އަސާސީ މުސާރާއާ އެކު ފުލުހުންގެ ޖުމްލަ މުސާރަ 15 އަހަރު ފަހުން ބޮޑުކޮށްފިއެވެ.

އެކަން ކަށަވަރުކޮށްދެއްވާ ފުލުހުންގެ ތަރުޖަމާނު، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ފުލުހުންގެ މުސާރަ މިމަހުން ފެށިގެން 35 ޕަސެންޓް ސަރުކާރުން ބޮޑުކޮށްދީފައިވާ ކަމަށެވެ. އަދި އާ މުސާރައިގެ އޮނިގަނޑުގައި ހިމެނެނީ ބޭސިކް ސެލެރީގެ އިތުރުން މަގާމުގެ އެލަވަންސާއި ޖޮބް އެލަވަންސް އަދި ކުރާ މަސައްކަތާއި ގުޅޭގޮތުން ދެވޭ އެލަވަންސެއް ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ މިއީ 2009 ވަނަ އަހަރުގެ ފަހުން އަސާސީ މުސާރާއާ އެކު ފުލުހުންގެ މުސާރަ ބޮޑު ކުރެވުނު ފުރަތަމަ ފަހަރު ކަމަށެވެ.

ޝިފާން އިތުރަށް ވިދާޅުވީ މުސާރަ އޮނިގަނޑު ޒަމާނީކޮށް ފުލުހުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން އެލަވަންސް ތައާރަފް ކުރުމުގެ ގޮތުން ކުރިންދެމުންއައި އެލަވަންސް ތަކަށް ބަދަލުގެނެވިފައި ވާނެ ކަމަށެވެ.

ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި އެކަން އެގޮތަށް ކުރައްވާނީ ފަސް އަހަރަށް ބަހާލައިގެން ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެގޮތުން 2024 ގައި 35 އިންސައްތަ މުސާރަ ބޮޑުކުރާއިރު 2026 ގައި 35 އިންސައްތަ ބޮޑު ކުރުމުގެ އިތުރުން 2028 ގައި ބާކީ 30 އިންސައްތަ މުސާރަ ބޮޑުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.