މި ސަރުކާރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި ކުރުމަށް 'ޓާގެޓް' ކޮށްފައިވާ ކަންކަން ހާސިލުކުރެވިފައިވާކަމަށާއި އެކަމުގެ ހެކި ފެންނަން ހުންނާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

'ސަންގު ޓީވީ' ގެ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ސަރުކާރަށް އުންމީދުތަކާ އެއް މިންގަނޑަށް މަސައްކަތް ނުކުރެވޭކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުން ދާ ވާހަކަތަކަށް ޖަވާބުދެއްވާފައެވެ.

މި ގޮތުން ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރުން ކުރި ކަންތައްތަކުގެ ހެކި ލިޔެކިޔުންތަކުން ފެންނަން ހުންނާނެކަމަށެވެ. އިދިކޮޅު ފަރާތްތަކުން އެފަދަ ވާހަކަތައް ދެއްކުމަކީ މައްސަލައެއް ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެހެންނަމަވެސް ދައްކާ ވާހަކައިގެ ތެދު ހަގީގަތް އޮންނަން ޖެހޭނެކަމަށެވެ. "ސިޔާސީ ފަރާތްތަކުން އެކިއެކި ބޭނުންތަކުގަ އެކަހަލަ ވާހަކަދައްކާނެ. އެހެންނަމަވެސް ރައްޔިތުންނަށް ގާތުން ފެނިވަޑައިގަންނަވާނެ އަޅުގަނޑުމެން ކުރަމުން ދިޔަ މަސައްކަތް އެކި އެކި ދާއިރާތަކުން ކަނޑައެޅި ޓާގެޓްތައް ހާސިލްކުރުމަށް." ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން މިހާތަނަށް ކުރެވިފައިވާ މުހިއްމު މަސައްކަތްތަކުގެ ތަފްސީލު ދެއްވަމުން ރައީސް ވަނީ އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތް ކަނޑައެޅި ޓާގެޓާއެކު ކުރިއަށް ދާކަން ފާހަގަކުރައްވާފައެވެ. އަދި އެކަމުގެ ހުރިހާ ތަފްސީލުތަކެއް ތާރީހުތަކާ އެކު އިއުލާނުކޮށްފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ފައިސާ ޗާޕުކުރަމުންދިޔަ ދިއުން ވައުދާއި އެއްގޮތަށް ނިމުމަކަށް ގެނެސްފައިވާކަމަށާ އިގްތިސާދު ރަނގަޅުކުރުމުގެ މަސައްކަތް ކަނޑައެޅިގޮތަށް ފެށިފައިވާކަމަށެވެ. އަދި މަޝްރޫއުތަކަށް އިންވެސްޓް ހޯދައިދިނުން ފަދަ ވަރަށް ގިނަ ކަންތައްތައް ކުރެވެމުން ދާކަމަށެވެ. އިޖްތިމާއީ ދާއިރާ އާއި ގެދޮރުވެރިކަމުގައި ވެސް ރައްޔިތުންނަށް ގިނަ ލުއިތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރެވެމުންދާކަން އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އިތުރަށް ރައީސް ވިދާޅުވީ އުއްމީދުކުރާ މިންގަނޑަށް މަސައްކަތްނުކުރެވޭ ކަމަށް ބުނަމުންދަނީ ސިޔާސީ ގޮތުންކަމަށެވެ.