ދަރުމާ ޕްރޮޑަކްޝަން އިން ގެނެސްދޭ ފިލްމު "ޔޯދާ" މި މަހު 15 ވަނަ ދުވަހު ތިއޭޓާތަކުގައި އަޅުވަން ނިންމައިފިއެވެ.

މި ފިލްމުގެ ލީޑު ރޯލުން ސިދާތު އާއެކު ފެނިގެންދާނީ ކާމިޔާބު ބަތަލާ ދިޝާ ޕާޓްނީ އާއި ރާޝީ ކަންނާއެވެ. ޔޯދާ އަކީ ސިދާތު އާއި ދިޝާ އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމުވެސްމެއެވެ. އެކްޝަން ތުރިލާ ޖޯންރާ އަށް ގެނެސްދޭ މި ފިލްމު އެންމެ ފުރަތަމަ ސިނަމާތަކަށް ގެންނަން ނިންމީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. ނަމަވެސް މި ފިލްމު ވަނީ ފަހުން މި އަހަރު ގެނެސްދޭން ތާވަލްކޮށްފައެވެ.

ދަރްމާ ޕްރޮޑަކްޝަންގެ ފުރަތަމަ އޭރިއަލް އެކްޝަން ފްރެންޗައިޒް "ޔޯދާ" ގައި ސިދާތު ފެނިގެންދާނީ އާމީ އޮފިސަރެއްގެ ރޯލުންނެވެ. ފިލްމުގައިފެނިގެންދާނީ ޓެރަރިސްޓުން ތަކެއް އެއާކްރާފްޓެއް ހައިޖެކްކުރުމުން ދެން ކަންތައްތައް ވެގެންދާ ގޮތެވެ. މި ފިލްމަކީ މުޅިން އަލަށް ޑައިރެކްޝަނަން ނުކުންނަ ދެމީހަކު ޑައިރެކްޓްކުރާ ފިލްމެކެވެ. އެއީ ޕުޝްކަރު އާއި ސާގަރް އަމްބާއެވެ. ފިލްމު ޕްރޮޑިއުސްކުރާނީ ކަރަން ޖޯހަރު އަދި ޝަޝަންކް ކައިތާން އެވެ. މަނާލީގެ ހިތްގައިމު މާހައުލުގައި ޝޫޓްކޮށްފައިވާ މި ފިލްމަކީ ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެނިގެންދާނެ ފިލްމެކެވެ. މި ފިލްމު ސިނަމާތަކަށް އަންނަން ތައްޔާރުވެފައި ވަނިކޮށް އެކްޓަރު ސިދާތު ވަނީ ދާދިފަހުން ޑައިރެކްޓަރު ބަލްވިންދަރު ސިންގް ޖަނޫޖާގެ އެކްޝަން ފިލްމަކަށްވެސް ސޮއިކޮށްފައެވެ. އެ ފިލްމަކީ އުތުރާކަންދުގައި ޝޫތްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ.

ދެހާސް ބާރަ ވަނަ އަހަރު ނުކުތް ފިލްމު "ސްޓޫޑަންޓް އޮފް ދަ އިޔާ" އިން ބޮލީވުޑަށް ތައާރަފްވީ ސިދާތް ވަނީ މީގެ ކުރިން ވެސް ކަރަން އާއެކު ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އޭގެ ތެރޭގައި "ހަސީ ތޯ ޕަސީ"، "ކަޕޫރު އެންޑް ސަންސް" އަދި "ޝޭރްޝާހް" އެވެ. ސިދާތު އަކީ މިހާރު ބޮލީވުޑްގައި އެންމެ ނަން މަޝްހޫރު އެކްޓަރުވެސްމެއެވެ.