14 ދުވަހުގެ ތެރޭގައި ފުއްދާވާ ދެއްވާނެ ކަމަށް ވިދާޅުވި ވައުދުތައް ފުއްދަވައި ދެވިއްޖެ ކަމަށާއި ރައްޔިތުން އެދޭ ކަންކަން ބަލައި އެކަންކަން ކޮށްދެއްވާނެ ކަމުގެ ޔަގީން ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ، ރައީސް އޮފީހުން ގެނެސްދޭ "ރައީސްގެ ޖަވާބު" ގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ފުއްދަވައި ދެއްވާނެ ކަމަށް ވައުދުވެވަޑައިގެން ކަންކަން ކޮށްދެވިފައިވާ މިންވަރު އޮޅުންފިލުވުމުގެ ގޮތުން އޭނާ ސުވާލު ކުރިއެވެ. އަދި ރައީސް މުއިއްޒު ވެވަޑައިގެން ވައުދުފުޅުތައް ފުއްދަވާނެ ކަމުގެ އިންތިޒާރުގައި ހުރި ކަމަށް ވެސް އެ ފަރާތުން ބުނެއެވެ.

ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ، ފުރަތަމަ 14 ހަފްތާގެ ތެރޭގައި 161 ވައުދެއް ފުއްދަވައި ދެއްވާނެ ކަމަށް ވިދާޅުވެފައި ވާއިރު، އޭގެ ތެރެއިން 155 ވައުދު ވަނީ އެ ކަނޑައެޅި މިންވަރަށް ފުއްދަވައި ދެއްވާފަ ކަމަށެވެ.

އޭގެތެރެއިން ބާކީ ހުރި ވައުދުތަކުގެ މަސައްކަތް ވެސް ކުރިއަށް ދާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މީގެ އިތުރުން ކުރިއަށް އޮތް 5 އަހަރަށް އަމާޒުކޮށްގެން ކުރަން ނިންމާފައިވާ ކަންކަމުގެ މަސައްކަތްތައް ވެސް ކުރިއަށް ދާ ކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ.

އަދި މި ދުވަސްވަރު ރައިސް މުއިއްޒު ރަށްރަށަށް ކުރައްވާ ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލު ކުރައްވައި، ރައްޔިތުން އަދި ރަށްރަށުން އެދޭ ކަންކަން ވެސް ފުއްދައި ދެއްވުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވަރަށް ބާރު ސްޕީޑުގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހުރިހާ އިދާރާތަކުން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް މުއިއްޒު ވިދާޅުވިއެވެ.