މި ރަމަޟާން މަހު ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކޮށް، އުމުރުން ދުވަސްވީ މީހުންނަށާއި ކުޑަކުދިންނަށް ކަމޭހިތުމުގެ އާދަ އަށަގެންނެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ.

ރަމަޟާން މަހާ ގުޅިގެން ދެއްވި ހިތާބުގައި ރައީސް ވިދާޅުވީ، މާތްވެގެންވާ ރަމަޟާން މަހަކީ ހުރިހާ ގޮތަކުން ވެސް ހެޔޮކަމުގެ މައްސަރަކަށް ވާތީ އެކަކު އަނެކަކަށް ހެޔޮ އަމަލުތައް ފޯޜުވުމުގެ އާދަ އިތުރަށް ހަރުދަނާކުރުމާއި، މުއްސަނދިން ފަގީރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އެކަކު އަނެކަކަށް އެހީތެރިވެދިނުން މުހިންމު ކަމަށެވެ.

މި ހިތާބުގައި ރައީސް ވަނީ ސަރުކާރުން މިދިޔަ މަހެއްހާ ދުވަހުގެ ތެރޭ ސަރުކާރުން ކޮށްދިން ބައެއް ކަންކަމަށް އަލިއަޅުވާލައްވައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ދީ ބެކްލޮގް ފިލުވާލުން
  • އެއާ އެމްބިއުލާންސްގެ ހިދުމަތް ތައާރަފްކުރުން
  • މާލޭގެ މަގުތަކުގައި ހުންނަ ބާ އުޅަނދުފަހަރާއި ބޭނުންނުކުރާ އުޅަނދުފަހަރު ޓޯ ކުރަން ފެށުން
  • ރޯދަ މަހާ ގުޅިގެން ގޭބިސީތަކަށް ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުން
  • ރަމަޟާން މަހުގެ ފަހުދިހައިގައި ސަރުކާރުގެ އޮފީސްތައް ބަންދުކުރުން

ރައީސް ވިދާޅުވީ، މާޒީއަށް ބެލިކަމުގައި ވިޔަސް، ރަމަޟާން މަހު އެކަކު އަނެކަކަށް އެހީތެރިވެދިނުމުގެ ލާމަސީލު ނަމޫނާ ދިވެހީން ދައްކުވައިދީފައިވާ ކަމަށެވެ. އެގޮތުން ރަމަޟާން މަހަށް ތައްޔާރުވުމުގައި އަމިއްލަ ގޭބިސީތަކާއި ރަށުތެރެ ސާފުކުރުމުގައި އެންމެން ގުޅިގެން މަސައްކަތްކުރާ ކަމާއި، ރޯދަވީއްލާ ގަޑިއަށާއި ހާރުދަމަށް އެއް ގޭގައި ތައްޔާރުކުރާ ތަކެތި އެހެން ގޭބިސީތަކަށް ގެންގޮސްދިނުން ފަދަ ރީތި ސިފަތައް މާޒީން ފެންނަ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމަ އެއާއެކު މި ރަމަޟާން މަހު ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މުސްލިމު އަޚުންނާއި އުޚްތުންގެ މަތިން ހަނދުމަކޮށް އެ މީހުންނަށް ހެޔޮދުއާ ކުރުމަށް ރައީސް ހަނދާންކޮށްދެއްވިއެވެ.

އެމަނިކުފާނުގެ ހިތާބުގައި އާންމުންގެ ކިބައިން ބައެއް ކަންކަމަށް އިލްތިމާސްކުރެއްވިއެވެ. އެ ކަންކަމަކީ:

  • ދިވެހީންނަކީ އެއް ދީނެއްގައި އެއް ގައުމެއްގައި ތިބި އެއް ބައެއް ކަން ހަނދާނުގައި ބެހެއްޓުމަށް
  • ދޭދޭ ގުޅުންތައް ބަދަހިކުރުމަށް
  • މި ރަމަޟާން މަހު ކީރިތި ޤުރުއާނުން އުފާވެރިކަން ހޯދުމަށް
  • ހަގީގަތާ ހިލާފު ދޮގުވާހަކަތައް ނުފަތުރައި މުޖުތަމައުގައި ބައިވައިވުން ނުއުފެއްދުމަށް
  • އަދަބު އިހްތިރާމާ އެކު މީހުންނާ މުހާތަބުކުރުމަށް
  • ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފައި ކާބޯތަކެތި އިސްރާފުނުކުރުމަށް
  • ކޮންމެ ގޭބިސީއަކީ ކުޑަކުދިންނަށާއި އުމުރުން ދުވަސްވީ މީހުންނަށް އިހްތިރާމްކުރާ ތަންތަން ކަމަށް ހެދުމަށް

"ރަމަޟާން މަސް އަޅުގަނޑުމެން މުސްލިމުންނަށް ދޭ ފިލާވަޅުތައް ގިނަގުނައެވެ. މިއީ ކެތްތެރިކަމުގެ މައްސަރެވެ. އެކަކު އަނެކެއްގެ ބުރަތައް ލުއިކޮށްދިނުމުގެ މައްސަރެވެ. މިއީ މައާފަށް އެދުމާއި މައާފްކުރުމުގެ މައްސަރެވެ. އަދި އިސްތިޣުފާރުކުރުމާއި ތައުބާވެ އަމިއްލަ ނަފްސު އިސްލާހުކުރުމުގެ ފުރުސަތެވެ." އެމަނިކުފާނުގެ ހިތާބުގައިވެއެވެ.