ކަޅު ކާރެއްގައި އައިސް މަޑުކޮށްލުމަށް ފަހު އެ ކާރުން ފޭބީ ޕަރީއެއް ފަދަ ރީތި ޒުވާނެކެވެ. އެ ޒުވާނާ ލައިގެން ހުރި ހުދުކުލައިގެ ބޮޑު ޕްރޮމް ޑްރެސްގެ މޭމަތީގައި ވަނީ ރިހި ކުލައިން ދިއްލޭ އެސްތަކަކުން ޖަރީ ކޮށްފައެވެ. އޭނާގެ ދިގު، ރާޅު ބާނި އިސްތަށިގަނޑު ވަނީ ނިއުޅުވާލާފައެވެ. އަތުކުރީގައި އަޅާފައިވާ ބޯ، ރިހި ތަނޑިގަނޑު ފިޔަވާ އިތުރު ގަހަނާއެއް ބޭނުން ކޮށްފައެއް ނުވެއެވެ.

ކާރުން ފޭބުމާ އެކީ ވަށައިގެން އެއްވެ ތިބި މީހުންގެ އަމާޒަކަށް އެ އަންހެން ކުއްޖާ ވެގެންދިޔައެވެ. ކެމެރާމަނުން ފޮޓޯނަގަމުން ދިޔައެވެ. ކެމެރާގެ ދިއްލެމުންދާ ފްލޭޝްތަކަށް ހިނިތުންވުމުގެ މޫނެއް ދައްކަމުން އެ ހަފްލާއަށް ވަނުމަށް ހާއްސަ ކުރެވިފައިވާ ރަތް ދޫލައިގެ މަތިން ހިނގާފައި މައި ދޮރާށިން އެތެރެއަށް އޭނާ ވަނެވެ.

މިރޭގެ އުފާވެރި މާހައުލަށް އައިސްތިބި މެހެމާނުންނާއި އިއްޒަތްތެރިން ތިބީ އެކި ފަރުމާކުރުންތެރިންގެ ރީތި ހެދުންތަކާއި ގަހަނާތަކުން ޖަރީވެގެންނެވެ. މިހަފްލާ ވަގުތުން ދުރަށް ދެއްކުމަށް ރާއްޖޭގެ އެކި ޓީވީ ޗެނަލްތަކުގެ ޓީމްތައް ދިޔައީ ހުޅުމާލޭގެ މަޝްހޫރު ހޮޓަލެއް ކަމަށްވާ 'ކޯސްޓަލް ވިލާގެ' ގޯތިތެރޭގައި ހަރަކާތްތެރި ވަމުންނެވެ. މި ހޮޓެލަކީ ސެވަން ސްޓާ 10 ބުރީގެ ބޮޑު އިމާރާތެކެވެ. އިމާރާތުގެ ތިރީބައިގައި ބޮޑު ޕާކިން ލޮޓެއް ހަދާފައިވާއިރު، މިހަފްލާއަށް އަންނަމުން ދިޔަ މެހެމާނުންގެ ކާރުކޮޅުތައް ޕާކު ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

ކޯސްޓަލް ވިލާގެ ގޯތިތެރޭގައި ވަނީ ތަފާތު ކުލަތަކުގެ ބޮކިތަކުން ދިއްލާ މަސްނޫއީ ގަސްތަކުންނާއި މާމަލުން ޒީނަތްތެރި ކުރެވިފައެވެ. ހީވަނީ ރީތި، ބޮޑު ގަނޑުވަރެއްހެންނެވެ. ހަފްލާއަށް އަންނަމުން ދިޔަ މެހެމާނުންގެ މޫނުމަތިން ފެންނަމުން ދިޔައީ އުފަލާއި ހިތްހަމަޖެހުމެވެ.

މުނިފޫހި ފިލުވުމުގެ ދާއިރާގައި މަސައްކަތްކުރާ ރައްޖޭގެ ގިނަ ފަންނާނުން ބައިވެރިވާ ހަފްލާއެއް ކަމުން މި ސަރަހައްދަށް ގިނަ އަދަދެއްގެ ސަޕޯޓަރުންް ވަނީ އެއްވެފައެވެ. ބައިބޯ ވަމުންދާ އާންމުންގެ މީހުންތައް ކޮންޓްރޯލްކޮށް ތަނުގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓަން ފުލުހުންގެ ގިނަ ޒުވާނުން ދިޔައީ މަސައްކަތް ކުރަމުންނެވެ. ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ގޮތުން ހޮޓެލް ތެރޭގައި ވެސް ފުލުހުންނާއި ސިފައިންގެ ޓީމެއް މަސައްކަތް ކުރަމުން ދިޔައެވެ.

އިމާރާތުގެ އެތެރެއަށް ވަންނަން ހުރި މައިދޮރާށި ކައިރީގައި އެ ހޮޓެލްގެ ޔުނީފޯމުގައި ދެ ޒުވާނުން ތިއްބެވެ. މެހެމާނުންނަށް ދޮރުހުޅުވާލަ ދިނުމަށްފަހު އެމީހުންގެ އިޝާރާތަށް ކޮންމެ މެހެމާނަކުވެސް ރިސެޕްޝަން ކުރިމަތީހުރި ޒުވާނާ ކައިރިއަށް ދެއެވެ. އެ ޒުވާނާ ލައިގެން ހުރީ ކަކުލާހަމައަށް އަންނަ ކުރު ޔުނީފޯމެކެވެ. ވަންނަމުން ދިޔަ މެހެމާނުންގެ ނަން ލިސްޓަށް ބެލުމަށްފަހު އެމީހަކަށް ދެވިފައިވާ ދައުވަތު ކާޑުގައިވާ ކިއު.އާރް ނަންބަރު ސްކޭންކޮށްލުމުން އެމީހަކަށް ހާއްސަ ކުރެވިފައިވާ މޭޒުގެ ނަންބަރު އެ ރިސެޕްޝަން ކައިރީގައިވާ މެށިނުން ޕްރިންޓް ވެގެން ނިކުމެއެވެ.

ހޯލުތެރޭގައި ދުރު ދުރުގައި ވަށް މޭޒުތަކެއް އަތުރާފައި ހުރިއިރު އެއިން ކޮންމެ މޭޒެއްގެ ދޮށުގައި ފަސް ގޮނޑި ބަހައްޓާފައި ހުއްޓެވެ. މޭޒުމަތީގައި އަޅާފައިވަނީ ރަންކުލައިގެ ވިދުމެއްވާ ފޮތިގަނޑެކެވެ. އަދި މުޅި ހޯލްތެރެވެސް ވަނީ ރަން ކުލައިންނާއި ރިހި ކުލައިން ޖަރީކޮށްފައެވެ.

އެހަފްލާއަށް އައުމަށް ދައިވަތު ދެވިފައިވާ މީހުން ވަދެ ހޯލުގައި ހުރި ހުސްގޮޑިތައް ފުރިއްޖެއެވެ. ކޮންމެ މޭޒެއްގެ ދޮށުގައި ހިދްމަތް ކޮށްދިނުމަށް ވެއިޓަރެއް އަވަދިނެތި އުޅުނެވެ. އެވަގުތު އެ ހޯލުގައިވާ ސްޓޭޖުމަތީގައި ރާއްޖޭގެ މަޝްހޫރު އަދި ވަރަށް ޒުވާން މިޔުޒިކް ގްރޫޕެއްކަމަށްވާ 'ދަ އައިލެންޑް ބޯއިސް' ގެ ވޯކަލިސްޓް އަރްޝަދު، މަޑުމައިތިރި ލަވައެއް ހުށައަޅައިދެމުން ދިޔައެވެ. ތިން ޒުވާނުން އެކުލެވޭ މި ގްރޫޕުގެ ޒުވާނުން ތިބީ ގޮނޑިތަކެއްގައި އިށީިނދެގެންނެވެ. ކޮންމެ ޒުވާނެއްގެ އަތުގައި ގިޓައެއް އޮތް އިރު އެއިން ކޮންމެ ޒުވާނެއްގެ ކުރިމަތީގައި މައިކް ސްޓޭންޑެއް ބެހެއްޓިފައި ހުއްޓެވެ. އިވެމުން ދިޔަ މަޑުމައިތިރި ރީތި ލަވައިގެ ތެރެއަށް ގެނބިފައި އަލީނާއަށް އިނދެވުނެވެ.

މަރުހަބާ ކިޔުމަށް މޭޒު މައްޗަށް ގެނެސްދެވިފައިވާ ހާއްސަ ބުއިމަށް އިންސާފުކުރަމުން އަލީނާ އޭނާގެ އަތްދަބަހުން ފޯނު ނަގާ ގަޑި ބަލާލިއެވެ. އެވަގުތު އޭނާގެ ފޯނަށް މެސެޖެއް އައިސްފައިވާތަން ފެނުމުން ކިޔާލުމަށް ހުޅުވާލިއެވެ. "ޔޫ ލުކް ގޯޖަސް..." ރަކި ހިނިތުން ވުމަކާއެކީ ޖަވާބުގައި ތޭންކްސް އޭ އޭނާ ލިޔެލިއެވެ.

ފޯނުން މެސެޖު ކުރުމުގައި އަވަދިނެތި އިނދެވުނީ ކިހާ ވަގުތަކު ކަމެއް އަލީނާއަކަށް ނޭނގުނެވެ. ފޯނުގެ ޑިސްޕްލޭއަށް ބަލަންހުރި އަލީނާއަށް ސިހުމެއް ލިބުނީ ޖެހިގެން ހުރި ގޮނޑީގައި އިން ޒުވާން ފިލްމް ސްޓާރެއް ކަމަށްވާ ޝިޔާ އޭނާގެ ކޮނޑުގައި ކޮއްޓާލުމުންނެވެ. ފޯނު ދަބަހަށް ލުމަށްފަހު ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލެވުނީ ހަފްލާގައި ވަމުންދާ ކަންތަކަށް އޭނާއަށް ސަމާލުކަން ނުދެވި އިނުމުންނެވެ.

އަލީނާގެ ހަށިގަނޑަށް ސްޕޮޓް ލައިޓް އަޅުވާލުމާ އެކީ އޭނާއަށް ލިބުނީ ހައިރާން ކަމެކެވެ. ވާނުވާ ނޭނގި އިން އަލީނާގެ ކަޅި އަމާޒުވީ ސްޓޭޖާ ދިމާލަށެވެ.

އެރޭގެ ހާއްސާ އެނައުންސަރު ދެވަނަ ފަހަރަށް އެނައުސްކޮށްލިއެވެ. "2025 ވަނަ އަހަރުގެ އެންމެ މޮޅު ވާހަކައަކަށް ހޮވިފައިވަނީ.......... އައިޝަތު އަލީނާގެ 'ކަނޑުފެން'....." ހޯލް ތެރޭގައިވާ އެންމެންގެ ލޯތައް އަލީނާއަށް އަމާޒުވެގެން ދިޔައެވެ. ގޮނޑިން ތެދުވެ އަވަހަށް ސްޓޭޖަށް ދިޔުމަށް ހިނގައިގަތެވެ. އެއްއަޑަކުން އިވެމުން ދިޔަ އަތްތިލަ ބަޑީގެ އަޑުން މުޅި ހޯލްތެރެ ގުގުމާލިއެވެ.

މިއީ އަލީނާއަށް ލިބޭ ފުރަތަމަ އެވޯޑަށް ވާތީ ކުރަމުން ދިޔަ އިހްސާސްތަކުން އޭނާގެ ލޮލުން ކަރުނަ ހިލުނެވެ. ސްޓޭޖަށް އެރުމަށް ހާއްސަ ކޮށްފައިވާ ދޫލާގައި ހިނގާފައި ދިޔައިރު އޭނާގެ ހިތް ދިޔައީ ބާރު ބާރަށް ތެޅެމުންނެވެ. އިނާމު ހަވާލުކޮށްދިނުމަށް ޓްރޮފީ ހިފައިގެން ހުރީ ރާއްޖޭގެ އެންމެ މޮޅު އެއް ވާހަކަ ލިޔުންތެރިޔާއެވެ. ޑައިރެކްޓަރެއް އަދި ޕްރޮޑިއުސަރެއް ވެސް މެއެވެ.

ރަތް ކުލައިގެ ހެދުމެއްގައި ހިނިތުންވެ ހުރި ފާތިމަތު ނަހުލާ އާއި ސަލާމް ކުރުމަށް ފަހު އަލީނާ ޓްރޮފީގައި ހިފިއެވެ. ހަޔާތުގައި ލިޔުނު ފުރަތަމަ ވާހަކައަށް ރަން ވަނައެއް ލިބޭނެ ކަމަކަށް އަލީނާ އުންމީދެއް ނުކުރެއެވެ. ޓްރޮފީއާ އެކު މައިކް ކައިރިއަށް ހުއްޓުމުން އެކި ފަރާތް ފަރާތުން މީހުން ފޮޓޯ ނަގަން ފެށިއެވެ. އެވަގުތު އަލީނާ ވާހަކަ ދެއްކުމަށް އަނގަ ހުޅުވާލިއެވެ.

"މި ވާހަކަ އަކީ ހަގީގީ ވާހަކައެއް... އަޅުގަނޑަށް މި ވާހަކަ ލިޔުމަށް އެހީތެރިވެދިން ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.... ހާއްސަކޮށް އަޅުގަނޑުގެ މަންމަ އަދި ބެސްޓް ފްރެންޑް މިޝްކާ...."

*** *** *** *** *** ***

އޮފީސްތަކުގެ ވޮލީ ބޯޅަ މުބާރާތުގެ މެޗުތައް ކުރިޔަށް ދިޔަ ދުވަސްވަރު ކަމުން ޒުވާނުންގެ މަރުކަޒުގެ ފާރު ބުރިމަތީ އިށީނދެގެން ވިޝާލްގެ އިންތިޒާރުގައި ކަޔާން ހުރީ އެނާގެ ފޯނުން ލަވައެއް ޖަހާލައިގެންނެވެ. މެޗު ނިމުމުން އޮފީހުގެ ހުރިހާ ކުދިން އެކީގައި ނުކުތެވެ. މާދަމާރޭގެ މެޗަށް އައުމަށް ގަޑި ކިޔުމަށްފަހު ދިޔައީ އެކުއްޖެއްގެ ގެއަށެވެ. ކަޔާން ދިރިއުޅޭގެ ހުންނަނީ ހެންވޭރުގައި ކަމުން އޭނާގެ އެކުވެރި ވިޝާލަށް ގުޅީ ފަސޭހައިން ގެއަށް ދާން ބޭނުންވެގެންނެވެ. އަޑުއަހަން އިން ތިންވަނަ ލަވަ ނުނިމެނީސް ވިޝާލްގެ ސައިކަލު ކަޔާން އިށީނދެގެން ހުރި ފާރު ބުރި ކައިރިޔަށް މަޑުކޮށްލިއެވެ.

"ކޮބާ ކިހިނެއްވީ؟؟......" ކަޔާން ސައިކަލް ފަހަތަށް އެރުމުން ވިޝާލް އަހާލިއެވެ.

"ހެހެހެ.... މޮޅުވީ... ތިން ސެޓުންވެސް.... މިހާރު ދެން ފައިނަލަށް ދިޔަކަން ޔަގީންވީ... މާދަމާ މެޗުން ބަލިވިޔަސް މިއޮތީ ފައިނަލަށް ގޮއްސަ..." ކަންފަތުގައިވާ ހެޑްސެޓު ނައްޓާލަމުން އެ އުފާވެރި ހަބަރު ކަޔާންގެ އެކުވެރިޔާއާ ހިއްސާކުރީ ދަތްޕިލަށް އަތަށް ލައިގެންހުރެއެވެ.

"ގަދަ އިނގޭ..... މިރޭ ކެއުމަކަށް ނުދާނަންތަ؟ އެއްކަލަތާގަ އެބައޮތް ޗައިނީސް ބުފޭއެއް... ހިނގާ ޖައްސާލަމާ" ވިޝާލަކީ އާންމު ގޮތެއްގައި ބޭރުން ކައިބޮއެ އުޅޭ ޒުވާނެއްކަމުން އޭނާ އެކަނި ދާން ބޭނުން ނުވާތީ ކަޔާން ގާތު ކާން ދާނަންތޯ އަހާލިއެވެ.

"ނޮޓް ޓުނައިޓް.... ވަރަށް ވަރުބަލި... އަނެއްކޮޅުން މާދަމާ އޮފީހަށްވެސް ދާންޖެހޭ.... އެހެން ރެއަކުން ދޯ.." ކަޔާން ހުރީ ވަރަށް ބޮޑަށް ވަރުބަލި ވެފައެވެ.

ފެންވަރައިގެން އައިސް ނިދުމުގެ ކުރިން ކަޔާން އޮތީ އާދައިގެ މަތިން އޭނާގެ ފޯނާ ކުޅޭށެވެ. ފޭސްބުކް ފީޑްސްއަށް ވަދެގެން އޮއްވާ މިޝްކާ ޝެއާ ކުރި ފޮޓޯ ފެނުމުން ކަޔާނަށް ލިބިގެން ދިޔަ ހައިރާންކަމުން އަވަސްވެގަތީ ހަވީރު ނޫހުގެ ސައިޓަށް ވަދެ އެ ހަބަރު ކިޔާލާށެވެ. "2025 ވަނަ އަހަރުގެ މޯލްޑިވިއަން ސްޓާސް އެވޯޑް ކޯސްޓަލް ވިލާ ހޮޓެލްގައި ބާއްވައިފި" ސުރުހީ ކިޔާލުމަށްފަހު އެ ލިޔުމުގެ ތިރިޔަށް ހުރި ބައިތަކަށް ދިޔައެވެ.

ފޭސްބުކަށް މިޝްކާ ޝެއާ ކުރި ފޮޓޯ ފެނުމުން އެ ފޮޓޯގަނޑު ހުޅުވާލިއެވެ. ހުދުކުލައިގެ ވިދާ ފޮތިން ފަހާފައިވާ ހެދުމުގައި ހުރި އަލީނާ ފެނުމުން ކަޔާންގެ ހިތަށް ބުނެދޭން ނޭނގޭ ފަދަ އިހްސާސެއް ކޮށްފިއެވެ. އަލީނާގެ އެ ފުރިހަމަ ހަށިގަނޑަށް ބަލަހައްޓައިގެން އިވެވުނެވެ. އަދިވެސް އެމޫނު އެހާ ގާތުން ފެންނާނެ ނަމައޭ ހިތަށް އެރިއެވެ. ކުރިއަށްވުރެ މިހާރު އަދި މާ ފުރިހަމައެވެ. އެ ފޮޓޯގައިވާ ލިޔުން ކޮޅު ކަޔާން ކިޔާލިއެވެ. އެ ފޮޓޯގެ ދަށުން އައިސްފައިވާ އެ ހަބަރާ ގުޅުން ހުރި ލިޔުންތައް ފެންނަން ހުރުމުން އެއަށް ނަޒަރު ހިންގާލިއެވެ.

އިނާމު ދިނުމުގެ ހަފްލާއަށް ފަހު އަލީނާގެ އިންޓަވިއު ނަގައިފައި ވެއެވެ. މި އިންޓަވިއު ކިޔާލީ އަލީނާއަކީ މިފަދަ ހުނަރެއް ލިބިފައިވާ ޒުވާނެއް ކަން ކަޔާނަށް ކުރިން އެނގިފައި ނުވާތީއެވެ. އަލީނާ ލިޔުނު ފުރަތަމަ ވާހަކައިންވެސް މިހާ ބޮޑު ކާމިޔާބީއެއް ހާސިލްވުމުން ކަޔާން ވަރަށް އުފާވިއެވެ. ނަމަވެސް ކަޔާނަކީ ދިވެހި ވާހަކަ ކިޔުމަށް ޝައުގުވެރިކަން ހުންނަ ޒުވާނަކަށް ނުވާތީ މިފަދަ ވާހަކައެއް ނުކުތަސް އޭނާއަށް ނޭނގި އޮތުން އެކަށީގެންވެއެވެ. އަލީނާ ލިޔެފައިވާ ވާހަކައެއްކަން އެނގުމުން ކިޔާލުމުގެ ޝައުގުވެރިކަން އިތުރުވެގެން ދިޔައެވެ. ގޫގަލް ހާވާލުމަށްފަހު އޮންލައިންކޮށް އެވާހަކަ ކިޔާލަން ލިބޭތޯ ބަލާލިއެވެ. "ކަނޑުފެން" ޖަހަފައިވާ ލިންކެއް ފެނުމުން ކަޔާންގެ ހިތަށް ފިނިކަން ލިބިގެން ދިޔައެވެ.

"ޔެސް... ޔެސް... ޔޭސްސްސް..." ލިންކް ހުޅުވާލަން ފިއްތާލުމަށްފަހު މަޑުމަޑުން މިހެން ބުނެލީ މުއްކަވާއިގެން ހުރި އަތުން ފައިގެ ފަލަމަސްގަނޑުގައި ތަޅަމުންނެވެ. ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން އޮތް ކަޔާނަށް ލިބުނީ ވަރަށް ހިތާމަވެރި ހަބަރެކެވެ. އެވޯޑް ލިބިފައިވުމުން މިހާރު އެ ވާހަކަ ވަނީ ސައިޓުތަކުން ނަގާފައެވެ. ވީ ދެރައިން ފޯނު ނަގާ މިޝްކާއަށް ގުޅާލީ އެވާހަކަ ލިބޭނޭގޮތެއް ހޯދާލާށެވެ.

ތިންފަހަރުވެސް ފޯނު ދިޔައީ ވޮއިސް މެއިލަށެވެ. ކަޔާން ޖަވާބެއް ނުދީ ފޯނު ބޭއްވީ އެކަމާ ވަރަށް މޫޑު ހަރާބުވެ ހުރެގެންނެވެ.

އެނދުގެ ހެޑްބޯޑް މަތީގައިވާ ޑިޖިޓަލް ގަޑިއަށް ބަލާލިއިރު އޭރު ގަޑިން ދަންވަރު އެކެއް ޖަހަނީއެވެ. މިހާ ދަންވީމަ މިޝްކާ ވެސް ހޭލާ ނުހުންނާނެ ކަން އިނގޭތީ މާދަމާ މިޝްކާއަށް ގުޅާނީއޭ ހިތާ ނިދަން ހިތު ނިޔަތް ގަނެގެނ ނަޔާން އޮށޯތެވެ.

ފޭސްބުކް ސްޓޭޓަސްގައި "ޑެސްޕަރޭޓްލީ ވެއިޓިންގް ޓު ރީޑް ދެޓް ބުކް..." މިހެން ޖަހާލުމަށްފަހު ފޯނު ބާއްވާ ނިދަން އޮށޯތީ މާދަމާ އެ ވާހަކަ ހޯދައިގެން ކިޔާލުމުގެ ނިޔަތުގައެވެ.

-ނުނިމޭ-