ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު "ނޭޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީ" ގެ ނަމުގައި އިދާރާއެއް މިއަދު އުފައްދަވައިފިއެވެ.

ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން އުފެއްދެވި މި އިދާރާއަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ވަނީ ހަމަޖައްސަވާފައެވެ.

ރައީސް އޮފީހުން ބުނީ "ނޭޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީ" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރެއްވި ބޭނުންތަކުގެ ތެރޭގައި ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ ސައިބާ ސެކިއުރިޓީއާ ގުޅުންހުރި އެންމެހައި ކަންތައްތަކުގައި ފާރަވެރިވުން ހިމެނޭ ކަމަށާ އަދި ގައުމީ ފެންވަރުގައި ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތްކުރުން ހިމެނޭކަމަށެވެ.

މީގެއިތުރުން ސައިބާ ސެކިއުރިޓީގެ ދާއިރާގައި ރާއްޖޭގައި އަމަލުކުރާނެ އުސޫލުތަކާ މިންގަނޑުތައް ކަނޑައެޅުމަށާއި، ދައުލަތުގެ މުއައްސަސާތަކުގެ ސައިބާ ދިފާއީ ގާބިލުކަން އިތުރުކުރުމަށް އެހީތެރިވުންވެސް ހިމެނޭކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ. އަދި ސައިބާ ސެކިއުރިޓީގެ ދާއިރާއިން ރާއްޖޭގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް ހޯދުމަށް ގައުމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްކުރުން މި އިދާރާ އުފެއްދުމުގެ ބޭނުންތަކުގެ ތެރޭގައި ހިމެނެއެވެ.

"ނޭޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީ"އަށް ދިވެހި ބަހުން ބޭނުންކުރަން ހަމަޖައްސަވައިފައިވާ ރަސްމީ ނަމަކީ "ސައިބާ ސެކިއުރިޓީއާ ބެހޭ ގައުމީ އިދާރާ"އެވެ.