ބޮލީވުޑްގެ އެކްޓަރު ޕުލްކިތު ސަމްރާޓް އާއި ބޮލީވުޑްގެ ބަތަލާ ކްރިތީ ކަރްބަންދާ ކައިވެނިކޮށްފިއެވެ.
އުމުރުން 40 އަހަރުގެ އެކްޓަރުގެ ޒަމާންވީ ލޯބިވެރިޔާ ކްރިތީ 33، އާ ކައިވެނިކުރުމަށްފަހު ވަނީ ދެތަރިންގެ ކައިވެނީގެ ފޮޓޯތައް އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. އިންޑިއާގެ ސްޓޭޓެއް ކަމަށްވާ ހަރިޔާނާ ގައި ޕުލްކިތު އާއި ކްރިތީ ކައިވެނިކުރިއިރު މި ކައިވެނި ހަފްލާ ބޭއްވީ ޕަންޖާބު ސަގާފަތާ އެއްގޮތަށެވެ. އަދި އެ ހަފްލާގައި ބައިވެރިވީ ދެފަރާތުގެ އާއިލާގެ އިތުރުން ގާތް ރަހުމަތްތެރިންނެވެ. ދެ ތަރިން ކައިވެނިކުރުމާއެކު ބޮލީވުޑްގެ ގިނަ ސެލެބްރިޓީން އެ ދެމީހުންނަށް މަރުހަބާ ކިޔާފައި ވާއިރު އެ ދެމީހުންނަށް ސަޕޯޓްކުރާ އެތައް ބަޔަކުވެސް ވަނީ މަރުހަބާ ކިޔާފައެވެ.
މަޝްހޫރު ފިލްމު "ސަނަމް ރޭ" ގެ އެކްޓަރު ޕުލްކިތު ވަނީ މީގެ ކުރިން ކައިވެންޏެއް ކޮށްފައެވެ. ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސަލްމާން ހާންގެ ތިމާގެ މީހެއް ކަމަށްވާ ޝްވޭތާ ރޯހިރާ އާއި 2014 ވަނަ އަހަރު ކައިވެނިކުރިއިރު އެ ކައިވެނި ވަނީ މާގިނަ ދުވަސްތަކެއް ނުވެ 2015 ވަނަ އަހަރު ރޫޅިފައެވެ. 2012 ވަނަ އަހަރު "ބިއްޓޫ ބޮސް" އިން ބޮލީވުޑަށް ތައާރަފްވި ޕުލްކިތު ވަނީ "ޖުނޫނިޔަތު" އަދި "ވީރޭ ދި ވެޑިން" ފަދަ މަގްބޫލު ފިލްމުތައް ކުޅެފައެވެ.
ދެކުނު އޭޝިއާއިން ފިލްމީ ދާއިރާގައި ފައިތިލަ ސާބިތުކޮށްލި ބަތަލާ ކްރިތީ ބޮލީވުޑަށް ތައާރަފްވީ 2016 ގައި ނެރުނު ބިރުވެރި ފިލްމު "ރާޒް: ރީބޫޓް" އިން އެކްޓަރު އިމްރާން ހާޝިމީއާއެކުގައެވެ. ބަތަލާ ވަނީ "ހައުސްފުލް 4" އަދި "ޕާގަލްޕަންތީ" ފަދަ މަޝްހޫރު ފިލްމުތަކުން ފެނިގެން ގޮއްސައެވެ. މިދެތަރިން ދިމާވީ 2019 ވަނަ އަހަރު "ޕާގަލްޕަންތީ" ގެ ސެޓުންނެވެ.