ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ މަސައްކަތް ކުރިން ހިނގަމުން ދިޔަ ސްޕީޑަށްވުރެ އަވަސްކުރެވިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ޕަބްލިކް ސާވިސް މީޑިއާއަށް ދިން ހާއްސަ އިންޓަވިއުއެއްގައެވެ.

ރައީސް މުއިއްޒު ވިދާޅުވީ ގައުމުގެ ތަރައްގީއަށްޓަކައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ބޮޑެތި މަޝްރޫއުތައް ނިންމޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

އެގޮތުން ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫއަކީ ރާއްޖޭގެ މައި ދޮރާށި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ މަސައްކަތްކަން ރައީސް ފާހަގަ ކުރެއްވިއެވެ. އަދި ރައީސް މުއިއްޒު އިންތިހާބުވެވަޑައިގެންނެވިއިރު އެ މަސައްކަތް ހިނގަމުން ދިޔައީ ވަރަށް ލަސްކޮށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވީއައިއޭ ތަރައްގީ ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ޓްރާންސިޝަން މަރުހަލާގައި، މަޝްރޫއެއް ހިންގާ ފަރާތަކާ ބައްދަލު ކުރެއްވީ ހަމައެކަނި އެ މަޝްރޫއު ހިންގާ ފަރާތާ ކަމަށެވެ. އަދި އެ ޓްރާންސިޝަން މުއްދަތުގެ ތެރޭގައި ވީއައިއޭއަށް ވަޑައިގެން އަމިއްލަފުޅަށް އެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވިކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ އޭރު މަސައްކަތް ކުރިއަށް ދިޔައީ ވަރަށް ލަސް ސްޕީޑެއްގައި ކަމަށެވެ. އަދި ގިނަ މައްސަލަތައް ހުރި ކަމަށާއި މަޝްރޫއު ތާވަލާ އެއްގޮތަށް ދާންވާ ޓާގެޓަށް ނުދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެހެން ނަމަވެސް މިހާރު ވަރަށް ބޮޑު ތަން ތާވަލާ އަރާ ހަމަ ކުރެވިފައިވާ ކަމަށާއި މަޝްރޫއު ވަރަށް ބާރަށް ކުރިއަށްދާ ކަން ރައީސް ފާހަގަ ކުރެއްވިއެވެ. އަދި އުންމީދަކީ މި އަހަރު ނިމެންވާއިރަށް އާ ޓާމިނަލްގެ މަސައްކަތް ނިންމާ، އެއާޕޯޓް އޮޕަރޭޝަން ގެނެވުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަކީ އެއާޕޯޓް ތަރައްގީ ކުރުމަށް މިހާރު ހިންގަމުންދާ މަޝްރޫއުގެ މުހިއްމު މަސައްކަތެކެވެ. މި މަޝްރޫއުގެ ދަށުން އާ ކޯޑް-އެފް ރަންވޭ އަކާއި، ނޫވިލު ސީޕްލޭން ޓާމިނަލާއި، ވީއައިޕީ ބިލްޑިންއަކާއި، ކާގޯ ޓާމިނަލަކާއި، ފިއުލް ފާމެއްގެ އިތުރުން ފަޔާ ސްޓޭޝަނެއް ވެސް ވަނީ ގާއިމު ކޮށްފައެވެ.