ހުޅުމާލެ ފޭސް 2ގައި ދާދި އަވަހަށް ކުޅިވަރު ކުޅޭ އެކި އެކި ވަސީލަތްތައް ގާއިމުކުރެވިގެންދާނެ ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ރައީސް އޮފީހުން ސިލްސިލާކޮށް ކުރިއަށް ގެންދާ 'ރައީސްގެ ޖަވާބު' ސިލްސިލާ ޕްރޮގުރާމުގެ ތެރެއިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުޅިވަރު ކުޅޭނެ އެކަށީގެންވާ ވަސީލަތްތައް ނެތުމާއި ގުޅިގެން ހިޔާ ފްލެޓް H-12-02-01، ނިޝްރީނާ މޫސާ ކުރި ސުވާލުގެ ޖަވާބުގައެވެ.

ނިޝްރީންގެ ސުވާލުގައި އޭނާ ބުނީ ހިޔާ ސަރަަހައްދަށް ދިރިއުޅުން ބަދަލުކުރިތާ 2 އަހަރާއި ގާތްވެފައިވާ އިރު އަދި ވެސް އެސަރަހައްދުގައި ޕާކް، ތަަކާއި ކުޅިވަރު ކުޅޭ ހާއްސަކޮށް އަންހެނުންނަށް ކުޅިވަރު ކުޅެވޭނެ ސަރަހައްދުތައް ހަދާފައި ނުވާ ކަމަށެވެ. އަދި މިފަދަ ވަސީލަތްތައް ގާއިމުވެގެންދާނީ ކޮން އިރަކުންތޯ އަހާ ނިޝްރީން ވަނީ ރައީސްއާ ސުވާލުކޮށްފައެވެ.

ޖަވާބުގައި ރައީސް ވިދާޅުވީ، ހިޔާ ސަރަހައްދުގެ ކަންކަން ހަގީގަތުގައި ހުރީ އެއްވެސް ވަރަކަށް ނުކޮށް ކަމަށާ މިސަރުކާރުން ވަނީ ފޭސް 2 ގައި ކުޅިވަރު ކުޅޭ ތަންތަނާއި ޕާކްތަކާއި ހިތް ފަސޭހަ މައިދާނުތައް ހަދަން ނިންމާފައި ކަމަށެވެ. ރައީސް ވިދާޅުވީ، ހިޔާ ސަރަހައްދަކީ އެންމެ ގިނަ މީހުން އެއް ސަރަހައްދެއްގައި އުޅޭ ތަނަކަށްވެފައި ސަރުކާރުން ވަރަށް އަވަހަށް ކުޅިވަރު ކުޅޭ ތަންތަނާއި ޕާކްތައް ހެދުމުގެ މަސައްކަތްތައް ފަށާނެ ކަމަށެވެ. އަދި މި ކަންކަން ސަރުކާރުން ކުރާނީ އެޗްޑީސީއާއި އެހެން ފަރާތްތަކާއި ވެސް ގުޅިގެން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ގާއިމުކުރާ ވަސީލަތްތަކުގެ ތެރޭގައި އެކި ކަހަލަ ކުޅިވަރު ކުޅޭ ކޯޓުތަކާއި ހާއްސަކޮށް އަންހެނުން ހޭންޑްބޯލް ކުޅޭ ކޯޓުތައް ވެސް ހިމެނޭނެ ކަމަށެވެ.

މި ތަންތަން ހެދުމުގެ މަސައްކަތް ދާދި އަވަށް ފަށާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.