ކ. ގުޅިފަޅު ހިއްކުމުގެ މަޝްރޫއުގެ ދަށުން 16.9 މިލިއަން ކިޔުބިކް މީޓަރުގެ ބިން ހިއްކާފައިވާ ކަމަށް ކޮންސްޓަރަކްޝަން މިނިސްޓްރީއިން ބުނެފިއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީއިން ބުނީ ގުޅިފަޅުން ހިއްކުމަށް ހަމަޖެހިފައިވާ 18 މިލިއަން ކިއުބިކް މީޓަރުގެ ސަރަހައްދުގެ ތެރެއިން 16.9 މިލިއަން ކިޔުބިކް މީޓަރު ހިއްކާ ނިމިފައިވާއިރު ބިން ހިއްކުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށެވެ.

ގުޅިފަޅު ހިއްކުމަށް ކުރާ މަސައްކަތް ވަގުތީ ގޮތުން މަޑުޖައްސާލުމަށް ހައި ކޯޓުން މިދިޔަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ހައިކޯޓުން ވަގުތީ އަމުރެއް ނެރުނު ނަމަވެސް ސްޕްރީމްކޯޓުން ވަނީ އެ އަމުރު ހިފަހައްޓާފައެވެ.

ހައިކޯޓުގެ އަމުރުގައި އެ ކޯޓުން ފައިސަލާ ކުރަނިވި ހުކުމެއް ކުރަން ދެން، ގުޅިފަޅު ޕޯޓް ޑިވެލޮޕްމަންޓް މަޝްރޫގެ ބިން ހިއްކުމާ ގުޅޭ އެންމެހައި މަސައްކަތް ވަގުތީ ގޮތުން ހުއްޓާލުމަށް އަމުރު ކުރިއެވެ. އެ އަމުރު ރައްދުވާ ފަރާތްތަކުގެ ގޮތުގައި ހިމަނާފައި އޮތީ، ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި އެންވާރަމަންޓް މިނިސްޓްރީއެވެ.

އެއާއެކު ދައުލަތުގެ ފަރާތުން ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން ގޮތެއް ކަނޑައަޅަންދެން ހައިކޯޓުގެ އަމުރާ ގުޅިގެން އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ވަނީ އަމުރު ކޮށްފައެވެ.

ސްޕްރީމް ކޯޓުގެ އަމުރުގައި އިތުރަށް ބުނެފައި ވަނީ، ހައިކޯޓުގެ އަމުރާ ގުޅިގެން ހުކުމް ތަންފީޒު ކުރުން ފަސްނުކޮށްފި ނަމަ އޭގެ ސަބަބުން ދައުލަތަށް ލިބޭނެ ގެއްލުން އިންތިހާއަށް ބޮޑުވެގެން ދިޔުމުގެ އިހުތިމާލު ފާޅުކަން ބޮޑުކޮށް ފެންނަ ކަމަށެވެ. އެހެން ކަމުން ވަކިގޮތަކަށް އަމަލު ކުރަން ސްޕްރީމް ކޯޓުން އަންގަންދެން ނުވަތަ އެ ކޯޓުން ގޮތެއް ކަނޑައަޅަން ދެން ހައިކޯޓުގެ އަމުރު ހިފަހައްޓާ ކަމަށެވެ. ނުވަތަ ތަންފީޒު ކުރުން ހުއްޓުވާ ކަމަށެވެ.