ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އަދިތްޔާ ރޯއީ ކަޕޫރު އާއި ބަތަލާ އަނަންޔާ ޕާންޑޭ ވަރަށް އަވަހަށް އެންގޭޖްވާނެ ކަމަށް ބޭރުގެ ރިޕޯޓްތައް ބުނެފިއެވެ.
މިދެތަރިން އެންގޭޖްވާން އުޅޭކަމުގެ އަޑުގަދަވެފައިވަނީ ދެތަރިން އެކުގައި ދާދިފަހުން އިޝްތިހާރެއްވެސް ކުޅެފައި ވަނިކޮށެވެ. އަދިތްޔާ އާއި އަނަންޔާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ ވާހަކަ ދެކެވެން ފެށީ 2022 ވަނަ އަހަރުގައެވެ. ދެމީހުން މިހާތަނަށް ގުޅުން ރަސްމީކޮށް އިއުލާންކޮށްފައި ނުވިނަމަވެސް ދެމީހުން އެކުގައި ޗުއްޓީ ހޭދަކުރަން އެކި ގައުމުތަކަށް ދެއެވެ.
އަދި މުމްބާއީ މަގުމަތިން ދެމީހުން ވަރަށް ގިނައިން އެއްކޮށްވެސް ފެނެއެވެ. މީގެ ކުރިން ކޮފީ ވިތު ކަރަންގެ ހަތް ވަނަ ސީޒަނުގައި އަނަންޔާ ބުނީ އަދިތްޔާ އަކީ އޭނާ އަށް ވަރަށް ރީތި މީހެއް ކަމަށެވެ. ނިމިދިޔަ ކޮފީ ވިތު ކަރަން ސީޒަނުގައި އަނަންޔާ ވަނީ ނުސީދާކޮށް އަދިތްޔާ އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ބުނެފައެވެ.
ކުރީގެ އެކްޓަރު ޗަންކީ ޕާންޑޭގެ ދަރި އަނަންޔާ އާއި އަދިތްޔާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ އަޑުފެތުރުނު ނަމަވެސް ދެމީހުންވެސް މިކަމާ މެދު އެއްޗެކޭ ބުނަފައެއްނުވެއެވެ. އެކްޓަރު އަދިތްޔާ މީގެ ކުރިން ލޯބީގެ ގޮތުން ގުޅުނީ ބަތަލާ ޝްރައްދާ ކަޕޫރާއެވެ. އެދެމީހުން ލޯބީގެ ގޮތުން ގުޅުނީ "އާޝިގީ 2" ގެ ސެޓުން ދިމާވެގެންނެވެ.