ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް ޑރ. ފަޒީލް ނަޖީބު އަދި ބަންގްލަދޭޝްގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް ޝިއުނީން ރަޝީދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ދެ ބޭފުޅުންގެ ނަން ފޮނުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް ރުހުން ހޯއްދެވުމަށް ފޮނުއްވި ޑރ.ފަޒީލް ވަނީ 1987-2004 ގެ ނިޔަލަށް ޓްރޭޑް މިނިސްޓްރީގެ އެކި ފެންވަރުގެ މަގާމުތައް ފުރުއްވައިފައެވެ. މީގެ އިތުރުން ޑރ.ފަޒީލް ވަނީ ކުރީގެ ގަވަރުނަރުކަމާ އަދި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވާފައެވެ.

މީގެ އިތުރުން ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ޝިއުނީން، ބަންގްލަދޭޝްގައި ހުންނަވާ ދިވެހި ސަފީރަކަށް ރުހުން ހޯއްދެވުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްވެސް ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ފޮނުއްވާފައެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުން ވަނީ ވެރިކަމުގެ ފަހު ދުވަސްކޮޅު ސަފީރުން އައްޔަނުކުރަން ދެކޮޅު ހަދައި، ރުހުން ދިނުން މަޑުޖައްސާލާފައެވެ.

މި ދެ ބޭފުޅުންގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު ސަފީރު ކަމަށް އައްޔަނުކުރަން މިހާތަނަށް ފޮނުއްވާފައިވާ ހުރިހާ ބޭފުޅުން ރުހުން ހޯދުމަށް މަޖިލީހުގެ ރިޔާސަތުން ވަނީ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވާފައެވެ.