މި އަހަރުގެ ޖަނަވަރީ މަހާ އަޅާ ބަލާއިރު، ފެބްރުއަރީ މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު ދަށްވެފައިވާކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

އެޗްޕީއޭ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖަނަވަރީ މަހު ޑެންގީ ހުންޖެހިގެން 145 ކޭސް ރިޕޯޓްކޮށްފައިވާއިރު މިއަހަރު ފެބްރުއަރީ މަހު ރިޕޯޓްކޮށްފައިވަނީ 115 ކޭހެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރުވެސް ވަރަށް ބޮޑު ދަށްވުމެކެވެ. މި ގޮތުން މިދިޔަ އަހަރު ޖަނަވަރީ މަހު ޑެންގީގެ 238 މައްސަލަ ރިޕޯޓްކޮށްފައިވާއިރު ފެބްރުއަރީމަހު ރިޕޯޓްކޮށްފައިވަނީ 155 ކޭހެވެ.

މިއަހަރުގެ ޖަނަވަރީ މަހާ އަޅާބަލާއިރު ފެބްރުއަރީ މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރި މިންވަރުވެސް ވަނީ މަދުވެފައެވެ. މި އަހަރުގެ ޖަނަވަރީ މަހު އަރިދަފުސް ރޯގާ ގެ 29764 ކޭސް ރިޕޯޓްކޮށްފައިވާއިރު މިއަހަރު ފެބްރުއަރީ މަހު ރިޕޯޓްކޮށްފައިވަނީ 29170 ކޭހެވެ. އެޗްޕީއޭ އިން ވަނީ އަރިދަފުސް ރޯގާ ޖެހޭ މިންވަރު މަދުވިނަމަވެސް ކޮވިޑް އަދި އިންފުލުއެންސާ ފަދަ ރޯގާތަކުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ބޭރަށް ހިންގުމުގެ ރިޕޯޓްތައްވެސް ވަނީ މަދުވެފައެވެ. މި ގޮތުން މިއަހަރު ޖަނަވަރީ މަހު 5400 ކޭސް ރިޕޯޓްކޮށްފައިވާއިރު ފެބްރުއަރީމަހު ރިޕޯޓްކޮށްފައިވަނީ 5148 ކޭސްއެވެ. އެހެންނަމަވެސް މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު އިތުރުވުމެކެވެ. މިގޮތުން މިދިޔަ އަހަރު ޖަނަވަރީ މަހު ބޭރަށް ހިންގުމުގެ 3502 ކޭސް ރިޕޯޓްކޮށްފައިވާއިރު ފެބްރުއަރީ މަހު ރިޕޯޓްކޮށްފައިވަނީ 4357 ކޭހެވެ.

އިތުރަށް އެޗްޕީއޭ އިން ވަނީ ރިޕޯޓްކޮށްފައިވާ ކޭސްތަކުގެ އަދަދު މަދުވި ނަމަވެސް މި ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.