ކާބަފައިންގެ ކޮންމެ މަސައްކަތަކީވެސް އެ މަސައްކަތެއްގެ ރީތިކަމާއި އެ ވެރިންގެ ހުނަރުވެރިކަމާމެދު މިއަދުވެސް ތައުރީފް ކުރެވޭ އަދި ތައުރީފް ހައްގު މަސައްކަތްތަކެވެ. ކާބަފައިންގެ ކޮންމެ މަސައްކަތަކީ ވެސް މިއަދުގެ މަސައްކަތްތަކާ ހިލާފަށް އެތައް ބުރައެއް އުފުލާއިގެން ކުރާ މަސައްކަތްތަކެވެ. އެގޮތުން އޭރު ކޮށް އުޅުނު މާވަޑިކަމާއި ކަނބުރުވެރިކަމުން ފެށިގެން ގޮސް ކިތަންމެ ދިގު ލިސްޓެއް ވެސް ލިޔެވިދާނެއެވެ. މިއިން ކޮންމެ މަސައްކަތަކުން ވެސް ފެނި، އެނގި ހާމަވަނީ ކާބަފައިންގެ މުރާލިކަމާއި ކެރުންތެރިކަމެވެ.

މާވަޑިކަމަކީ މިފަދައިން ފާހަގަކޮށްލެވޭ ބުރަ މަސައްކަތެކެވެ. އެ މަސައްކަތަށް ބޭނުންވާ ތަކެތި ހޯދުމަށް ފަޅު ރަށް ރަށުގައި ގިނަ ވަގުތުތަކެއްވެސް ހޭދަކުރަން ޖެހޭ މަސައްކަތެކެވެ. އަނބިދަރިންނާއި މުޅި އާއިލާ ދޫކޮށް އެ މަސައްކަތެއްގައި އެހެން ރަށްރަށުގައި ގިނަ ދުވަސްތަކެއްވެސް ހޭދަކުރަން ޖެހޭ މަސައްކަތެކެވެ.

"ދަ ޕްރެސް މީހުން" ސިލްސިލާގައި މި ގެނެސްދޭ މާވަޑިއަކީ ހއ. ވަށަފަރު އުމުރުން 67 އަހަރުގެ މުހައްމަދު ހުސައިންނެވެ. މުހައްމަދަކީ އެ މަސައްކަތުގައި ގިނަ ރަށްތަކަކަށް ދަތުރުކޮށް، މިހާރު ހދ. ހަނިމާދުއަށް ދިރިއުޅުން ބަދަލުކޮށް އެ ރަށުގައި ދިރިއުޅެމުން އަންނަ މީހެކެވެ. މި ނޫނަސް ކާބަފައިންގެ ފުށުން ވާރުތަވީ އެތައް މަސައްކަތެއްވެސް މިހާރު ވެސް ކުރަމުން އަންނަ މުހައްމަދަކީ ކުޅަދާނަ މަސައްކަތްތެރިއެކެވެ.

މަސް ހިފާ ދާ، ހަލާކުވެގެން ހަދަން ފެށި މުހައްމަދު ދާ ބަނުމުގެ ވިޔަފާރީގެ ތެރެއަށް!

ފުރާވަރުގައި މަސް ހިފުމަކީ އޭރުވެސް މިހާރުވެސް އެ އުމުރުގެ ކުދިން ވަރަށް ކުރާ ހިތުން ކުރާ ކަމެކެވެ. އެކި އެކި އާލާތްތައް ބޭނުން ކޮށްގެން މަސްހިފާ މަންޒަރުތައް މިހާރުވެސް މަދުންނަމަވެސް ފެންނަމުން ދެކެވެ.

ފުރާވަރުގައި މުހައްމަދުވެސް އުޅެމުން ދިޔައީ އެހެންނެވެ. މަސައްކަތެއްގެ ތެރެއަށް ވެސް އޭނާއަށް ވަދެވުނީވެސް ހަމަ އެގޮތަށެވެ. އެގޮތުން އުމުރުން 15 ނުފުރެނީސް ދާ ވިޔަން ދަސްކޮށް އެ މަސައްކަތުގެ ތެރެއަށް ވަން މުހައްމަދު ބުނީ އެ ދުވަސް ވަރު ދާ ބަނުމުގެ އިތުރުން އެހެނިހެން ކުދި ކުދި މަސައްކަތްތައް ދަސްކޮށް ކުރަން ފެށި ކަމަށެވެ.

މުހައްމަދު ހުސައިން ދާ ވިޔަނީ / ފޮޓޯ: މުހައްމަދު މިހާޒް - ދަ ޕްރެސް

ދާ ބަނުމުގެ މަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަން ފާހަގަކުރަމުން މުހައްމަދު ބުނީ ދާ ބަނުމުގެ މަސައްކަތް ދަސްކުރީ ގޮނޑުދޮށަށް މަސް އަރަމުން ދާތީ މަސް ހިފަން ދާން ބޭނުންވެގެން މީހުން ގެންނަ ދާ ބުރިބުރިން ތަންކޮޅުކޮޅު ހަލާކުވިޔަސް ހަދާނެ މީހަކު ނުހުންނާތީ އެ ތަންތަން ހަދަން ފެށި ފެށުމަކުން ކަމަށެވެ. އެގޮތަށް ހަލާކުވާ ތަންތަން ހަދަން ދަސްކޮށްގެން އެންމެ ފަހުން ދާ ބަނުމުގެ މަސައްކަތް ފެށީ ކަމަށް މުހައްމަދު ކިޔައިދިނެވެ.

"ގޮނޑުދޮށަށް މަސް އަރަނީ. މަސް ހިފަން ބޭނުންވޭ އެބަ. މަސް ހިފަން ބޭނުންވެގެން މިޖެހެނީ މީހުން ކައިރިއަށް ގޮސްގެން ދާ ހޯދަން. އެ ގެނެސްގެން އުޅޭ އިރުވެސް ތަނެއް ހަލާކުވުމުވެސް ތަނެއް ހަދާނެ މީހަކު ނެތީމަ ޖެހޭނީ ހަދާކަށްނު. ދެން އެ ގޮތަށް އެ ހަދަން ދަސްކުރީ. ދަސްކޮށްގެން އައިސް ދާ ބަނީ"
މުހައްމަދު ހުސައިން

ދާ ބަނުމުގެ މަސައްކަތާއި އެހެނިހެން މަސައްކަތްތައްވެސް ފުރަތަމަ މުހައްމަދު ފެށީ އޭނާގެ އުފަން ރަށް ވަށަފަރުންނެވެ. އެގޮތުން ވަޑާމުގެ މަސައްކަތާއި ކަނބުރުވެރިކަން ވެސް އޭނާ ފެށީ ވަށަފަރުންނެވެ.

މާވަޑިކަމުގެ މަސައްކަތުގެ ތެރެއިން ދިރިއުޅުން ހަނިމާދުއަށް!

ގާތްގަނޑަކަށް 1973 ވަނަ އަހަރު، މުހައްމަދުގެ އުމުރުން 15 އަހަރުގައި ވަޑާމުގެ މަސައްކަތް އޭނާ ދަަސްކުރީ ކުޑަކުދިންނަށް ބޮނބިންނާއި ކަށިކެޔޮ ފަތް ކަހަލަ ތަކެތިން އެކި ކަހަލަ ކުދި ކުދި ދޯނި ހަދައިދޭން ފެށި ހިސާބުންނެވެ.

ދޯނި ފަހަރު ބަންނަ މާވަޑިންނަކީ އެއްރަށުން އަނެއް ރަށަށް ގޮސް އުޅޭ ބައެއްކަން ފާހަގަކޮށް މުހައްމަދު ބުނީ އޭނާވެސް އޭރު އުޅެނީ އެހެންކަމެވެ. އެހެން އުޅެނިކޮށް އޭނާގެ އޭރުގެ އަނބިމީހާ ނިޔާވީ ކަމަށް މުހައްމަދު ބުންޏެވެ. އެއަށްފަހު ހަނިމާދުއަށް ދޯންޏެއް ބަންނަން ގޮސް، އެ ރަށު މީހަކާ އިނދެގެން އެރަށުގައި ދިރިއުޅެމުން ދާ ކަމަށް މުހައްމަދު ކިޔައިދިނެވެ.

"އެގޮތަށް އުޅެނިކޮށް ބޭބެގެ އަންހެނުން، ކުދިންގެ މަންމަ ނިޔާވީ. ދެން މި ރަށު ދޯންޏެއް ބަންނަން އައިސް މި ގޭ މީހާއާ އިނދެގެން މަޑުކުރީ. ކުދިން ކޮޅުވެސް އޭރު ބޮޑެތި ވެއްޖެ. ދެން މި ތަނުގައި މި އުޅެނީ"
މުހައްމަދު ހުސައިން

ދޯނި ފަހަރު ބަން މުހައްމަދު ވަނީ މާލެ ދަތުރުކުރާ ބައްތެއްޔާއި ބޯޓާއި ކަންނެލި އޮޑިތަކާއި ބޮޑެތި ދޯނި ފަހަރު ބަނުމުގެ މަސައްކަތްތައް ވެސް ކޮށްފައެވެ.

އެއަށްފަހު ފަތުރުވެރިން ހިމެނޭ ގޮތަށް ގިނަ ބައެއްގެ ލޮލުގައި އަޅައިގަންނަ ކުދި ކުދި ދޯނި ފަހަރު އޭނާ ހަދަން ފެށީ މައުރަޒަށެވެ. އެއީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އަތޮޅުތަކުގައި ބާއްވަމުން ގެންދިޔަ މައުރަޒުތަކަށެވެ. އެ މައުރަޒުތަކަށް މުހައްމަދު ހަދަމުން ދިޔަ ދޯނި ތަކަށް ވަނަ ލިބި، ނަމޫނާ ދޯނީގެ ގޮތުގައި ހޮވުނު ހިސާބަކީ އެ މަސައްކަތަށް އޭނާ ޝައުގުވެރިކަން އުފެދުނު ހިސާބެވެ.

މުހައްމަދު ހުސައިން ހަދާފައިވާ ކުދި ދޯނިތަކެއް/ ފޮޓޯ: މުހައްމަދު މިހާޒް - ދަ ޕްރެސް

އެއަށްފަހު އޯޑަރުތައް ނަގައިގެން އެކި ވައްތަރުތަކަށް، އެކި ސައިޒުތަކަށް އޭނާ ދިޔައީ ދޯނިތައް ހަދަމުންނެވެ.

ދޯނީގެ އިތުރުންވެސް ވަޑާމުގެ ކޮންމެ މަސައްކަތަކީވެސް އޭނާ ކުރަން ދަންނަ ކުރާ މަސައްކަތެކެވެ. ބަދިގޭގައި ބޭނުންކުރާ ސާމާނުގެ ތެރޭގައި ހިމެނޭ ހުނިގޮނޑި، ދޭފަތް ފަދަ ތަކެއްޗާއި ކަބަޑުތައް ހެދުމުގެ މަސައްކަތަކީ ވެސް އޭނާ ކޮށް އުޅުނު މަސައްކަތަކެވެ.

ވަޑާމުގެ މަސައްކަތްތަކުގެ އިތުރުން އާމްދަނީ ހޯދުމަށް އޭނާ ވަނީ ކަނބުރުވެރިކަން ވެސް ކޮށްފައެވެ. އެގޮތުން ވަޅިއާއި ފުރޯ ތެޅުމާއި ނަގިލި އެއްޗެހި ހެދުމުގެ އިތުރުން ކަނބުރުގޭގައި ގިރުނބާގައި މުހައްމަދު ވަނީ މަސައްކަތް ކޮށްފައެވެ. އެ މަސައްކަތުގައި ވެސް އޭނާ ވަނީ ގާތްގަނޑަކަށް 6 އަހަރު ހޭދަ ކޮށްފައެވެ.

ހިތުގެ އޮޕަރޭޝަނަށްފަހު ވެސް މަސައްކަތުގައި މުހައްމަދު ދައްކަނީ ނުގުޑާ އަޒުމާއި ހިތްވަރު!

ބުރަ ބޮޑެތި މަސައްކަތްތައް ކުރަމުން ދިޔަ މުހައްމަދުގެ އެ މަސައްކަތްތުގައި 'ބުރެކި ޖައްސާލަން' ޖެހުނީ ސިއްހީ ހާލަތު އެކަމަށް ތަންނުދިނުމުންނެވެ. އެއީ ހިތުގެ ބައިޕާސް އޮޕަރޭޝަނަކާ ގުޅިގެންނެވެވެ.

އެ އޮޕަރޭޝަނަށްފަހު މިހާރު އޭނާ އާމްދަނީ ހޯދުމަށް ކުރަމުން އަންނަ މަސައްކަތަކީ ކުދި ދޯނި ފަހަރު ހެދުމާއި ދާ ބަނުމުގެ މަސައްކަތެވެ. މަސްކަނދުން މުހައްމަދު ހަދާ ތައްޔާރު ކުރަމުން އަންނަ ދޯނި ހަދަން ބޭނުންވާ މަސްކަނޑު އެ ރަށުން ލިބޭ ކަމަށާއި ކުރިން ބިންމަތީގައި ހުރެގެން ކަނޑާލެވޭ ގަސްތައް ހުރި ނަމަވެސް މިހާރު މަސްކަނދު ކަނޑަށް ޖެހެނީ ކުއްޖަކު ހޯދައިގެން ކަމަށް ވެސް އޭނާ ބުންޏެވެ.

މުހައްމަދު ހުސައިން ހަދާފައިވާ ދޯންޏެއް ހިފަހައްޓާލައިގެން/ ފޮޓޯ: މުހައްމަދު މިހާޒް - ދަ ޕްރެސް

ވަށަފަރުގައި އެ މަސައްކަތްތައް ކޮށް އުޅުނު އިރު މުހައްމަދު މަސްކަނދު ހޯދަނީ އެރަށާ ކައިރީގައި އޮންނަ ދައްޕަރުން ކަމަށާއި އޭރު ލަކުޑި ކަނޑައިގެން ގެންނަން ޖެހެނީ ފަޅު ރަށް ރަށަށް ގޮސްގެން ކަމަށް ވެސް މުހައްމަދު ވަނީ ބުނެފައެވެ.

މުހައްމަދު ބުނީ އާމްދަނީ ހޯދަން އެންމެ ރަނގަޅު މަސައްކަތަކީ ދާ ހެދުމަށް ވުރެ ދޯނި ހެދުމުގެ މަސައްކަތްތައް ކަމަށާއި ދޯންޏެއް ހަދަން ދުވާލުގެ ހަތަރުދަން ހޭދަވާއިރު 500 ރުފިޔާ ލިބޭ ކަމަށެވެ. އަދި އެ މަސައްކަތަށް ރަނގަޅު އޯޑަރުތައް ލިބޭ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މުހައްމަދު ބުނީ މިހާރުވެސް ހަދަމުން ދަނީ ރިސޯޓަކުން ނަގައިގެން އުޅޭ 100 ދޯނީގެ އޯޑަރެއް ކަމަށާއި އާންމުކޮށް އޯޑަރު ލިބެނީ 50 ދޯނި ނުވަތަ 30 ދޯންޏަށް ކަމަށެވެ. އަދި މިހާރު ނަގައިގެން ހަދަމުންދާ 100 ދޯނީގެ އޯޑަރުގެ ތެރެއިން 6 ދޯނި ނިމިފައިވާ ކަމަށް ވެސް މުހައްމަދު ބުނެއެވެ.

"މިހާރުވެސް 100 ދޯނީގެ އޯޑަރެއް ނަގައިގެން މިއުޅެނީ. ހައިޑަވޭއަށް. އެހާ ގަނައިން ނުނަގަން 50، 30 އިން ނަގަނީ. މި 100 ދޯނީގެ އޯޑަރުގެ މިހާރު ގާތްގަނޑަކަށް 6 ދޯނި މި ނިމުނީ."
މުހައްމަދު ހުސައިން

މުހައްމަދު ބުނީ އޭނާގެ އެ މަސައްކަތުގައި އަނބިމީހާއާއި ކުދިންގެ އެއްބާރުލުން ފުރިހަމައަށް ލިބޭ ކަމަށެވެ.

އެ މަސައްކަތްތައް ޒުވާނުންނަށް ދަސްކޮށްދޭން މުހައްމަދު ބޭނުމެވެ. އެހެންނަމަވެސް މިހާތަނަށް އެ މަސައްކަތް ދަސްކުރުމަށް އޭނާގެ ދަރިއަކު ނޫން އިތުރު މީހަކު ނޫޅޭ ކަމަށް މޮޅިވެރިކަމާއެކު މުހައްމަދު ބުންޏެވެ. އަދި މުހައްމަދު ބުނީ އޭނާ އެ ކުރާ މަސައްކަތުގައި އެންމެ ދެކެން ބޭނުންވަނީ ފަތުރުވެރިން އެ ރަށަށް ގޮސް، ޓޫރިޒަމްގެ ދާއިރާ ފުޅާވުން ކަމަށެވެ.