ބޮލީވުޑްގެ ކާމިޔާބު ގިނަ ފިލްމުތަކުން ފެނިފައިވާ ބަތަލާ ތާޕްސީ ޕަންނޫ ކައިވެނިކޮށްފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މީޑިއާތަކަށް ސިއްރުން ބޮލީވުޑްގެ ބަތަލާ ތާޕްސީ ކައިވެނިކުރިއިރު ކައިވެނީގެ އެއްވެސް ރަސްމިއްޔާތެއްގެ ފޮޓޯއެއްވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެއް ނުވެއެވެ. ބޭރުގެ ރިޕޯޓްތައް ބުނާގޮތުގައި ތާޕްސީ ކައިވެނިކުރީ މި މަހުގެ 23 ވަނަ ދުވަހު އުދައިޕޫރުގައެވެ. އަދި އެ ހަފްލާގައި ބައިވެރިވީ އާއިލާ އާއި އެންމެ ގާތް އެކުވެރިން އެކަންޏެވެ. ބަތަލާ ކައިވެނިކުރި އިރު މިދިޔަ މަހު ވަނީ ތާޕްސީ އާއި އޭނާގެ ޒަމާންވީ ލޯބިވެރިޔާ މެތިއަސް ބޮއީއާ މި މަހު ކައިވެނިކުރަން އުޅޭކަމުގެ އަޑު ގަދަވެފައެވެ. އުމުރުން 43 އަހަރުގެ މެތިއަސް އަކީ ޑެންމާކަށް އުފަން މަޝްހޫރު ބެޑްމިންޓަން ކުޅޭ ތަރިއެކެވެ. ކައިވެނީގެ ރަސްމިއްޔާތުތައް މި މަހު 20 ވަނަ ދުވަހު ފެށިއިރު އެ ކައިވެނި ކުރީ ސީކަޒަމް އަދި ކްރިސްޓިއަންސްގެ ސަގާފަތާއެކުގައެވެ.

ތާޕްސީ އާއި މެތިއަސް ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ 10 އަހަރުވެފައިވާއިރު އެދެމީހުން ވަނީ 2020 ވަނަ އަހަރު ރާއްޖެ އައިސް ޗުއްޓީ ވެސް ހޭދަކޮށްފައެވެ. 2010 ވަނަ އަހަރު ބޮލީވުޑަށް ނުކުތް ތާޕްސީ އަކީ ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ބަތަލާއިންގެ ތެރޭގައި ހިމެނޭ ތަރިއެއްވެސް މެއެވެ. އޭނާ އެންމެ ފަހުން ފެނިގެންދިޔައީ ޝާހްރުކް ހާން އާއެކު ފިލްމު "ޑަންކީ" އިންނެވެ. އޭނާ ކުޅުނު ބައެއް މަގްބޫލު ފިލްމުތަކުގެ ތެރޭގައި "ތައްޕަޑް"، "ޖުޅްވާ 2"، އަދި "ޕިންކް" ހިމެނެއެވެ.