންގުމާ ހަވާލުވިއިރު ސަރުކާރު ކުންފުނިތަކުގައި ހުރި ބޮޑެތި ދަރަނިތައް އަދާކުރުމަށް ކުރައްވާފައިވާ ޕްލޭނާމެދު ވަނީ ސުވާލުކޮށްފައެވެ.

މި ސުވާލުގެ ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުގެ ނާޖައިޒު ގޮތުގައި ވަރަށް ބޮޑަށް ބޭނުންކޮށްފައިވާ ކަމަށެވެ. އަދި ކުންފުނިތަކުގައި އޮންނަ އުސޫލާ ހިލާފަށް ކުންފުނިތަކުގެ ބޭނުން ސިޔާސީ ގޮތުން ބޭނުންކުރުމުގެ ސަބަބުން ކުންފުނިތައް ހަލާކުވެ ބަގުރޫޓުވުމާ ހަމައަށް ގޮސްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. "ބޮޑެތި ދެތިން ކުންފުނި ފިޔަވައި ފައިދާ ކުންފުންޏެއް ނެތް' ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ކުންފުނިތަކުން ނަގާފައިވާ ލޯނުތަކާ، އާންމުންނަށް ދަރާފައިވާ ދަރަނިތައް ދެއްކުމަށް މިސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ހާމަކުރައްވަމުން ރައީސް ވިދާޅުވީ ބޭންކުތަކާ ވާހަކަދައްކައިގެން ރަނގަޅު ގޮތެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި އާންމުންނަށް ދަރާފައިވާ ދަރަނިތައްވެސް ވަކިވަކިން ދެއްކުމުގެ ޕްލޭންތަކެއް ހެދި ކްރެޑިޓާސް އާއި މަޝްވަރާކުރެވި ފައިސާދެއްކުމުގެ ހުރިހާކަމެއް ރޭވިގެން ކުރިއަށް ގެންދާކަމަށެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ އިގްތިސާދު އޮތީ ވަރަށް ހާލުގައިކަމަށް ރައީސް ވިދާޅުވާ ވާހަކަ ތަކުރާރުކުރައްވަމުން އެ މަނިކުފާނު ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް ހަރުދަނާކުރުމަކީ، އިގްތިސާދު ރަނގަޅުކުރުމަށް އެންމެ މުހިއްމުކަމެއް ދޭ އެއް ދާއިރާކަން ފާހަގަކުރައްވާފައެވެ.