ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޝްރައްދާ ކަޕޫރު މިއަހަރުތެރޭ ކައިވެނިކުރާނެ ކަމުގެ އަޑުފެތުރެން ފަށައިފިއެވެ.

ކުރިން ފޮޓޯގްރާފަރު ރޯހަން ޝްރެސްތާ އާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ އަޑުފެތުރުނު އިރު މިހާރު ބޮލީވުޑްގެ ނޫސްތަކުން ބުނާގޮތުގައި ބަތަލާގެ އާ ލޯބިވެރިޔާ އަކީ ރާހުލް މޯދީއެވެ. ރާހުލް އާއި ޝްރައްދާ ބޭރުން ވަރަށް ގިނައިން މިހާރު ފެންނަމުން ދާއިރު ދާދިފަހުން ޝްރައްދާ އާންމުކުރި ފޮޓޯގައި އޭނާގެ ކަރުގައި އޮތީ "އާރް" އަކުރު ޖަހާފައި އޮތް ފަށެކެވެ. އެއާއެކު އެއީ ރާހުލް އާއި ޝްރައްދާގެ ގުޅުން މީޑިއާ އަށާއި ދުނިޔެއަށް އެންގުމަށް ޕޯސްޓްކުރި ފޮޓޯއެއް ކަމަށް މީޑިއާތަކުގައި ބުނެފައިވެއެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުގައި ބަތަލާ ޝްރައްދާ މިހާރު ކައިވެނިކުރަން ތައްޔާރުވަމުން އަންނައިރު މި އަހަރު ފަހު ކޮޅު ކައިވެނިކުރާނެއެވެ. އަދި ކައިވެނީގެ ތާރީހް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝަކްތީ ކަޕޫރުގެ އަންހެން ދަރިފުޅު ޝްރައްދާ އާއި ރާހުލް ލޯބީގެ ގޮތުން ގުޅިގެން އުޅޭ އިރު ރާހުލް އަކީ މިދިޔަ އަހަރު ރިލީޒްކުރި ޝްރަދާ އާއި ރަންބީރް ކަޕޫރްގެ ފިލްމުގެ "ތޫ ޖޫޓީ، މޭ މައްކާރު" ގެ ސްކްރީން ރައިޓަރެވެ. ދާދިފަހުން ޖަމްނާނަގަރުގައި ބޭއްވި އިންޑިއާގެ މަހުޖަނު މުކޭޝްގެ އަމްބާނީގެ ހަގު ދަރިފުޅު، އާނަންތު އަމްބާނީގެ ޕްރީ ވެޑިން ހަފްލާގައި ބައިވެރިވުމަށްވެސް ޝްރައްދާ ދިޔައީ ރާހުލް އާއެކުގައެވެ.

ހަމައެއާއެކު ޖަމްނާނަގަރަށް ދިޔަ މަގުމަތީގައި ޝްރައްދާގެ ކުރީގެ ލޯބިވެރިޔާ އަދިތްޔާ ރޯއީ ކަޕޫރު އާ ދިމާވުމުންވެސް ޝްރައްދާ ވަނީ އަދިތްޔާ އަށް ރާހުލް ތައާރަފްވެސް ކޮށްދީފައެވެ. އޭގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވިއެވެ.