ބޮލީވުޑުން މިހާތަނަށް ފެނުނު އެންމެ ރީތި ބަތަލާ މަދޫބާލާގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު ރަސްމީކޮށް އިއުލާން ކޮށްފިއެވެ.
ފިލްމު އުފައްދަން އުޅޭކަމަށް ވާހަކަ ދެކެވެނު ނަމަވެސް މި ބަޔޮޕިކް އުފައްދާނެ ކަން އޭރު ކަށަވަރުވެފައެއްނުވެއެވެ. ނަމަވެސް ދާދިފަހުން ސޮނީ ޕިކްޗާސް އާއި ފިލްމު ކުންފުނި މަދޫބާލާ ވެންޗާސް ޕްރައިވެޓް ލިމިޓެޑު ވަނީ މި ފިލްމު ހަދާނެކަން ރަސްމީކޮށް އިއުލާންކޮށްފައެވެ. ސޮނީ އިން ބުނީ ބަތަލާ މަދޫބާލާގެ ހަޔާތުގެ ވާހަކަތައް މި ބަޔޮޕިކް އިން ފެނިގެންދާނެ ކަމަށާއި ބަތަލާ ހަޔާތުގެ ފަހު ދުވަސްތައް ގުނަމުން ދިޔަ ގޮތް ވެސް މި ފިލްމުން ފެނިގެންދާނެ ކަމަށެވެ. ޑައިރެކްޓަރު ޖަސްމީތު ކޭ ރީން ޑައިރެކްޓްކޮށް އުފައްދަން ހަމަޖެހިފައިވާ މި ފިލްމު ކޯ ޕްރޮޑިއުސަރުންނަކީ މަދޫބާލާގެ ދައްތަ މަދުރު ބްރިޖް ބުޝަން އަދި އަރުވިންދު ކުމާރެވެ.
ރީތި ކަމާ އެއްވަރަށް މަދޫބާލާ އަކީ މުޅި ދުނިޔޭގެ އެންމެންވެސް ހިތްތަށް ފަތަހަކޮށްލި ބަތަލާއެކެވެ. ފިލްމީ ދާއިރާގެ ތެރެއިން ވެސް އޭނާ އަކީ އެންމެ ނަން ހިނގާ ބަތަލާއެވެ. "ވީނަސް އޮފް އިންޑިއަން ސިނަމާ" 'ގެ ނަމުން މަޝްހޫރުވި ބަތަލާ މަދޫބާލާ މަރުވީ ހިތުގައި ލޯވަޅެއް އިނދެ، އެ ބަލިހާލަތު އިތުރަށް ބޮޑުވުމުގެ ސަބަބުންނެވެ. 1954 ވަނަ އަހަރު ބަތަލާ ކުޅުނު ފިލްމެއްގެ ޝޫޓިން ތެރެއިން ބޮލަށް އެނބުރުން އަރައި، ލޭ ހޮޑު ލެވުމުން ހޮސްޕިޓަލަށް ދެއްކުމުން ހިތުގައި ލޯވަޅެއް އިންކަން ހާމަވިއެވެ. ތިން މަސްދުވަސް ބެޑްރެސްޓް ދިން ނަމަވެސް މަދޫބާލާ އަށް ފިލްމީ މަސައްކަތްތައް ހުއްޓައެއްނުލެވުނެވެ. ސޮއިކޮށްފައިވާ ގިނަ ފިލްމުތަކެއް ހުރުމުން ފަހަރަކު ފިލްމެއްގެ ޝޫޓިން މަދޫބާލާ ނިންމަމުން ގެންދިޔައެވެ. ލަންޑަނުގައި ހުއްޓާ ޑަކްޓަރުން އޭނާ އަށް މުހުލަތެއް ދިނެވެ. އެޒަމާނުގައި ހެދޭނެ ހުރިހާ ސްކޭނެއްކޮށް ބޭސްތަކެއް ދީގެންވެސް ދުނިޔޭގައި މަދޫބާލާ އަށް ހުރެވޭނީ ދެ އަހަރެއްހާ ދުވަސްކަމަށް ޑަކްޓަރުން ބުންޏެވެ. ފިލްމެއްގެ ޝޫޓިންގެ ތެރެއިން މަދޫބާލާ ހޭނެތުމުގެ ސަބަބުން ހޮސްޕިޓަލަށް ގެންދިޔުމުން ވަގުތުން ބަތަލާ އެޑްމިޓްކުރިއެވެ. އެ ފިލްމުގެ ޝޫޓިން ނުނިމި އުޅެނިކޮށް ބަތަލާ މަރުވިއެވެ.