މިއަހަރުތެރޭގައިި ޓީޗަރުން މަދު ދާއިރާތަކަށް، އިތުރަށް ޓީޗަރުން ތަމްރީނުކުރުމުގެ މަސައްކަތް ފަށާނެކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ސިލްސިލާކޮށް ކުރިއަށް ގެންދާ 'ރައީސްގެ ޖަވާބު' ސިލްސިލާ ޕްރޮގުރާމުގެ ތެރެއިން މ.މުލަކު ސުކޫލުގެ ސެން ޓީޗަރެއްގެ ގޮތުގައި 10 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ އައިޝަތު ޝައުފާވަނީ ސެން ޓީޗަރުން ހޯދުމަށް ސުކޫލުތަކުން އިއުލާނުކޮށްގެންވެސް އެފަދަ ޓީޗަރުން ނުލިބޭކަން ފާހަގަކޮށްފައެވެ. އަދި ކުރިން ސެން ޓީޗަރުންނަށް ރިސްކް އެލަވެންސްގެ ގޮތުގައި ލިބުނު ފައިސާ އަލުން ލިބޭނެ ގޮތް ހެއްދެވިދާނެތޯ ޝައުފާ ވަނީ ރައީސް އާއި ސުވާލުކޮށްފައެވެ.

މި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭނެ ޓީޗަރުން ތަމްރީނުކުރުމަކީ ސަރުކާރުގެ ވަރަށް މުހިއްމު ސިޔާސަތެއް ކަމަށެވެ. އަދި މިއަހަރުގެ މެދުތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭ ޓީޗަރުންނާ އަދި ޓީޗަރުން މަދު އެހެނިހެން ދާއިރާތައްވެސް ހިމެނޭ ގޮތަށް ޓީޗަރުން ތަމްރީނުކުރުމުގެ ޕްރޮގުރަމެއް ފަށަން ހަމަޖެހިފައިވާކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އެ ޕްރޮގުރާމުގެ އިތުރަށްވެސް މިހާރުން މިހާރަަށް ޓީޗަރުން އިތުރުކުރުމަށް ކުރެވެން ހުރި ކަންކަން ބަލައި އެކަންކަން ސަރުކާރުން ކުރާނެކަމުގައެވެ.

ސެން ޓީޗަރުންނަށް ދެމުން އައި ރިސްކު އެލަވެންސް ލިބުން ހުއްޓުނީ ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ކުރީ ސަރުކާރުން ގެނައި ބަދަލާ ގުޅިގެންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ނަމަވެސް އެ އެލަވެންސް ނުވަތަ ހާއްސަ ފައިސާގެ އިނާޔަތެއް ސެން ޓީޗަރުންނަށް ލިބޭނެ ގޮތް ސަރުކާރުން ހަމަޖައްސާނެ ކަމަށެވެ.